ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
އޭސީސީން މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަ ޓްރާންސްޕޯޓުން ދޮގުކޮށްފި!
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ދެއްކެވި ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެކަން ދޮގު ކޮށްފައިވަނީ، އިއްޔެ ބޭއްވި މި ކޮމިޓީ ބައްދަލުވުމުގައި ޑރ. ސިމާދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައެވެ. 

އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ޑރ. ސިމާދު ވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދުގައިވާ ގޮތުން، ގްރޭޓާ މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު، ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވާފަ އެވެ. 

މީގެ އިތުރުން، އެއްގަމު އުޅަނޑު ދުއްވުމުގެ ލައިސަންސް ދިނުމުގެ ކަންކަމާއި ރެޖިސްޓްރޭޝަނުގެ ތެރޭގައި ވެސެލްސް ވެހިކަލްސް އަދި ޕްރޮޕަޓީ ރެޖިސްޓްރޭޝަންގެ ކަންކަމަކީ ކޮރަޕްޝަން ރިސްކިހައި ކަންކަން ކަމަށް ޑރ. ސިމާދު ވިދާޅުވިއެވެ. އަދި އެންމެ ގިނައިން ކޮރަޕްޝަން އެކުލެވޭ ކަމެއްގެ ގޮތުގައި ވެހިކަލް ރެޖިސްޓްރޭޝަންގެ ކަންކަން ޑރ. ސިމާދު ފާހަގަ ކުރެއްވި އެވެ. 

މިކަމާ ގުޅިގެން ޓްރާންސްޕޯޓުން ވަނީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށް ބުނެފައެވެ. 

މީގެ އިތުރުން މާލެ ސަރަހައްދަށް ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި، އެފަދަ ޝަކުވާތަކެއް ޓްރާންސްޕޯޓަށް ލިބެމުންދާތީ، 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި އެ އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށް މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ޓްރާންސްޕޯޓުން ޗެކް ކުރާއިރު، އެތަނަކީ ގަރާޖަކަށް ނުވާނަމަ، ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ، އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެއެވެ.

ޓްރާންސްޕޯޓުން ވަނީ އިއްޔެ ބޭއްވި މި ކޮމިޓީ ބައްދަލުވުމުގައި ޑރ. ސިމާދު ދައްކަވާފައިވަނީ މިހާރު ކަން ހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް