ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން
ވެކްސިން ޖެހުމަށް ފަހު ކިޔަވަން ފުރަން 200 އެއްހާ ދަރިވަރުން ރަޖިސްޓްރީވެއްޖެ
ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ބޭނުންވެ މިހާތަނަށް 200 އަށް ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުންނާއި އަދި މިއަހަރު އަލަށް ބޭރުގައި ކިޔަވަން ފަށަން ނިންމި ދަރިވަރުންގެ ފަރާތުން ވެކްސިން ޖަހައިގެން ބޭރަށް ކިޔަވަން ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން މިނިސްޓްރީގައި އެދެމުން އައި ކަމަށެވެ. 

އެހެންކަމުން، މިނިސްޓްރީން ވަނީ އެކަމުގައި ދަރިވަރުންނަށް ކޮށްދެވޭނެކަމެއް އޮތްތޯ ބެލުމަށް ހެލްތު މިނިސްޓްރީގައި ދަންނަވާފައި ކަމަށާއި އަދި މިނިސްޓްރީން އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެ ފުރުސަތު ދިވެހި ކިޔަވާ ކުދިންނަށް ފަހިކޮށްދީފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ވެކްސިންދޭން ނިންމީ އެކުދިން ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ މުހިއްމުކަމަށްވާތީ ކަމަށާއި އެގޮތުން އެ ދަރިވަރުންނަށް ވެކްސިން ދިނުމާއި ދެ ޑޯޒްދޭތެރެ މުއްދަތު ވެސް ހަމަޖައްސާނީ އެޗްޕީއޭ އިން ކަމަށެވެ. 

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖައްސައި ރަޖިސްޓްރީވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މިވީ ދެ ދުވަހެއްގެ ތެރޭގައި 200 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވި އެވެ. 

ވެކްސިން ޖެހުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ކިޔަވާ ކުދިންނަށް ވެކްސިން ޖެހުމަށް ދާންވީ ތަނާއި ގަޑި މިހާރު އަންގަން ފަށާފައިވާ ކަމަށެވެ. ފުރުމުގެ ކުރިން ވެކްސިން ޖެހުމުގެ އިންތިޒާމު ރާއްޖޭގައި ހަމަޖައްސާފައިވާތީ މިނިސްޓަރު ވަނީ ހުރިހާ ދަރިވަރުން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފަ އެވެ. 

"އޭގެ ތެރެއިން އެޗްޕީއޭ އިން އަންގާ ތަރުތީބަކުން އެ އަންގާ ގޮތަކަށް ދަރިވަރުންނާއި އަޅުގަނޑުމެން މިހާރު އެބަ އަންގަމުން ގެންދަން ކޮންމެ ދުވަހަކު މިހާރު ވެކްސިން ޖަހަންޏާ ދާންޖެހޭނެކަން. އެހެންވީމަ އެކުދިން އެ ރަޖިސްޓްރީކުރި ފޯނު ނަމްބަރަކަށް، އީމެއިލްއަކަށް އެދާނެ،"

ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4-6 ހަފުތާ ހަމަކޮށް ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރަން ޖެހޭނެ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުން ވަނީ އަނބުރާ ރާއްޖެއަށް އައިސްފަ އެވެ. އަދި އޮންލައިން ކްލާސްތަކުގައި އެދަރިވަރުން ބައިވެރިވަމުން އަންނައިރު ކޮވިޑްގެ ހާލަތު ހުރި ގޮތުން ބައެއް ދަރިވަރުންނަށް ވަނީ އަނބުރާ ކިޔަވަން ނުދެވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މިހާތަނަށް ރާއްޖެއިން 60،000 އަށް ވުރެ ގިނަ ބަޔަކު ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް