ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ސްޓޫޑެންޓް ލޯންގެ ދާއިމީ ލިސްޓުގެ ކުރިން ވަގުތީ ލިސްޓެއް ނެރޭނަން: ހަޔާ އެޑިއުކޭޝަން
މިއަހަރުގެ ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން އިއުލާން ކުރާނީ ވަގުތީ ލިސްޓެއް އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށްފަހު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކޮންމެ އަހަރެއްގައި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކުރީ އަހަރުތަކުގެ ތަޖުރިބާތަކަށް ބަލާއި ރަނގަޅު ކުރަން ޖެހޭކަންކަން ފާހަގަކޮށް އެކަމަށް އިސްކަންދެއްވާކަމަށާއި އެގޮތުން ސުޓޫޑެންޓް ލޯނަކީ އެތައް ދަރިވަރުންގެ ކިޔެވުމާއި ގުޅިފައިވާ ކަމަކަށްވުމުން އެ ނިޒާމަކީ ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ހިފޭ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާވާ ކަމަށެވެ.

އަދި މިފަހަރު ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން ކަނޑައަޅާނީ ލޯނަށް ހުށަހެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ވަގުތީ ލިސްޓެއް އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހުކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ލޯނު ބޭނުންވާ ދަރިވަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބެލުމަށްފަހު އާއްމުކުރާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ދެއްވާނެ ކަމަށެވެ. އަދި ފުރަތަމަ 2 ހަފްތާގައި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި އަދި އަލުން ހުށަހެޅުމުގެ ފުރުސަތެއްވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށަހަޅައިގެން އެފަދަ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިފަހަރުގެ ސުޓޫޑެންޓް ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ ކަމަށް މިނިސްޓަރު ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވެސް ލޯން ސްކީމުން މި ފަހަރު ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިނަށް 20 ޖާގަ ވަނީ ހާއްސަކޮށްފައި ކަމަށާއި ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފުލްފަންޑިން ލިބޭނެ ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް 300 ވުރެ ގިނަ ދަރިވަރުންނަށް ލޯނަށް އެދި ވަނީ ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް