ads
ވީޑިއޯ ރިޕޯޓް
ގާސިމް ކޮބާ؟
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ގާނޫނުތަކަށް އިސްލާހު ގެނެސް، ގަވާއިދުތަކާއި ގާނުނުތައް ފާސްކޮށް ރައްޔިތުންނާއި ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމެވެ. މަޖިލީހުގެ މަށްޗައް އިސްކޮށްފައިވާ ޒިންމާބޮޑެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މި ޒިންމާތައް އަދާކުރައްވަން ތިއްބަވާ އިއްޒަތްތެރި މެންބަރުންގެ އަމަލުތައް ހުންނަގޮތުން ބައެއްފަހަރު މިކަން މިބޭފުޅުންނަށް އެގިލައްވާ މިންވަރާއިމެދު ސުވާލު އުފެދޭ ފަހަރު އާދެއެވެ. 

ރައްޔިތުންގެ ވޯޓުން މަޖިލީހަށް ވަޑައިގެން ޒިންމާއަދާނުކުރައްވާ މަޖިލީހުގެ ޖަލްސާތައްވެސް ކަޓުވާލައްވާ އަދި ވަޑައިގަންނަވައިފިނަ މަޖިލީހުގައި ހައިޖާން އުފައްދެވުމާއި އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުން ނޫންކަމެއް އެތަނަކުން ނުފެނެއެވެ. ވޯޓު ހޯދުމަށް ބޮޑެތި ވައުތުތައް ވުމަށްފަހު ދާއިރާގެ ހައްގުގައި ބަސް ނުބުނުއްވާތާ ހާޒިރީއިންވެސް ޒީރޯ ވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. 

މިދިޔައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޒިރީއަށް ބަލާއިރު ހާޒީރީގެ އެންމެ ފުލުގައި އޮތީ ރިސޯޓުތަކުގެ މަހުޖަނުންނެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ.

މިދިޔަ އަހަރު އަނެއްކާވެސް އިތުރު ކައިވެންޏެއް ބައްލަވައިގެންނެވިއެވެ.  2020 ވަނަ އަހަރު އެއްކޮށް ކަހަލަަ ގޮތަކަށް ހުންނެވީ ސަލާމުގައެވެ. އަދި މިއަދުގެ މިހާތަނަށްވެސް ހުންނެވީ ހަމަ ސަލާމުގައެވެ. އަޑުތައް ފެތުރޭ ގޮތުން އަލަށް ކާވެނި ބައްލަވައިގެން އަބިކަނބަލުންނާއިއެކު އެމަނިކުފާނު މިވަގުތުވެސް ހުންނެވީ ރިސޯޓެއްގައެވެ. "ހަނީމޫނު" މާ ދިގުކޮށްލެއްވީ ކަމަށްވެސް ވެދާނެއެވެ. އެގޮތްވެސް އެެންމެ ރަނގަޅެވެ. 

އެހެންނަމަވެސް މަހެއްގެ މައްޗައް އެންމެ 2000 ރުފިޔާ ލިބޭ ރައްޔިތުމީހާގެ ޖީބުން ވެސް މިބޭފުޅުންނަށް ހަރަދުދޭންޖެހޭއިރު މަޖިލީހުގެ ޖަލްސާތައް ކަނޓުވާލައްވާ ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާނުކުރައްވާ މަޖިލީހުގެ ގޮނޑިކޮޅުން ވެސް ނުފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަކެވެ. މިކަަން ބޮޑުވުންތަކާއި އެކު "ގާސިމް ކޮބާތޯ؟" އެތައް ރައްޔިތުންނެއް ދަނީ ސުވާލުކުރަމުންނެވެ.  

މިކަމުގައި ޖުމުހުރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވަނީ ގާސިމް އިބްރާހިމް މާލެ ވަޑައިނުގެން، މަޖިލީހަށް ސަލާން ވިދާޅުވެފައި ހުންނެވީ ސަން އައިލެންޑް ރިސޯޓުގައި ކަމަށެވެ. އަދި އެ ރިސޯޓުގައި އެހުންނަވަނީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން މިވަގުތަށް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށާއި، ކޮވިޑު ނެތް ސަރަހައްދެއްގައި ހުރެފައި ކޮވިޑް އޮތް ސަރަހައްދަކަށް އައިސްގޮސްވުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންވީމާ މިދަނޑިވަޅުގައި އެންމެނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުންކަމަށް ގަބޫލުކުރައްވާތީ ގާސިމް އިބްރާހިމް ސަން އައިލެންޑްގައި މަޑު ކުރައްވަނީކަމަށް ސޯލިހް ވިދާޅުވިއެވެ. މިއީ ސިއްހީގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުންކަމަށް އޭނަ ވިދާޅުވިއެވެ.

ތެދުފުޅެކެވެ. ގައުމީ މިއޮތް ހާލަތަކީ އެ ވިދާޅުވި ކަންތައްތަކަށް ވެސް ވިސްނަވަންވީ ދަނޑިވަޅެކެވެ. އަދި އެމަނިކުފާނަކީ 65 އަހަރުން މަތީ ބޭފުޅެއްކަމުން ހައިރިސްކު ކެނޓަގަރީގައި ވެސް ހިމެނޭ ބޭފުޅަކަށްވީތީ އެކަން އެގޮތައް ކުރެއްވުން އެއީ އެންމެ ރައްކާތެރި ގޮތްކަމަށް ވެސް ވެދާނެއެވެ. 

އަޅުގަނޑުމެން އެންމެން ވެސް ބޭނުންވަނީ ހަމަ އެގޮތަށް އަރާމުކޮށްލާ މިހާލަތުން މިންޖުވަންދެން ޗުއްޓީއެއް ނަންގާށެވެ. މިހާލަތުގައި ހަމަ ކޮންމެ މީހަކަށް ވެސް މި ނުރައްކާތެރި ބަލި ބައްދަލުކޮށްފާނެތާއެވެ. އެހެންކަމުން އަހަރެން ފަދަ އެހެން ނިކަމެތި ރައްޔިތުމީހާވެސް ބޭނުންވަނީ ރިސޯޓެއްގައި ނުވަތަ ގޭގައި އޮންނާށެވެ. އެއީ ސަލާން ބުނެގެން ނަމަވެސް ކަން އެގޮތަށް ކުރެވޭނަމަ ހާދަ ފަސޭހަވާނެއެވެ. އެހެންނަމަވެސް މައްސަލަ ނިކުންނަނީ މިހިސާބުން ނޫންތޯއެވެ. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންފަދަ އިއްޒަތް ތެރި މެންބަރަކަށް ނުވީމައެވެ.

އާއްމު ރައްޔިތު މީހާއަށް ސަލާމަށް ލިބެނީ އެންމެ 30 ދުވަހެވެ. އެހެންނަަމަ ވެސް ސަލާމެއް އެންމެ ގިނަވެގެން ބަލިހާލަތު އަންގާދޭ ލިޔުމަކާއިނުލާ ބުނެވެން އޮންނަނީ 15 ދުވަހަށެވެ. އެކަން އެހެން އޮތަސް، ލިޔެކިޔުންތައް ބަރިބަރިން ފޮނުވިޔަސް އާއްމުކޮށް 2 ދުވަހަށްވުރެ ގިނަ ދުވަހު ސަލާން ބުނެފިނަމަ ކަންތަކާ ޖެހުނީއެވެ. އެއީ ހުމާއި ރަޖާލައިގެން އޮތް މީހަކަށްވިޔަސް ނުހިގިފަ އޮތް މީހަކަށްވިޔަސް އެކަން އޮންނަނީ މިބުނި މަގުންނެވެ. އެހެންނޫންނަމަ މަހަކު މިލިބޭ 2000 ރުފިޔާއިން އެތައް ރުފިޔާއެއް ކަނޑާލައެވެ. ނޫނީ ނޯޓިސްދީ ބަޔާންނަގުވައި، އެވަރު ނުވެއްޖެނަމަ މުވައްޒަފުގެ ވަޒީފާގެ ލިޔެކިޔުންތަކުގައި ޕާޕޯމަންސް ދަށްކަމަށްޖަހާ ވަޒީފާއިން ވެސް ވަކިކޮށްލާ ފަހަރު އާދެއެވެ. އެހެންކަމުން އެއްކަލަ ނިކަމެތި ރައްޔިތުމީހާ ހަމަޖެހެނީ ހުމާއި ފިހިހިހުރެ ވެސް ހަމަ މަސައްކަތަށް ނިކުންނާށެވެ. މިހާލަތުގައި ކޮވިޑް ބައްޔަށް ހުށަހެޅިދާނެ އެތައް ހައިރިސްކު ބަޔަކުވެސް އޮފީސްތަކަށް ބިރުން ތުރުތުރު އަޅަމަުންވެސް މިދާންޖެހޭނީ މިހެންވެއެވެ. 

އެހެންނަމަވެސް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ވުމުން 800 އެތައް ހާސް ރުފިޔާއެއް އެކައުންޓަށް ޖަމާވާ ހާލު، ރިސޯޓުތަކުގަޔާއި އެހެނިހެން ތަންތާ ޗުއްޓީ ހޭދަކުރުމަކުން އެއްވެސް މައްސަލައެއް ނުނިކުމެވެ. "ބައި ލޯ ލާރި ފޮއްޗެއް" ވެސް ހަމަ ނުކެޑެއެވެ. ގާނޫނު ބުނާގޮތުން 50 އިންސައްތަ ކެނޑެން ޖެހުނަސް އެކަން އެހެނެއްވެސް ނުވެއެވެ.

މުޖުތަމައުގެ މުހިންމު ގިނަ މައްސައްކަތްކަކަށް ހައްލު ހޯދައިދިނުމަށާއި ރައްޔިތުންނަށް އެންމެ ފަސޭހަ ވާނެ ގޮތަށް ގާނޫނުތައް ހައްދަވާ ފާސްކޮށްދެއްވަން ތިއްބެވި ބަޔަކީ ވެސް މިބޭފުޅުންނަށްވާއިރު ރައްޔިތުން މިއިން ކޮންމެ ބޭފުޅަކު މަޖިލީހަށް އައްޔަން ކުރައްވަނީ ނުހަނު ފޮނި އުންމީދުތަކާއިއެކު އެމީހެއްގެ ރަށަށް ނުވަތަ ތަމްސީލްކުރައްވާ ދާއިރާއަކުން ގިން ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކޮންމެ ފަހަރަަކު އިންތިހާބަކާއި ދިމާކޮށް އެތައް ފޮނި ވައުދެއްވުމަށްފަހު މަޖިލީހުގެ ގޮނޑިކޮޅުގައި އިށީންނެވޭ ހިސާބުން އެއްކަލަ ރައްޔިތުމީހާ ކީއްކުރަންތޯ މިބޭފުޅުންނަށް ހަވާލުކުރެވިފައިވާ ޒިންމާތަކުގެ މަތިންވެސް ހަނދާނެއް ނުހުރެއެވެ. 

ހަނދާން ހުންނާނީވެސް ކިހިނަކުންތޯއެވެ؟ މިއިން ކޮންމެ ބޭފުޅަކީ މަހެއްގެ މައްޗައް 82،000 ރުފިޔާ މިއިންޒިންމާއެއް އަދާކުރިއަސް ނުކުރިއަސް ގެއަށް ގެންދެވޭ ފަންތީގެ ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ހައުސިން އެލަވަންސަށް 20،000 ރުފިޔާ، އަދި ކޮމިޓީ އެލަވަންސަށް 20،000ރުފިޔާ ލިބެއެވެ. މުޅި މަޖިލީހުގައި 86 މެމްބަރުން ތިއްބަވާއިރު މިއިން ކޮންމެ ބޭފުޅެއްގެ މައްޗަށް 7،156،625 (ހަތް މިލިއަން އެއް ލައްކަ ފަންސާސްހަހާސް ހަސަތޭކަ ފަންސަވީސް) ރުފިޔާ ދައުލަތުން ހޭދަވެގެންދެއެވެ. މިއީ ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ބޭކާރު ބޮޑު ހަރަދެކޭ ބުނެވުމުގެ ޖާގައެއް ނެތްތޯއެވެ؟ 

މިދިޔައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޒިރީއަށް ބަލާއިރު ޖުމުލަ 10 މެންބަރަކު އެޓެންޑެންސުން ވަނީ ފެއިލްވެފައެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ސަލާމުގައި ތިއްބެވިއިރު އަނެއްބަޔަކު ސަލާން ބުނުމެއްވެސްނެތި ތިއްބެވީގޭގައެވެ. 

މަޖިލީހަށް އަޔަސް ނަޔަސް ހަވާލުކޮށްފައިވާ ޒިންމާ އަދާނުކުރައްވާ މުޅި އަހަރު ޗުއްޓީ ނަންގަވާގެން ރިސޯޓުތަކުގައި ތިއްބަވާ މެންބަރުންނަށް ވެސް ރައްޔިތުންގެ ޖީބުން ކާންދޭންޖެހުމަކީ ކޮން ގޮތަކުން ހެދިފައިއޮތް ގާނޫނަަކުން ލާޒިމްކުރެވޭނެ ކަމެއްތޯއެވެ. އެހެންނަމަ ވެސް މިކަން ހިނގަނީ މިމަގުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެއިން ގާނޫނަކަށް ބަދަލު ގެނެވޭވަރުގެ ދައުލަތުގެ އެހެން އިދާރާއެއް ނެތީތީއެވެ. މިބޭފުޅުންގެ މި ޖަރީމާތައް ހުއްޓުވަން އެޅޭ ހުރަހަކީ މަޖިލީހުގެ މައްޗައް ގާނޫނުތައް ހެދޭނެ އެހެން މުވައްސަސާއެއް ނެތުމުންނެވެ. މިބޭފޫޅުންގެ މުސާރައިން އެއްޗެއް އުނިކުރުމާއި ނުކުރުންވެސް ފާސްކުރެވެން އޮތީ ހަމަ އެބޭފުޅުންނަށް ކަމަށްވީތީއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް