ads
ވީޑިއޯ ރިޕޯޓް-
އަންނި އަދިވެސް އެބަ އުޅޭ!
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަކީ، މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭބޭފުޅުންނާއި އަޅާބަލާއިރު، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ، އަދި ރައްޔިތުންގެ ވެރިއެއްކަމަށް ގަބޫލުކުރާ މީހުން މަދެއްނޫނެވެ. އެމަނިކުފާނާއި މުހާތަބުކުރައްވައި، ރައްޔިތުންގެ ރައީސޭ ބުނާ އެތައް ސަބަބެއް އެބައޮތެވެ. އޭގެތެރޭގައި ގިނައީ އެމަނިކުފާނު ރާއްޖޭގެ ރައިސްކަން ކުރެއްވުމުގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ފަރާތްޕުޅުން ފެނިފައި ނުވާ ކަންތައްތަކެކެވެ. އަދި އޭގެ ފަހުންވެސް މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުންގެ ފަރާތްޕުޅުންވެސް ނުފެންނަ ކަންތައްތަކެކެވެ.

މި ފާހަގަކުރި ކަންތައްތައް އެމަނިކުފާނުގެ ފަރާތްޕުޅުން އޭރު ފެނުމުން، އެކަންކަން ވީ ރައްޔިތުންނަށް ވަރަށް އާ ކަންތައްތަކަކަށެވެ. އޭގެތެރެއިން ބައެއް ކަންކަން ހިމަނާލެވޭތޯ ބަލާނަމެވެ. މިސާލެއް ޖަހާލުމުގެ ބޭނުމުގައެވެ. ފަހަރުގައިވެސް އަޅުގަނޑު މާ ތާއީދުކުރާ ބޭފުޅަކަށްވީތީ، ނުވަތަ އެމަނިކުފާނަށް ތާއީދު ހޯދުމުގެ ނިޔަތުގައެއް ނޫނެވެ.

ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު ހަވީރުގެ ވަގުތުކޮޅެއްގައި ބައިސްކަލު ދުއްވާލަން ނިކުމެވަޑައިގެން ފުރަ މާލޭގެ ބޭރު މަގުގައި، ބޮޑުތަކުރުފާނު މަގުގައި އުޅުއްވާތަން އޭރު މަދުންނަމަ ވެސް ފެނެއެވެ. ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު ވެސް އަދި އޭގެ ފަހުން ވެސް، އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެންފިނަމަ، އުޅުއްވަނީ ކޮންމެހެން ކާރުކޮޅުގައެއް ނޫނެވެ. އާދައިގެ ރައްޔިތެއްގެ ސައިކަލު ފަހަތުގައި ވަޑައިގެންނެވި މަންޒަރުވެސް ދުށީމެވެ. ކެމްޕެއިން ތެރޭގައި ގެއިން ގެއަށް ވަޑައިގަންނަވާއިރުވެސް އާންމު ނިކަމެތި ރައްޔިތު މީހާގެ ގޭގައި، އެކުގައި އުނދޯލި ހެއްލާލަން ވަގުތުކޮޅެއް ހޭދަކޮށްލާ މަންޒަރުވެސް އެންމެ ފުރަތަމަ ފެންނަންފެށީ އެމަނިކުފާނުގެ ފަރާތްޕުޅުންނެވެ. 

ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު، ރައީސް އޮފީހުން މަސައްކަތް ނިންމަވާލެއްވުމަށްފަހު، ކާރުގައި ވަޑައިގެންނެވުމުގެ ބަދަލުގައި، ހިންގަވާފައި ގެއަށް ވަޑައިގަތުން އެއީ އޭރު އެމަނިިކުފާނުގެ އާންމުކޮށް ކުރައްވާ ކަމެކެވެ. ހަމަ ގައިމުވެސް އެހެން ވަޑައިގަނަވާ މަގުމަތީގައި، ކާރުގައި ވަދައިގަންނަވާ އިރާއި ހިލާފަށް އާންމު ކިތަންމެ ރައްޔިތަކާއި ބައްދަލުވާނެއެވެ. ފަހަރުގައި މި ކަންކަން ފާހަގަކޮށްލުމުން އެމަނިކުފާނަށް މާބޮޑަށް ތައުރީފުކުރާކަން ދޭހަވާނަމަ ތިލަފަތަށް ހަމަހަމަ ކޮށްލުމަށް އެހެން ކަމެއްވެސް ފާހަގަ ކޮށްލާނަމެވެ. އިނގިރޭސި ވިލާތުގައި ހުންނެވިއިރު އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު ކަމެކެވެ. ރައީސުންގެ ފަރާތްޕުޅުން ފެނުމަށްވުރެ އާންމު ރައްޔިތެއްގެ ފަރާތުން ފެންނާނޭފަދަ ސަކަ މިޒާޖުގެ ކަމެކެވެ. ހަނދުމަފުޅު ކުރައްވާށެވެ. ފުރޮޅުލީ ގޮނޑު ދުއްވާ މަންޒަރު ވެސް ފެނުނީ އެމަނިކުފާނުގެ ފަރާތްޕުޅުންނެވެ. 

މިހެންގޮސް އެތައް ކަމެއް ފާހަގަކުރެވިދަނެއެވެ. ކަންވާނީ ވެސް އެހެންނޫންތޯއެވެ. ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްތައް މާޒީވެ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވާއިރުވެސް ހަމަ މި އާދަތަށް އެމަނިކުފާނު ދޫކޮށްލެއްވިތަނެއް ނުފެނެއެވެ. މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި ހުންވަނިކޮށް އެ އިދާރާގެ ދޮރުމަތީގައި ހުރެ ގޮވާލިކަމުގައި ވިޔަސް ކައިރިއަށް ވަޑައިގަންނަވައެވެ. އެމަނިކުފާނާއި މެދު ހިތްހަމަ ނުޖެހި ނުރުހުން ވެގެން ގޮވާލާ މީހާ ގާތަށްވެސް ވަޑައިގެންނެވި ވީޑިއޯއެއް ދާދިފަހުންވެސް މީސްމީޑިއާއިން ފެނުނެވެ. ދައުރުވިއެވެ. 

މިއަދު މިއީ އަނެއްކާވެސް މިފަދަ ހިތްތިރިކަމާއި، އާދައިގެ ދިރިއުޅުމާއި، އެކުވެރިކަން ދޭހަވާފަދަ މަންޒަރެއް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދިޔަ ދުވަހެކެވެ. ފަހަރުގައިވެސް އާ ކަމެއް ނޫނެވެ. މީގެކުރިންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު އަދި ފެނުިފައިިވާ މަންޒަރެކެވެ. ރައީސްކަމުގެ މަގާމުގައި ހުންނެވި އިރުވެސް ފެނުނު މަންޒަރެކެވެ. ނަމަވެސް ވަރަށް ދުވަސް ކޮށްލުމަށްފަހު ފެނުމުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީއެވެ. 

މިއަދުގެ ހުކުރު ނަމާދު ނިންމާލުމަށްފަހު އެމަނިކުފާނު މެންދުރުގެ ފަރިއްކުޅުވީ ގަލޮޅު ކަންމަތީ ހޮޓަލުންނެވެ. އާދައިގެ އާންމު ރައްޔިތު މީހާ އާއި އެއް ސުފުރާއެއްގައެވެ. ރައީސުންގެ ފަރާތުން ފެނުމުން މާ ރީތި ކަމަކަށް ގިނަ މީހުންނަށް މިކަން ނުވިނަމަވެސް އަޅުގަނޑަށް މި މަންޒަރު ވަރަށް ހިތްގައިމެވެ. އަބުއިކަން ބޮޑެއް ނޫނެވެ. ބޭފުޅާކަން ބޮޑެއް ނޫނެވެ. ހިތްހަމަ ނުޖެހޭ ކަންކަން އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނަސް އެއީ ރައްޔިތުންގެ ރައީސޭ ބުނެވެނީ މި ސަބަބުތަކާއި ހުރެއެވެ. 

79%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް