ads
ވީޑިއޯ ރިޕޯޓް-
ޗައިނާ ސަރުކާރުން ދިން ސްކޮލާޝިޕްތައްވީ އިބިލީހުގެ ކައިވެންޏަށް!
ރާއްޖޭ ސަރުކާރުން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމަށް ދަނީ އެކި ސްކޮލާޝިޕްސްތަކަށް ހުޅުވާލަމުންނެވެ. މީގެ އިތުރުން އެހެން ގައުމުތަކުން ވެސް ދަނީ ރާއްޖޭގެ ދަރިވަރުންނަށް އެ ގައުމުތަކުގެ ފަރާތުން ސްކޮލާޝިޕްތަކުގެ އިންތިޒާމުތައް ހަމަޖައްސާ ދެމުންނެވެ. ނަމަވެސް މިކަހަލަ ބައެއް ފުރުސަތްތައް ލިބިފައިވާ ދަރިވަރުން އުޅެމުންދަނީ ވަރަށް ހާލުގައެވެ.

އެގޮތުން 2020 ވަނަ އަހަރުގައި ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ޗައިނާގެ ސަރުކާރުގެ ފަރާތުން ހުޅުވާލި ސުކޮލަޝިޕްގައި ހޮވިފައިވާ ދަރިވަރުން ވަނީ އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެގޮތުން ދަރިވަރުން ބުނިގޮތުގައި ޗައިނާގެ ސަރުކާރުގެ ފަރާތުން ސުކޮލާޝިޕަށް މިދިޔަ އަހަރު ޖެނުއަރީ މަހުގައި ހަތަރު ކުއްޖަކު ހޮވުނުކަން ހަޔާ އެޑިއުކޭޝަނުން އިއުލާނު ކުރި އެވެ. އަދި އެއީ ޕާޝިއަލް ސްކޯލަޝިޕްއެއް ކަމަށާއި އޭގައި ޓިކެޓުގެ ހަރަދު ފިޔަވާ އެހެން ހުރިހާ ހަރަދުތަކެއް އުފުލަން ހަމަޖެހިފައިވަނީ ޗައިނާގެ ސަރުކާރުގެ ފަރާތުންކަން ވެސް އެންގި އެވެ.

އަދި އެ ހަތަރު ކުދިންގެ ތެރެއިން 3 ކުއްޖަކަށް ޗައިނާގައި ކިޔެވުމަށް ފައިނަލް އެޑްމިޝަން ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ކަމަށް އެ ދަރިވަރު ބުންޏެވެ. ނަމަވެސް މުޅި ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވުމުގެ ސަބަބުން ބޯޑަރުތައް ބަދުކުރުމުން އެކުދިންނަށް ޗައިނާއަށް ނުދެވުނެެވެ. 

އެހެންކަމުން އެކުދިން އުންމީދު ކުރަމުން ދިޔައީ ވީހާވެސް އަވަހަށް ޗައިނާ ސަރުކާރުން އެކުދިން އެ ގައުމަށް ކިޔެވުމަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެ އިންތިޒާރު ވެގެން ދިޔައީ އިބިލީހުގެ ކައިވެންޏަށް ކަމަށް އެކުދިން ސިފަ ކުރެ އެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން އެކުދިންނަށް ޗައިނާއަށް ކިޔަވަން ނުދެވުން ނަމަވެސް ސެޕްޓެމްބަރު މަހުގައި އޮންލައިންކޮށް ކުލާސްތައް ފެށިގެން ދިޔަ ކަމަށް އެ ދަރިވަރުން ބުނެ އެވެ. އަދި ކިޔެވުމުން ފެށުމުގެ ސަބަބުން ވަޒީފާގެ ގަޑިތަކާ ބުރޫ އަރާތީ ދެ ދަރިވަރަކަށް ނޯ ޕޭ ލީވް ނަގަން ޖެހުނެ އެވެ. 

އެހެން ނަމަވެސް އޮންލައިން ކުލާސްތައް އޮންނަ ގަޑިތަކުގެ ސަބަބުން އެއްވެސް ވަޒީފާއަކަށް އެ ކުދިނަށް ދިއުމުގެ ފުރުސަތު ނުލިބުނު ކަމަށާއި އެހެންކަމުން އެއްވެސް އާމްދަނީއެއް ލިބުމުގެ މަގެއް ނެތް ކަމަށް ބުންޏެވެ. 

މި ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް އެކުދިން އުންމީދު ކުރަމުން އައީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ޗައިނާއިން އެކުދިން އެ ގައުމަށް ކިޔަވަން ގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ކޯހުގެ ފުރަތަމަ ސެމިސްޓާ މިއަހަރުގެ މާޗް މާހުގައި ނިންމުނުއިރު ޗައިނާ އަށް ދިއުމުގެ އުންމީދުގެ ހުޅުވަނީ ނިވިފައި ކަމަށް އެކުދިން ބުނެ އެވެ. 

އަދި މިހާރު އެ ކުދިންގެ ދެވަނަ ސެމިސްޓާ ފެށެން ގާތްވެފައިވާއިރު ޗައިނާގެ ގިނަ ޔުނިވާސިޓީތަކުން ވަނީ އެތަންތަނުގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކަން އިއުލާނުކޮށްފަ އެވެ. އަދި އެހެން ގައުމުތަކުން ދަރިވަރުން ކިޔެވުމަށް އެ ގައުމުން ގެންދިއުން ވަނީ ޗައިނާގައި ޕޮލިސީއެއް ކަނޑައެޅެންދެން މަނާކޮށްފައި ކަމަށް ވެސް އެ ދަރިވަރުން ބުނެ އެވެ. 

ޗައިނާގެ ހިލޭ ސްކޮލާޝިޕްގައި ހޮވިފައިވާ މި ދަރިވަރުން، ރާއްޖޭގައި ތިބެގެން ކިޔަވަމުންދާ މި މުއްދަތުގައި އެކުދިންނަށް ޗައިނާ ސަރުކާރުން ހަމަޖައްސައިދޭން އެދިފައިވާ ސްޓިޕެންޑް ލިބިފައި ނުވާ ކަމަށް ވެސް އެކުދިން ފާހަގަކުރި އެވެ. އެހެންކަމުން ކޮވިޑްގެ މި ހާލަތުގައި އެކުދިންނަށް ސްޓިޕެންޑް، ޓިއުޝަން ފީ، ޑޯމިޓަރީ ފީ، އަދި ހެލްތު ފީ، ޗައިނާގެ ސަރުކާރުގެ ފަރާތުން ހަޔާ އެޑިއުކޭޝަނުންދޭނެ ކަމަށް ބުނި ނަމަވެސް އެ ހަރަދުތައް ލިބިފައެއް ނުވެ އެވެ. 

އެ ދަރިވަރުންގެ ޔުނިވާސިޓީ އަދި ޗައިނާގެ ސަރުކާރުން އެ ދަރިވަރުން، އެ ގައުމަށް ދިއުމުގެ ކުރިން ސްޓިޕެންޑް ނުދޭކަން ފާހަކުރަމުން އެ ދަރިވަރުން ބުނީ އެ ކުދިން ކިޔަވަމުން އަންނަނީ ވޭދުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ސަރުކާރުގެ އެއްވެސް އެހީއެއް ނެތި ކިޔެވުމުގެ ހަރަދުތައް އުފުލަމުން ކަމަށެވެ.

އެހެންކަމުން އެކުދިން ޗައިނާއަށް ދިޔުމަށް ޓިކެޓައަށް ރައްކާކޮށްފައިވާ ފައިސާ ވަނީ ދިރިއުޅުމުގެ ކަންކަމަށް ހަރަދުވެފައި ކަމަށް ވެސް އެ ދަރިވަރުން ބުނެ އެވެ. 

ކަންތައްތައް މިހެން ހުރުމުގެ ސަބަބުން އެ ދަރިވަރުން ވަނީ ހަޔާ އެޑިއުކޭޝަނަށް ޗައިނާއަށް ދެވެންދެން އެހީ ވުމަށް އެދިފަ އެވެ. ހަޔާ އެޑިއުކޭޝަންގެ ފަރާތުން ޗައިނާގެ ސަރުކާރުން އެ ގައުމަށް އެކުދިން ގެންދަންދެން ސްޓިޕެންޑް ނުވަތަ އެލަވެންސެއް ދިނުމަށާއި އަދި އެކުދިން ޗައިނާއަށް ދިޔުމަށް ފެޔާ ޓިކެޓު ގަތުމަށް ރައްކާކޮށްފައިވާ ފައިސާ ހުސްވެފައި ވުމުން އެކަމަށް އެހީއެއް ވުމަށާއި، ޗައިނާއަށް ގޮސް ކަރަންޓީނުވުމަށް ހޭދަވާނެ ހަރަދުތަކަށް އެހީވެދިނުމަށް އެ ސިޓީގައި އެދުނެވެ. 

އެހެން ނަމަވެސް ހަޔާ އެޑިއުކޭޝަނުން، އެ ދަރިވަރުންނަށް އެހީވާން ބަޖެޓެއް ކަނޑައަޅާފައި ނެތުމުން އެކަން ކުރެވެން ނެތްކަން ދަރިވަރުންނަށް އަންގާފަ އެވެ. 

ނަމަވެސް ދުނިޔެއަށް ދިމާވެފައި މި ވަނީ އާދައިގެ ހާލަތެއް ނޫންކަން ފާހަގަކުރަމުން އެ ދަރިވަރުން ބުނީ ސަރުކާރުން ދަނީ ކޮވިޑްގެ ހާލަތުގައި އެކި ފަރާތްތަކަށް އެހީވެދެމުން ކަމަށާއި އަދި އެ ކުދިންނާއި އެކު އެއް ސްކޮލާޝިޕްއެއްގައި ކިޔަވާ އެހެން ގައުމުގެ ދަރިވަރުނަށް ވެސް ޗައިނާގެ ސަރުކާރުގެ ފަރާތުން އެހީ ލިބިފައި ނުވާތީ އެ ދަރިވަރުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުން އެހީވެފައިވާ ކަމަށެވެ. އެހެންކަމުން ހަޔާ އެޑިއުކެޝަނަށް ސިޓީ ހުށަހެޅީ ރަނގަޅު މަގެއް ފެންނާނެ ކަމުގެ އުއްމީދާއެކު ކަމަށެވެ. 

މީގެ އިތުރުން އެ ދަރިވަރުން ވަނީ ކުރިން ޗައިނާގެ މި ސްކޮލަޝިޕްގައި ބައިވެރިވެގެން ޗައިނާއަށް ނުދެވިފައި ތިބި ކުދިންނަށް އެ ގައުމުން ވަނީ ދަރިވަރުންގެ ސްޓިޕެންޑް އެ ދަރިވަރުން ޗައިނާއަށް ދެވެންދެން ރައްކާކޮށްފައި ކަމަށް ބުނެފަ އެވެ. 

ރާއްޖެ އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުމުން އެކުދިން ކިޔަވަމުންދާ ޔުނިވާސިޓީއަށް ގުޅާފައިވާނެ ކަމަށާއި އަދި ޗައިނާއަށް ދެވޭނީ ކޮން ތާރީހެއްގައި ކަން އޮޅުންފިލުމަން މަސައްކަތް ކުރި ކަމަށް ދަރިވަރުން ބުންޏެވެ. އެއީ ޗައިނާގެ ސަރުކާރުގެ ފަރާތުންދޭ ސްޓިޕެންޑް ލިބޭނީ އަވަހަށް އެ ގައުމަށް ދިއުމުން ކަމަށް ވަތީކަން ފާހަގަކުރެ އެވެ. 

އެހެން ނަމަވެސް އެކުދިން ކިޔަވަމުންދާ ޔުނިވާސިޓީއަށް ވެސް އެކުދިން ޗައިނާއަށް ގެންދެވޭނީ ކޮންއިރަކުން ކަމަށް ނޭނގޭކަމަށް ބުނެ އެވެ. އަދި ރާއްޖޭގެ ޗައިނީސް އެމްބަސީއާ ވާހަކަދެއްކުމަށް ބުނި ކަމަށް ވެސް އެ ކުދިން ބުނެ އެވެ.

އެހެންކަމުން އެމްބަސީއަށް ވެސް ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ދަރަިވަރުންނަށް ހައްލެއް ހޯދައި ނުދެވުންކަން ފާހަގަކުރަމުން އޭނާ ބުނީ އެ އެމްބަސީން ވަނީ ޔުނިވާސިޓީއާ ވާހަކަ ދެއްކުމަށް އެދިފައި ކަމަށެވެ. މިހެންކަމުން، ވާނުވާ ނޭނގޭ ކަމަށް ބުންޏެވެ.

ދަރިވަރުންނަށް ވަނީ ވަރަށް ބޮޑު މާޔޫސް ކަމަކާ ކުރިމަތި ވެފައެވެ. އަދި މާލީ ގޮތުން ފިއްތުންތަކާ ކުރިމަތި ވެފައެވެ. ނަމަވެސް ހަޔާ އެޑިއުކޭޝަނުންގެ ޕޮލިސީގައިވާ ގޮތުން ކޯހުން ވަކިވެއްޖެނަމަ ބްލެކް ލިސްޓް ކޮށްލެވޭނެތީ އެ ދަރިވަރުން ތިބީ ގޮތް ހުސްވެފައި ކަމަށް ވެސް އެ ދަރިވަރުން ބުނެ އެވެ. 

ނިމިދިޔަ އަހަރުގައި ހޮވުނު ދަރިވަރުނަށް އެއްވެސް އެހީއެއް ނުދީ ހާލުގައި އެކުދިން އުޅެމުން ދަނިކޮށް އަނެއްކާވެސް ހަޔާ އެޑިއުކޭޝަނުން ވަނީ ޗައިނާ ސްކޮލާޝިޕަށް ދަރިވަރުން ހޮވަން އިއުލާނުކޮށްފައި ކަމަށް ވެސް އެ ދަރިވަރުން ފާހަގަކުރިއެވެ. އެހެން ކަމުން ކުރީގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުގެނެސްދެވިގެން އުޅޭ އިރުގައި އަލަށް ކުދިން ހޮވުމަކީ ބުއްދިވެރިގޮތްތޯ އެ ދަރިވަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އަދި އެ ދަރިވަރުން ވަނީ އެ ސްކޮލަޝިޕަކީ ހަޔާ އެޑިއުކޭޝަންގެ ފަރާތުން ހުޅުވާލައިގެން އެ މުވައްސަސާއިން ކުދިން ހޮވައިގެން ދީފައިވާ ފުރުސަތެއް ކަމަށް ވުމުން އެކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އެހީވާން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ބުނެފައެވެ. އެހެންކަމުން ވީހާވެސް އަވަހަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ހައްލެއް ހޯދައި ދިނުމަށް އެ ދަރިވަރުން ވަނީ އެދިފަ އެވެ.

މިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް