ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އިންޑިއާއިން ފަތުރުވެރިން އައުން އިތުރުވީ އެއާ ބަބުލްގެ ސަބަބުން: ޝާހިދު
އިންޑިއާއިން ރާއްޖެެއަށް އަންނަ ފަތުރުވެރިން އިތުރުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކުރެވުނު އެއާ ބަބުލްގެ ސަބަބަުން ކަމަށް ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެެ އައިސްފައިވަނީ އިންޑިއާއިން ކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު މަތިވެގެންދިޔުމުގެ މައިގަނޑު ސަބަބަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަސްވެވުނު އެއާ ބަބަލް އެގްރީމެންޓް ކަމަށެވެ. 

މިނިސްޓރަު ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި އެޅުނު ހަރުކަށި ފިޔަވަޅުތަަކަށްފަހު ވެސް ފަތުރުވެރިންގެ އަދަދު ދަށްވެފައި ނުވާކަމަށާއި އެއަދަދުތައް މައްޗަށް އަރާފައިވަނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭއާއި އިންޑިއާ އާ ދެމެދު ގާއިމުކުރެވުނު އެއާ ބަބުލްގެ ސަބަބުން ކަމަށެވެ. 

ފޮރިން މިނިސްޓަރު ވަނީ މި އެއާ ބަބަލް އަކީ ސައުތު އޭޝިއާގެ ގައުމެއްގައި ގާއިމުކުރެވުނު ފުރަތަމަ އެއާ ބަބުލްކަން ފާހަގަކުރައްވާ ދެ ގައުމުގެ ދެމެދުގައި އެއާ ބަބަލް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

މިނިސްޓަރު ވަނީ ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގައި ހާލަތު ގޯސަވަމުންދާ މިދަނޑިވަޅުގައި ވެސް އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރު ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރުއަދާކުރެއްވި އެވެ. 

މިދިޔަ އަހަރު ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގާއިމްކުރި އެއާ ޓްރެވަލް ބަބްލްގެ ސަބަބުން އިންޑިއާ ފަތުރުވެރިންނަށް ފަސޭހަކަމާއި އެކު ރާއްޖެ އައުމުގެ މަގު ފަހިވެގެންދިޔަ އެވެ. އަދި ބޮލީވުޑް ތަރިން ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑަށް ރާއްޖެ ވަނީ އިޝްތިހާރުވެގެން ގޮސްފައެވެ.  

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 151،113 ގައި އުޅޭއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. 

އެގޮތުން އިންޑިއާއިން ވަނީ މިމަހުގެ މިހާތަނަށް 32،970 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މީގެ ކުރިން މި ލިސްޓްގެ އެއްވަނާގައި އޮތް ރަޝިއާއިން ޒިޔާރަތްކޮށްފައިވަނީ 32،019 ފަތުރުވެރިންނެވެ. އަދި އެ ލިސްޓުގެ ތިން ވަނައިގައި ޔޫކްރެއިން އޮތީ 10،178 ފަތުރުވެރިނާއެކު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް