ads
ފުލުހުން ނޫސްވެރިއަކު ހައްޔަރު ކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް ---
ނޫސްވެރިއަކު ހައްޔަރުކުރި މައްސަލައެއް ބްރޮޑްކޮމްއިން ބަލަނީ
"މަގޭ ފްލެޓް ކޮބާ" ނަމުގައި އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވާކުރުމަށް ހަރަކާތްތެރިވި ޗެނަލް 13ގެ ނޫސްވެރިއެއް ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފި އެވެ.

ބްރޮޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެނަލް 13ގެ ނޫސްވެރިއެއް ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެން އެ ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން އެ ކޮމިޝަނުން ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށް ބްރޮޑްކޮމް އިން ބުނެފައި ވެއެވެ.

ބްރޮޑްކޮމްއިން ވަނީ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަފާތު އެކި ހުރަސްތަކާއި ކުރިމަތިވާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަކަން ފާހަގަ ކޮށްފައެވެ. އަދި މިފަދަ އެއްވުންތަކުގައި ނޫސްވެރިންނާ މެދު ތަފާތު ކުރުން ގެންގުޅުމާއި ނޫސްވެރިންނަށް ތަފާތު އަނިޔާތައް ލިބެމުންދާކަން ފާހަގަވެފައިވާ ކަމަށް ބްރޮޑްކޮމްއިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ގާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ގާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށް ބްރޮޑްކޮމްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށާއި، މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާއިރު ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ބްރޮޑްކޮމް އިން ނަސޭހަތްތެރިވެފައިވެ އެވެެ.

ބްރޮޑްކޮމް އިން ވަނީ އެ ކޮމިޝަނުން އަބަދުވެސް ބްރޯޑްކާސްޓަރުންނަށް ކޮމިޝަންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭނެ ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް