ads
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެއް، ކުޅިވަރު ހަރަކާތެއްގައި ބައިވެރިވަނީ--
ރާއްޖޭގެ ކުޅިވަރަށް އެންމެ ކާމިޔާބީ ލިބުނީ ފާއިތުވި ދެއަހަރު!
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ގިނަ ކާމިޔާބީތައް ލިބިފައިވަނީ ފާއިތުވި ދެއަހަރުތެރޭ ކަމަށް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މާލެ ސިންތެޑިކް ޓްރެކް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މީގެ ކުރިން އެތްލީޓުންނަށް ފޯރުކޮށް ނުދޭ ވަރަށް ފާއިތުވި އަހަރު އެތްލީޓުންނަށް ތަމްރީނު ވުމުގެ ފުރުސަތުތައް ފަހި ކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިން ނިންމާފައި ނުވާނެ އަދަދަކަށް ކުޅިވަރު ދާއިރާގެ ޕްރޮޖެކްޓުތައް ނިންމާފައިވާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ "ސްޕޯޓްސްކޮމިއުނިޓީ" އަށް އެންމެ ކާމިޔާބު އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަން ކާމިޔާބުވީ އެތްލީޓުންނާއި، ބެލެނިވެރިން އަދި އެސޯސިއޭޝަންތަކުގެ ބުރަ މަސައްކަތްތަކުން ކަމަށް މިނިސްޓަރުން ވިދާޅުވިއެވެ. އަދި މި ކާމިޔާބީ ހޯދުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން މުހިއްމު ރޯލެއް އަދާ ކުރާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ހާއްސަކޮށް ކުޅިވަރާއި ޒުވާނުންނާއި ގުޅުން ހުރި ކަންކަމުގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިންޑިއާގެ ސަރުކާރުގެ ގްރާންޓް އެހީގެ ދަށުން ރާއްޖޭގައި 61 އައުޓްޑޯ ޖިމް އަދި 67 ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއަ މާލެ ސިންތެޑިކް ޓްރެކުވެސް ތަރައްގީކޮށްފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

ކުޅިވަރުގެ ކަންކަމުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވި އިތުރުކަންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެތްލީޓުން ބައިނަލްއަގްވާމީ މުބާރާތްތަކަށް ތަމްރީނު ކުރުމަށްވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ޓްރެއިނިންގް ކުރިއަށްގެންދިޔައީ އިންޑިއާގައިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ އެކި ޓްރެއިނިންގް ކޭމްޕުތަކުގައި ބައިވެރިވެ ތަމްރީނުވުމުގެ ސަބަބުން ރާއްޖޭގެ އެތްލީޓުންނަށް މުބާރާތްތަކުން ކާމިޔާބު ހާސިލް ކުރެވުނުކަމަށް މިނިސްތަރު ވިދާޅުވިއެވެ. އަދި ކޮވިޑް 19ގެ ކަންކަން ހަމައަކަށް އެޅުމާއެކު، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދު ސޮއި ކުރެވުނު އެއްބަސް ވުމުގެ ދަށުން އިތުރު ޓްރެއިނިން ކޭމްޕުތައް ވީހާވެސް އަވަހަކަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފް ވަނީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެކި ކަންކަމުގައި ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް