ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕްލޭނެއް އެބަ އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހަމަޖައްސާނެ ކަމަށެވެ.
އެ ލޯނު ދޫކުރަން ފަށާނެ ތާރީހެއް އަދި އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް ހިއްސާއެއް ނުކުރައްވަ އެވެ.
ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ލުއި ލޯނެއް ދޫކުރަން ނިންމިއިރު މި ސަރުކާރުގެ ކުރީކޮޅު ވަނީ ރަށްރަށުގައި އަމިއްލަ ގޯތީގައި ހައުސިްނ ޔުނިޓް އިމާރާތްކުރަން ބޭނުންވާ މީހުންނަށް ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލާފަ އެވެ. އެކަމާއި ގުޅިގެން މިފަހުން ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެއީ ޑިމާންޑް ރަށްރަށުން އޮތް މިންވަރު ބަލަން ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ ވައުދާއެކު މި ސަރުކާރު އައި އެކަމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.