ads
----------
މަސައްކަތަށް ފުލުހުން ހުރަސް އަޅާތީ ނޫސްވެރިން މުޒާހަރާކޮށްފި
މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަމުންދާ މައްސަލައާ ގުޅިގެން ނޫސްވެރިން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޗެނަލް-13ގެ ކެމެރާމަކަށް މުޒާހަރާ ކަވަރުކުރުމުގެ ފުރުސަތު ނުދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާއިރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނެ އެވެ.

އޭގެ ފަހުން ފުލުހުންގެ ބަޔަކު ރެސްޓޯރަންޓަކަށް ވަދެ އެތަނުގެ ތެރޭގައި ތިބި ޗެނަލް-13ގެ މުވައްޒަފުންތަކެއް އެތަނުން ނެރެ އަނިޔާވާ ގޮތަށް އަމަލުކޮށްފައިވަނީ މިޑީއާގެ ފަރާތްތައްކަން އެނގޭނޭ ފަދަ ނޫސްވެރިކަމުގެ ކާޑުވެސް އަޅައިގެން ތިއްބާ ކަމަށް ވެ އެވެ. 

އެ މައްސަލައާ ގުޅިގެން މިއަދު ބައެއް ނޫސްވެރިން ވަނީ ބްރޯޑްކޮމް ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. ޕޯސްޓަރުތަކާއެކު އެ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރީ ވަކި ޗެނަލެއްގެ ނޫސްވެރިންތަކަކަށް ވުމަކީ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާވާ ގޮތަށް އަމަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އެވެ. 

އަދި ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިންގެ މި މުޒާހަރާ ކުރިއަށް ގެންދިޔައީ އެ ސަރަހައްދުގެ ޕޭވްމަންޓް މަތީގައި ތިބެގެން އިޖުތިމާއީ ގައިދުރުކަމާ އެކުގަ އެވެ. 

އެ މުޒާހަރާގެ ބައިވެރިންނަށް އެމްއެމްސީގެ ރައީސް އާއި ބްރޯޑްކޮމްގެ ރައީސް ވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވި އެވެ.

ނޫސްވެރިންނަށް ހަމަހަމަކަމާއެކު އިވެންޓްތައް ކަވަރުކުރުމުގެ ފުރުސަތު ނުލިބޭކަމުގެ ޝަކުވާ މިފަހުން ގަދަވެފައިވާއިރު އެފަދަ މައްސަލައެއް ވެސް ފެންމަތިވާ ކޮންމެ ފަހަރު ވެސް އެމްއެމްސީ އާއި ބްރޯޑްކޮމް އިން އަންނަނީ އެކަންކަން ކުށްވެރިކޮށް ބަޔާން ނެރެމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް