ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
މައްސަލަތަކެއް ދިމާވެ ގާސިމް މައްސަލާގައި އަޑުއެހުން މިއަދު ނުބޭއްވުން
ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކުރި އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ރީޝެޑިއުލް ކޮށްފި އެވެ.

ގާސިމް މަރާލި މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލު ކުރީ މެންދުރު 14:00 އަށެވެ.  

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެން އެއް ހާޒިރެއްގައި ޝަރީއަތް ހިންގާ، އަޑުއަހާ ފަރާތްތަކަށް ވީޑިއޯ ކޮންފަރެންސް ކޮށް އަޑު އެހުމުގެ ފުރުސަތު ލިބޭ ގޮތަށް ހިންގުމުގައި ޝަރީއަތުގައި ދަތިތަކަކާކުރި މަތިވި ކަމަށެވެ.

މިކަމާ ގުޅިގެން މިއަދުގެ ޝަރީއަތް މިމަހު 25 ވާ އަންނަ ބުރާސްފަތި ދުވަހުގެ 11:00 އަށް ރީޝެޑިއުލް ކޮށްފައިވާނެ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަދުހަމް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގައި ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށް، ފުލުހުންނަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ. 

އަދުހަމް ވަނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ކުރިން އިއުތިރާފްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް ބުނެފައެވެ، އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި، އެކަން ކުރަނީ ފުލުހުން ކަމަށް އަދުހަމް ތުހުމަތު ކޮށްފައިވެއެވެ. އަދުހަމް ވަނީ އޭނާއަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށް ބުނެފައެވެ. 

އެ ތުހުމަތާ ގުޅިގެން ފުލުހުން އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ދައްކާފައި ވަނީ "އެއްވެސް އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށް ބުނެފައިވެއެވެ.

ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް