ads
ރައްޔިތުންގެ މަޖިލިސް--
ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދިނުން މިމަހު 24 ގައި
މިމަހުގެ ހަތަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅުން ޖަވާބުދިނުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިމަހުގެ ހަތަރު ވަނަ ދުވަހު ރައީސް ސޯލިހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާފައިވާއިރު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ފިޔަވައި، ދެން އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކުގެ ފަރާތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު ދެއްވުން 24 ފެބްރުއަރީއަށް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށެވެ. 

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު ވަގުތުން ދުރަށް ފޮނުވާނެކަމަށެވެ. އެގޮތުން މި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު ހުރިހާ މެމްބަރުން ވެސް މަޑުމައިތިރިކަމާއެކު ތިއްބެވުމަށް ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވާއިދުގައިވާ ގޮތުން ވެސް ރިޔާސީ ބަޔާނަށް ޖަވާބުދޭ ވަގުތު އެއަށް ވަގުތުން ޖަވާބުތައް ދިނުމަށް ނޯންނަ ކަމަށެވެ. ގަވާއިދުގައި އޮންނަނީ ރިޔާސީ ބަޔާން އިއްވާ ވަގުތު ވެސް މަޑުމައިތިރިކޮށް ތިއްބެވުމަށް ނަމަވެސް ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި ވަގުތުގައި ވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބައެއް ބޭފުޅުން އެވަގުތު ވެސް ސުވާލުތައް ކުރިމަތިކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަދި ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަނިކޮށް ވަގުތުން ބައެއް ޕީޕީއެމްގެ މެމްބަރުން ޖަވާބުދެމުން ގެންދިޔަ، އެވެސް ގަވާއިދުގައި އޮތް ކަމެއް ނޫން. ދެން މި އަންނަ ދުވަހު ވެސް ނެތް ގަވާއިދުގައި ވަގުތުން ޖަވާބުދޭކަށް. ވަރަށް ބޮޑަށް ބައެއް މެމްބަރުންގެ ކިބައިން އާދޭހާއެކު އެދެން ކެތްތެރިކަމާއި ހިފެހެއްޓުންތެރިކަމާއެކީގައި މަޖިލީހުގައި މި ޖަލްސާ ކުރެވެމުންދާއިރުގައި ތިއްބަވައިދެއްވުމަށް،" ރައީސް ވިދާޅުވި އެވެ. 

ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށް އިދިކޮޅުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް