ads
ވީޑިއޯ ރިޕޯޓް
ލައިސަންސް ޖޫރިމަނާ މައާފް ކުރުމަށް ވުރެ، ދަރިވަރުންގެ ލޯނުތައް މައާފު ކުރުން މާ މުހިއްމު!
ލޯނާއި ޖޫރިމަނާ އަކީ ދިވެހިންގެ ތެރޭގައި އާއްމު ކަމެކެވެ. ދިރިއުޅުމުގެ އެކި ހަރަދުތަކަށް ލޯނު ނަގާ މީހުން ދަނީ ގިނަވަމުންނެވެ. އަދި ގަވާއިދުތަކާ ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިރިއުޅުމުގެ އެތައް ފިއްތުންތަކަކާ ކުރިމަތިވެ ލޯނާއި ޖޫރިމަނާ ނުދެއްކި އެތައް ބަޔަކު ދަނީ ދަރަނީގައި ގެނބެމުންނެވެ.

ރައްޔިތުން ދަނީ އެތައް ކަން ބޮޑުވުމެއް މިކަމާ ގުޅިގެން ފާޅު ކުރަމުންނެވެ. އެއީ އިއްޔެއަކު ނުވަތަ މިއަދަކު ހާމަކުރަމުންދާ ކަންބޮޑުވުންތަކެއް ނޫނެވެ. އެތައް އަހަރުތަކެއްގެ އާދޭހުގެ އަޑުތަކެކެވެ. ބައެއް ސަރުކާރުތަކުން އެކި ދާއިރާތަކުން ޖޫރިމަނާގައި ގެނބެމުންދާ ރައްޔިތުންނާއި ލޯނުގައި ބެދިފައިވާ ފަރާތްތަކައް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް ފައިސާގެ އެ ފިއްތުންތަކުން ސަލާމަތްވާ މީހުންނަށް ވުރެ އެ މަޅީގައި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ގިނަވަމުންދާ މަންޒަރަކީ ވަރަށް ގާތުން ފެންނަ މަންޒަރެކެވެ.

މި މައްސަލަ މިހެން ހުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ލައިސަންސު ނެތި ޖޫރިމަނާކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފުވައްމުލަކު ސިޓީން 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި މައްސަލައަކީ އަތޮޅުތަކުގައި ވެސް އަދި މާލޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ. 

މި މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، އެހެން ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގަވާއިދާއި އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރީމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމާއި ބެހޭ ފަރަތްތަކާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ. މިހެން ވިދާޅުވުމާ ގުޅިގެން އެ ކުދިންގެ ޖޫރިމަނާ މައާފްކޮށްދެއްވަން ރައީސްގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ. އަދި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

ސަބަބަކީ ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ، ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެސް ވެފައި ވާތީ އެވެ.

ކުށެއް ކޮށްގެން ކޮށްފައިވާ ޖޫރިމަނާ މައާފް ކުރުމަކީ ހައްލެއްތޯ ގިނަ ބަޔަކު ސުވާލު ކުރަން ފެށިއެވެ. އެއަށްވުރެ ސަރުކާރުގެ ލޯނުގެ ދަށުން ކިޔަވާ ކުދިންނަށް ލޯން މައާފް ދިނުމަކީ ބުއްދިވެރި ގޮތެއް ކަމަށް އަޅުގަނޑަށް ވެސް ފެނެއެވެ. 

އެއީ ގަވާއިދުތަކާ ހިލާފުވި ފަރުދުންނަށް ވުރެ ގައުމަށް ހިދުމަތް ކޮށްދެމުންދާ ފަރާތްތަކެއްގެ ބޮލުން ސަރުކާރަށް ދައްކަން ޖެހިފައިވާ ފައިސާގެ ބަރުކަން ނެގުމުން ގައުމަށް ވެސް މާ ފައިދާ ވާނެ ކަމަކަށް ވާތީއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯންގެ އަދަދުތައް ވެސް އިތުރުކޮށްފައެވެ. އަދި މިހާރު ވެސް އެތައް ދަރިވަރުންނެއް ކިޔެވުން ނިންމާލުމަށް ފަހު ސަރުކާރުގެ އަތުން ނަގާފައިވާ ލޯނު އަނބުރާ ނުދެއްކިގެން ދިރިއުޅުމުގެ އަސާސީ އެކި ބޭނުން ނުފުއްދި ހާލުގައި އެބަ އުޅެ އެވެ.

އަހަރެންގެ ނަޒަރުގައި ގައުމުގެ ރައްކާތެރިކަމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކައް ބޯނުލަނބައިގެން ޖޫރިމަނާ ކޮށްފައިވާ ބައެއްގެ ބޮލުގައި އެޅިފައިވާ ފައިސާތަކެއް މައާފުކޮށްދިނުމަށް ވުރެ ގައުމަށް ފައިދާ ކޮށްދޭ ޒިންމާދާރު ބައެއްގެ ބޮލުގައި އެޅިފައިވާ ލޯނުތައް މައާފްކޮށްދިނުން މާ މުހިންމެވެ. އެއީ ގައުމު ކުރި އަރުވާނީ ޒިންމާދާރު ހަރުދަނާ ޒުވާނުން ކަމަށް ވާތީ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް