ads
ޕީޖީ ޝަމީމް މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި.. ފޮޓޯ: މަޖިލިސް
އަލީ ވަހީދު މައްސަލައިގައި ޖާމިނުވީ ގާނޫނާ ހިލާފަށް: ޕީޖީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު މައްސަލައިގައި ޖާމިނުވީ ޖިނާއީ އިޖުރާތުގެ ގާނޫނާ ބުނާގޮތައް ނޫންކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެެއްޖެ އެވެ.

އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށް ޕީޖީން ބުނެއެވެ. 

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި ކްރިމިނަލް ކޯޓުން ދޫކުރަން ކުރި އަމުރުގެ އިސްތިއުނާފް މައްސަލަ އޭނާ ހާޒިރު ނުވިޔަސް ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް މިއަދު ވިދާޅުވިއެވެ. 

ޕީޖީ ޝަމީމް ވިދާޅުވީ ޖާމިނުކުރުމާއި ގުޅޭ ލިޔެކިޔުންތައް ބެލިއިރު ބަންދުން ދޫކޮށްލާފައި ތިބޭ މީހުން ބޭރަށް ދިއުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށާއި އެ ލިޔެކިޔުންތައް ބެލިއިރު މައްސަލާގައި ޖާމިނުވި ކަމަށް ބުނާ މީހާ ޖާމިނުވާން ހުށަހަޅާފައި އޮންނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ. 

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުން ގޮތުގައި ނުވައެއް ފެބްރުއަރީގައި އެބޭފުޅާ ފުރާވަޑައިގެންފި ކަމަށް. އޭގެ މާނައަކީ އެ އަމުރުގަ ލިޔެފަ އޮތް ތާރީހުގެ ކުރިއަށް ދަތުރު ކުރުމުގެ ކަންކަން ކުރިއަށް ގޮސްފައިވާކަމަށް އަޅުގަނޑުމެންނަށް، އެހެންނަމަވެސް ދަތުރުކުރި ސީދާ ތާރީހު އަދި ނޭނގެ،"

ޝަމީމް ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ޖާމިނު ކުރުވާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ވެސް ފުރިހަމަވާ ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެމާއްދާގައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި ޖާމިނުވާ ވާހަކަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ބަންދުން ދޫކޮށްފައި ހުންނަ މީހަކު ޖާމިނުވާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުދަންކަން ފާހަގަކުރެއްވި އެވެ. ޕީޖީ ވަނީ އެ މާއްދާއިން މީހަކު ޖާމިނުކުރުވައިގެން ބޭރަށް ފޮނުވި އުސޫލު ނޭނގޭ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ނިންމި ގޮތާއި މެދު ހިތްހަމަނުޖެހޭތީ މައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ބަލައިގެންފައިވާކަން އަދި ސާފު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީގައި އެ މައްސަލާގައި ކަން ހިނގާދިޔަ ގޮތް ސާފުކޮށްދެއްވަމުން ޕީޖީ ވިދާޅުވީ އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ޖުލައި 2020 ގައި ތަހުގީގު ފަށާއި 18 ނޮވެމްބަރުގައި އެ މައްސަލާގައި ދައުވާކޮށްދޭން އެދިފައިވާ ކަމަށެވެ. 

އެގޮތުން ފުލުހުން މެދުވެރިކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުނު ކަމަށާއި އެ އަމުރު ދެ ފަހަރެއްގެ މަތިން މުރާޖައާކޮށް އާކުރެއްވި ކަމަށް ޕީޖީ ވިދާޅުވި އެވެ. ޕީޖީ ވިދާޅުވީ އަލީ ވަހީދުގެ ފަރާތުން އައީ ޕާސްޕޯޓް ދޫކުރުމަށް އެދެމުން ކަމަށާއި އޭރު ވެސް ޕީޖީ އޮފީހުން ވަނީ ބޭސް ފަރުވާކުރުމަށް ބޭނުންވަނީ ޕާސްޕޯޓް ނޫން ކަމަށާއި ބޭސްކުރަން ބޭނުންވާނީ ދަތުރުކުރެވޭނެ ގޮތެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ ޓްރެވެލް ޑޮކިއުމަންޓެއް މެދުވެރިކޮށް ދަތުުރުކުރަން ހުރަސް ނާޅާއި ކަމަށާއި އެހެންނަމަވެސް ޕާސްޕޯޓް ދޫކުރަން އިއުތިރާޒު އަބަދުވެސް ކުރަމުންދިޔަ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، އެ މައްސަލާގައި ކޯޓުން ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ނެރެފައި އޮތީ އެކަމަށް އިއުތިރާޒްކޮށްކޮށް އޮއްވާކަން ފާހަގަކުރެއްވި އެވެ. 

އެ އަމުރު ނެރެފައި ވަނީ ފުލުހުންގެ ފަރާތުން އެދިގެންކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ އެ އަމުރު ބާތިލްކުރީ ޕީޖީން އެދިގެން ނޫން ކަމަށެވެ. އެގޮތުން އަމުރު މުރާޖައާކުރާށާއި ބާތިލްކުރަން ވެސް އެދިފައި ނުވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. 

ޕާސްޕޯޓް ދޫކުރާނެކަން އިއުލާންކުރީ ނުވައެއް ފެބްރުއަރީގައި ބޭއްވުނު އަޑުއެހުމެއްގައިކަމަށް ވިދާޅުވެ، ޕީޖީ ވަނީ އެހެންނަމަވެސް ޕީޖީ އޮފީހަށް އެކަމުގެ ލިޔެކިޔުންތައް ލިބިފައި ވަނީ 11 ފެބްރުއަރީގައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ލިޔެކިޔުންތައް ލިބުނުއިރު އޭގައި އަމުރު ނެރުނު ކަމަށް ވަނީ 10 ފެބްރުއަރީގައިކަމަށް ވެސް ވިދާޅުވެ އެވެ. 

އޭގެ އިތުރުން އެ މައްސަލާގައި ޕީޖީ ވިދާޅުވީ، ޖާމިނުވީ މީހާ ހާޒިރު ނުވި ނަމަވެސް ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނޯންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް