ads
ހިޔާ ފްލެޓްތައް--
ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހުގައި
އަންނަމަހުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަދައްކަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރު ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތްތައްކަމަށެވެ.

މީގެ އިތުރުން މުގުނީ ވިދާޅުވީ، މާލޭ ސަރަހައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައިކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައިވެސް ސްމާޓް މީޓަރު ހަރުކުރާނެކަމަށް މުގުނީ ވިދާޅުވިއެވެ. 

އަދި އެ ހިދުމަތް ތައާރަފުކުރުމަށް ތަފާތު ތިން ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުން ކަމަށާއި އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއްވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރު ތަރައްގީކޮށްފައި ކަމަން ފާހަގަ ކުރަމުން  މުގުނީ ވިދާޅުވީ، މާލޭ ސަރަހައްދެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް އެކުންފުނިން ހިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރު ތައާރަފުކުރާނެކަމަށެވެ.

ހަމަމިއާ އެކު މުގުނީ ވިދާޅުވީ، އެ ހިދުމަތް ތައާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެންވެސް ރިއަލް ޓައިމްކޮށް ބަލާލެވޭނެކަމަށެވެ. އަދި ބިލަށް އެންމެ މަތިން އަރާނެ އަދަދެއް ކަނޑައަޅާ، ކަރަންޓް ޔޫސޭޖް އެ އަދަދަކާ ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ހިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް އެ ހިދުމަތާއެކު ލިބިގެންދާނެކަމަށް މުގުނީ ވިދާޅުވިއެވެ.
އަދި ސްމާޓް މީޓަރާއެކު ހާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކުރުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަން ހާމަކުރައްވާ މުގުނީ ވިދާޅުވީ ސްމާޓް މީޓަރުގެ ޙިދުމަތް ތަޢާރަފުކުރުމާއެކު ސްޓެލްކޯގެ މަސައްކަތްތަކަށްވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް