ads
ސުޕްރީމް ކޯޓު--
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަ: ކޯޓުތަކުން އަމަލުކާގޮތުގެ އުސޫލެއް ނެރެފި
ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ރާއްޖޭގަ އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ އެންމެހާ ކޯޓުތަކުން އެޅުމަށް އެކަށީގެންވާ ފިޔަވަޅުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން އުސޫލެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު މި އުސޫލުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު، ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ހާއްސަ އިރުޝާދުގެ ނަމުގައި އެ ކޯޓުން އާންމު ކުރި ސާކިއުލާ ބާތިލުކޮށްފައިވާ ކަމަށެވެ.

މިއުސޫލަކީ، ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ބަލި ފެތުރެމުން އަންނާތީ ކޯޓުތަކުގެ ފަނޑިޔާރުން، މުވައްޒަފުން އަދި ކޯޓު ތަކުން ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލި އުސޫލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. 

މި އުސޫލު އެކުލަވާލާފައިވަނީ އެޗްޕީއޭއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާފައުވާ ފިޔަވަޅުތަކަށް ބެލުމަށް ފަހު ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އެގޮތުން ކޮންމެހެން ކޯޓުތެރެއަށް ވަންނަން ޖެހޭ މީހުން، ކޯޓުތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރު މިނުގައި ތިބެވޭނެ އަދި ކޯޓަށް ވަދެ ނިކުމެވޭނެ ގޮތް ހެދުމަށް މި އުސޫލުގައި ވެއެވެެ.

ބަންދު ކުރެވޭ މީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުން ތަކާިއ، ކަނޑައެޅިގެން ކޯޓުތަކުން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަންކަން އެކަށޭނަ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ކޯޓު ތަކުން ހަމަ ޖައްސަން ޖެހޭނެ ކަމަށް މި އުސޫލުގައި ވެއެވެ.

ހަމައެއާއެކު އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓު ތަކުގައި ޑިއުޓީ ތާވަލެއް އެކުލަވާލާ ފަނޑިޔާރުން މަސައްކަތް ކުރާނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެއެވެ. އަދި ކޯޓުގެ އިމާރާތުގައި ޝަރީޢަތް ކުރިއަށްގެންދާ ހާލަތް ތަކުގައި އެއްފަހަރާ ގިނަ މީހުން ހާޒިރު ނުކޮށް ޝަރީއަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށް މި އުސޫލުގަިއ ބުނެފައިވެއެވެ.  ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދެވޭ އަޑުއެހުންތަކުގައި އެފަދައިން ކަން ކުރުމަށް އެދެފައިވެއެވެ.

މީގެ އިތުރުން 55 އަހަރުން މަތީގެ އަދި ހައި ރިސްކު މީހުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވާނަމަ، އެކަން ލިޔުމަކުން ހުށަހެޅުމުން އެއީ ކޯޓަށް ހާޒިރު ނުވުމަށް މަގުބޫލު އުޒުރެއްގެ ގޮތުގައި ބަލަން ވާނެ ކަމަށް މި އުސޫލުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ލިޔެކިއުންތައް އިލޮކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމާއި، އެފަދަ ލިޔެކިއުންތަކާ މެދު އަމަލު ކުރަންވީ ގޮތް މި އުސޫލުގަިއ ބަޔާންކޮށްފައި ވެއެވެ.

ސުޕްރީމްކޯޓުން ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްރަށުން ނުވަތަ ސަރަހައްދު ތަކުގެ ކޯޓުތަކުން ކަނޑައަޅާ ގޮތުގެ މަތިން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިރުޝާދު ދީފައެވެ. އަދި 55 އަހަރުން މަތީގެ އަދި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަނޑީޔާރުން ޖޭއެސްސީން ނިންމާފައިވާ ގޮތުގެ މަތިން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާޟު ހަމަޖެއްސުމަށް މި އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ކޮވިޑް 19 ފެތުރުން މަދު ކުރުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތުގެ މަތިން ފިޔަވަޅު އެޅުމަށް މި އުސޫލުގައި ބުނެފައިވެއެވެ.

މި އިރުޝާދަކީ މިއަދުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިކަން ދައުލަތުން އިއުލާނު ކުރުމާއި ހަމައަށް ނެރެފައިވާ އުސޫލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް