ads
މިއަދުގެ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް ---
ކެނޑިޑެންސީ ބާތިލް ކުރި ކެނޑިޑޭޓަށް އިންތިހާބުގައި ވާދަ ކުރެވޭނެ!
އިލެކްޝަސް ކޮމިޝަނުން ކެނޑިޑެންސީ ބާތިލް ކުރި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި އެ ކޯޓުން ވަނީ ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލު ކުރުމަށް އީސީން އޭނާ އަށް އެންގި އެންގުންބާތިލު ކަމަށް ކަނޑައަޅާފައެވެ. 

އެގޮތުން ސުޕްޓީމް ކޯޓުން އީސީގެ އެންގުން ބާތިލުކޮށް ހަސަން މޫސާ އަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޝަރީއަތުގައި އިސް ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ހަސަން މޫސާގެ ޝަރުތު ހަމަ ނުވާ ކަމަށް ބުނެ އީސީން އޭނާ އަށް އެންގި އެންގުމަކީ ގާނޫނުން އީސީއަށް ލިބިފައިވާ 48 ގަޑިއިރު ފަހަނަ އަޅާ ދިޔަފަހުން އީސީން އެންގި އެންގުމެއް ކަމަށެވެ. އަދި އެ އެންގުން ހަސަން މޫސާއަށް ފޮނުވާފައިވަނީ ވަގުތު ފަހަނަ އެޅިފަހުން ކަމަށް ވުމުން އީސީގެ އެންގުން ބާތިލް ކުރާ ކަމަށެވެ.

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިދިޔަ މަހު 13 ވަނަ ދުވަހުއެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ. 

މި މައްސަލައިގައި ޕީޕީއެމް އިން ވަނީ އީސީން ޝަރުތު ހަމަނުވާކަމަށް ބުނެ ކެނޑިޑެސީ ބާތިލުކުރި ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި ހަސަން މޫސާގެ ކުށުގެ ރިކޯޑުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ކޯޓުތަކުން ދީފައިވާ ލިޔުމާއިއެކު އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމު ހުށަހެޅުމުން، އީސީން ވަނީ އޭނާގެ ކެނޑިޑެސީ ބަލައިގެންކަމުގެ ލިޔުން ހަވާލުކޮށްފައި ކަމަށެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާއާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އީސީން ހަމަޖައްސާފައިވަނީ އޭޕްރީލް މަހު 10 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް