ads
އާތިފް ޝަކޫރު ---
އާތިފް ޝަކޫރާ ދެކޮޅަށް ދައުލަތުން 12 ހެކި ހުށަހަޅައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން 12 ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ ކޯޑިނޭޓަރު ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ފަރާޓުން ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން ޝަކޫރާއި ދެކޮޅަށް ހެކި ހުށަހެޅުމުގެ އިތުރުން، މިއަދުގެ ޝަރީއަތުގައި ޝަކޫރުގެ ފަރާތުން ލިޔުމުން ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިނެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަކޫރު ވަނީ އޭނާއަށް ކޮށްފައިވާ ދައުވާ ތަކަށް އިންކާރު ކޮށްފައެވެ. 

ދައުލަތުން މި މައްސަލައިގައި އާތިފާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. 

އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެފްއައިޔޫއަށް ލިބިފައިވާ މައުލޫމާތެއް މަނީ ލޯންޑަރިން ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅުން ހުރި ކަމަށް ބެލެވޭ ނަމަ، ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް އެކަން އަންގަން ވާނެ ކަމަށެވެ. 

އޭގެ އިތުރުން އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގައި ވަނީ "މި ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ އާއެކު ޖަލަށްލުން" ކަމަށެވެ. 

މަޒުކަޒީ ބޭންކުގެ އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި އާތިފް ހުންނެވީ 4 ނޮވެމްބަރު 2014 އިން 21 ޖޫން 2015 އަށެވެ. 

އެގޮތުން 25 ނޮވެމްބަރު 2014 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އެސްއޯއެފްގެ ބީއެމްއެލް އެކައުންޓަށް ފައިސާތަކެއް ޖަމާކުރި އެވެ. 

އެމްއެމްޕީއާރްސީގެ ޗެކުން އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައި ވަނީ ޖުމްލަ 59،748،000.00 ރުފިޔާ (ފަންސާސް ނުވަ މިލިއަން ހަތްލައްކަ ސާޅީސް އަށްހާސް ދިވެހި ރުފިޔާ) އެވެ. 

އެ މުއާމަލާތާ މެދު ޝައްކު ކުރެވިގެން ބީއެމްއެލުން ވަނީ 27 ނޮވެމްބަރު 2014 ގައި އެފްއައިޔޫއަށް ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވާފަ އެވެ. 

އެސްޓީއާރް ލިބުމާއެކު، އެފްއައިޔޫއިން ކުރި ތަހުގީގުން ވަނީ އެސްއޯއެފުން ހިންގަމުން ދިޔަ މުއާމަލާތްތަކުގައި މަނީ ލޯންޑަރިންގެ ހަރަކާތްތަކަށް ނުވަތަ ކުށެއް ކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށް ކަނޑައަޅާފަ އެވެ. 

އަދި އެކަން ކަނޑައަޅާފައިވާ އެސްޓީއާރް އެނެލިސިސް ރިޕޯޓު ނިންމާފައި ވަނީ 6 އޭޕްރިލް 2015 ގައެވެ. ނަމަވެސް އޭރު އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އާތިފް ވަނީ އެ ރިޕޯޓުގައިވާ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ނުދީ ހިފަހައްޓާފަ އެވެ. 

އާތިފަށް ދައުވާ ކޮށްފައިވަނީ މި މައްސަލައާއި ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް