ads
ވީޑިއޯ ރިޕޯޓް:-
ކޭސްތައް ގިނަވަނީ، ސީރިއަސް ވާން ލަސްވެއްޖެ!
ކޮވިޑް-19ގެ ކޭސްތައް ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރާ ވާހަކައަކީ އަބަދުމެ ދައްކަމުން އަންނަ ވާހަކައެކެވެ. ފެންނަނީ މި ބަލީގެ ސީރިއަސްކަން ނުވިސްނި، ބަލިން ރައްކާތެރިވުމުގައި ފަރުވާކުޑަ ކުރެވެމުން އަންނަ މަންޒަރެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓު ރާއްޖެއިން ފެނުނުކަން އެޗްޕީއޭއިން އާންމު ކޮށްފައިވަނީ މިމަހު ކުރީ ކޮޅުއެވެ. އަދި މި ވޭރިއަންޓަކީ މާ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއް ކަމަށް ތަކުރާރުކޮށް އެޗްޕީއޭއިން ބުނަމުން ގެންދިޔައެވެ.

ނަމަވެސް ބަލަބަލާ ތިއްބާ ފެނިގެން ދިޔައީ ކޮވިޑްގެ ކޭސްތައް މައްޗައް އަރައިގެން ދިޔަ ތަނެވެ. 100 އިން ދަށުގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް ހަފްތާއަކަށް ވުރެ ގިނަ ދުވަހު ހިފަހައްޓާލުމަށްފަހު، ފެނިގެން ދިޔައީ ކުއްލިއަކަށް އަދަދުތައް މަތިވި މަންޒަރެވެ. ދުވަހެއް ދުވަހަކަށް މިއަދަދުތައް މިހާރުވެސް އަންނަނީ އިތުރުވަމުންނެވެ.

އެޗްޕީއޭއިން ވަނީ ކޭސްތައް ގިނަވަނީ އާ ވޭރިއަންޓުގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ހަލުވިކަމާއެކު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅާފައެވެ.

ކާފިއު ގަޑި އިތުރުކޮށް، ވެހިކަލް ނުދުއްވޭ ގަޑި އިތުރު ކުރުމުން ވެސް ކޭސްތައް މަދެއް ނުވިއެވެ. އެންމެ ފަހުން އެޗްޕީއޭއިން ވަނީ އެއްވުންތައް މަނާ ކޮށްފައެވެ. އެގޮތުން 10 މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ. އަދި އުސޫލުތަކަށް އަމަލު ނުކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް އަންގާފައިވެއެވެ. ފުލުހުންވެސް ވަނީ ރައްކާތެރިކަމަށް އަޅާފައިވާ މި ފިޔަވަޅުތަކާ އުސޫލުތަކާ ހިލާފަށް އަމަލު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.

މިއާއެކު ހޯމަ ދުވަހު އިވިގެން ދިޔައީ، އެޗްޕީއޭގެ ގައިޑުލައިނުތަކާއި ހިލާފަށް މާލެ ސަރަހައްދުގެ ދެ ރެސްޓޯރަންޓެއްގައި ބޭއްވި ދެ ޕާޓީއަކަށް ފުލުހުން ގޮސް، ޕާޓީ ހުއްޓާލުމަށް އަންގަން ޖެހުނު ވާހަކަ އެވެ.

އިވިގެން ދިޔައީ މިތަނުން އެއް ޕާޓީ ހުއްޓާލުމަށް ފުލުހުން އެންގުމުން، އެކަމަށް އަމަލު ނުކޮށް، ޕާޓީ ކުރިއަށް ގެންދިޔަ ކަމުގެ ވާހަކަ އެވެ. އަދި ފުލުހުން ދެވަނަ ފަހަރަކަށް އެސަރަހައްދަށް ގޮސް، ޕާޓީ ހުއްޓާލުމަށް އަންގަން ޖެހުނު ވާހަކަ އެވެ.

ފުލުހުން ވަނީ މި ދެ ރެސްޓޯރަންޓުވެސް، އެޗްޕީއޭގެ އުސޫލާއި އެއްގޮތުގެ މަތިން 5000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

ކޮވިޑްގެ ކޭސްތައް ގިނަވެ، ސިއްހީ އެހީތެރިންނަށް ބާރު ބޮޑުވެފައިވާ މި ދަނޑިުވަޅުގައި މިއީ އަމަލު ކުރުން އެންމެ ޒިންމާދާރުވެރި ގޮތްތޯމިއީ އަމިއްލަ އަށްވެސް ސުވާލު ކުރަން ޖެހޭ ކަމެކެވެ. 

ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން ތިމާގެ ބަބުލް ކުޑަކުރުމަށް އެދެމުން އަންނައިރު، ފެނިގެން ދަނީ ޒިންމާދާރު ކުޑަކޮށް އަމަލުކުރެވޭ މަންޒަރެވެ. ސީރިއަސްކަމެއް ނެތި، ތިމާގެ އިތުރުން ގޭގައި ތިބޭ ހައި ރިސްކު މީހުންވެސް ނުރައްކަލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް އަމަލު ކުރާ މަންޒަރެވެ.

ދުވަހަކަށްވުރެ ދުވަހެއް ކޭސްތައްގިނަވަމުން އަންނަ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ސީރިއަސް ވުމަށް މިހާރުވެސް މާ ލަސްވެސް ވެއްޖެއެވެ. އަވަހަށް މިކަމުން ސަލާމަތް ވެވޭނީ އެންމެން ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އެންމެންވެސް އަމަލު ކޮށްގެނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް