ads
ރައީސް ސޯލިހް--
"އައިޔޫސީއެން"ގެ މެންބަރަކަށް ރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި
އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް އެގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

"އައިޔޫސީއެން"އަކީ މެމްބާޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. އައިޔޫސީއެން ގައި ދުނިޔޭގެ 91 ޤައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ޤައުމުން 1400 އަށްވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައިޔޫސީއެން އަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމްއިއްޔާއެކެވެ.

އައިޔޫސީއެންގެ އިސްނެމުގެ މަތީން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ދިވެހިރާއްޖެއިން އައިޔޫސީއެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް "ޕާޓްނާޝިޕް" ތައް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން އެކިއެކި ނެޓްވާކްތަކަށް ތައާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

އެގޮތުން ފަންނީ މައުލޫމާތު ހިއްސާކުރުމާއި، ތަޖުރިބާ ހިއްސާކުރުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަމެވެ. އަދި މިއީ، ދިރޭތަކެއްޗާއި، އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް ލިބިގެންދާނެ ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް