ads
ނ. ކެނދިކުޅުދޫ
އިންޑިއާގެ އެހީގައި ކެންދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމުކުރަނީ!
އިންޑިއާގެ އެހީގައި ކެންދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓާ ޑރ. އެސް. ޖެއިޝަންކަރު މިމަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، މިމަހުގެ 20 ވަނަަ ދުވަހުއެވެ. އިންޑިއާގެ ގްރާންޓް އެހީގެ 7.6 މިލިއަން ރުފިޔާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އިމްޕްލިމެންޓިން އޭޖެންސީއަކީ ކެންދިކުޅުދޫ ކައުންސިލް އިދާރާއެވެ.


މި މަޝްރޫއުގެ ދަށުން ކެންދިކުޅުދޫގައި ކަންނެލި އަދި އެހެނިހެންމަސް ގަނެ، ޕްރޮސެސްކުރުމަށް ގާބިލު، ކުޑަ ސްކޭލް ގޭދޮށު މަސް ޕްލާންޓެއް ގާއިމްކުރެވޭނެއެވެ. އެޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން، 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެއެވެ. އަދި މި ޕްލާންޓްގައި އެކި ކަހަލަ މަސްކިރާ، ކަނޑައި، ސާފުކޮށް، ފިނިކޮށް، ވެކިއުމްކޮށް ބަންދުކޮށް، ކޮލިޓީ ޓެސްޓުކޮށް ޕްރޮސެސް ކުރުމަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުންނާނެއެވެ.

މިކަމާއިބެހޭގޮތުން އިންޑިއާ ހައިކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމަޝްރޫއުގެ ސަބަބުން ދިވެހި މަސްވެރިންނަށް ހެޔޮ އަގުއައުގައި ހިދުމަތްތައް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މަހުގެ އުފެއްދުންތަކުގެ ޕޯޓްފޯލިއޯ އަދި ވެލިއު އިތުރުވެ، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭ އަދަދު އިތުރުވެ، ޕްލާންޓް ގާއިމު ކުރެވޭ ރަށާއި ކައިރީގައި ހުންނަ އެހެން ރަށްތަކުގެވެސް އިގްތިސާދު ވަރުގަދަވެގެން ދާނެކަމަށް ބެލެވޭކަމަށެވެ. އަދި މިއީ ކަންނެލި މަހުގެ މާކެޓްގެ ޕްރޮސެސިންއަށް ދިމާވެފައިވާ ކެޕޭސިޓީގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ވަރަށްވެސް މުހިންމު މަޝްރޫއުއެއް ކަންވެސް ވަނީ ފާހަގަކޮށްފައިއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ޖީޑީޕީގެ 4.1 އިންސައްތަ، ވަޒީފާގެ ބާޒާރުގެ 20 އިންސައްތަ އަދި ފިޒިކަލް އެކްސްޕޯޓްގެ 98 އިންސައްތަ ނިސްބަތްވާ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އިންޑިއާއަށް ލިބޭ ފަހުރެއްކަން ފާހަގަކޮށް އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ، އަދި ހުޅުދޫގައި 23 މިލިއަން ރުފިޔާ (1.5 މިލިއަން ޑޮލަރުގެ) މަސް ޕްރޮސެސިން ޕްލާންޓްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އަންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ދިވެހި ސަރުކާރުގެ އެސްއޯއީ އެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ކެންދިކުޅުދޫގެ މި މަޝްރޫއު އަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 200 މިލިއަން ރުފިޔާ (12.5 މިލިއަން ޑޮލަރުގެ)ގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ކުދި އަދި މެދު ފަންތީގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ ތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ.


،މިމަޝްރޫއު ތަކަކީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުން ހޮވާފައިވާ، ސިއްހީ، ތައުލީމީ، ދެމެހެއްޓެނިވި ތަރައްގީ، އަދި އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުވުމުގެ ދާއިރާތަކާއި ގުޅޭ މަޝްރޫއުތަކެކެވެ. އެޗްއައިސީޑީޕީ ތަކަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ޑައިނެމިކް ގުޅުމުގެ މުހިންމު އެއް ތަނބެވެ.
އެޕްރޮޖެކްޓްތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައުންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެކެވެ. އަދި އިންޑިއާގެ އެހީގެ ދަށުން ހިންގަމުންދާ މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ދިވެހި ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިއްބައިދޭ ކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


އެޗްއައިސީޑީޕީ އަކީ އިންޑިއާގެ އަމިއްލަ ތަރައްގީއަށް ދިމާވި ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ގައުމީ ފެންވަރުގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވި، ސަރުކާރުގެ އެކި ފަންތިތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތުން ލިބިފައިވާ ތަޖުރިބާގެ އަލީގައި ޑިޒައިންކުރެވިފައިވާ މަޝްރޫއުތަކެކެވެ. އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' އަދި ދިވެހިރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ދަށުން ތަރައްގީގެ މިފަދަ ތަޖުރިބާތައް ދިވެހިރާއްޖެއާއި ހިއްސާ ކުރުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށް ހައި ކޮމިޝަނުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް