ads
މެމްބަރު ސަލީމް--
ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، މިނިވަންކަމާ ސިޔާދަތީ ބާރުދަނީ ދަށްވެއްޖެ: އިދިކޮޅު
ދިވެހިންގެ ކަންކަމަށް ބޭރުގެ މީހުން ބަސް ބުނުމަކީ ގައުމުގެ ސިޔާދަތު ގެއްލިފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅުން ޖަވާބުދިނުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު މެމްބަރު ސަލީމް ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާ ސިޔާދަތާ އަދި އެ ގައުމެއްގެ ހާރިޖީ ސިޔާސަތާ ވަނީ ގުޅިލާމެހިފައި ކަމަށާއި ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގެއްލެމުން ކަމަށެވެ. 

މެމްބަރު ސަލީމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތިވެދާނެ ކަމަށެވެ. އަދި ދިވެހިންގެ މި ކަނޑުގައި ދިވެހި ކާބަފައިން ވާރުތަކޮށްދިން ބާރުވެރިކަން ދިވެހިންގެ އަތަކު މިއަދަކު ނެތްކަން ފާހަގަކުރައްވަމުން ވިދާޅުވީ ރާއްޖޭގެ ކަންކަމުގާ އިހުބަސްވެސް އަދި ފަހުބަސްވެސް ބުނަންޖެހޭނީ ދިވެހިން ނަމަވެސް ދިވެހި ގައުމުގެ ކަންކަން ނިންމުމާ ބަސްބުނުމުގާ އެހެންބަޔަކު އިހުބަސްބުނުމަކީ ގައުމުގެ ސިޔާދަތު ގެއްލިފައިވާކަން ހާމަވާ، ބިރުވެރިކަމެއް ކަމަށެވެ. 

"ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުންފަދަ ކަމެއް. ދިވެހި ގައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާނެ އަދި، ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާ މުޅިކަނޑުގެ ހަޒާނާ ބޭރު ބަޔަކަށް ދިނުން،" އިދިކޮޅުގެ ޖަވާބު އިއްވަމުން ސަލީމް ވިދާޅުވި އެވެ. 

ރާއްޖޭގެ ހައިޑްރޮގްރަފީ ކުރަހަން ބޭރު ބަޔަކަށް ދިނުމަކީ، ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއް އޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ރަށްރަށާ ވިލުދޮޅިތަކާއި ގިރިފަރުތަކާއި ހާތަކާ ކަނޑުއޮޅިތަކުގެ ފުންމިނާ އެތަންތަނުގެ މަންޒަރުތަކުގާ ބޭރު ބަޔަކު ޖައްސާނެ ކުލައެއް ޖައްސާ، އެތަންތަން ހަރާބުކޮށްލަން ދޫކޮށްލުމަކީ ގައުމު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. 

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއާ ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ޙިމާޔަތްކުރުންކަމުގައި ސަރުކާރުން ބުނި ނަމަވެސް، ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖެ ހިފަން ގޮވާލި ބަޔަކު ސަރުކާރުގައި ތިބޭހާ ހިނދަކު ރާއްޖެއާއި ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ އިހްލާސްތެރިކަމެއް އޮންނާނެކަމަކަށް ނުދެކޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް