ads
ކަރެކްޝަންސްގެ ޖަލެއްގައި ގައިދީއެއް--
ދައުލަތުގެ އިހުމާލުން ބަނދުގައި ބެހެއްޓި މީހަކަށް ބަދަލު ހޯދައިދޭން ނިންމައިފި
ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ނެރެފައިވާ މީހެއް ބަނދުގައި ބެހެއްޓުމުގެ ސަބަބުން، އޭނާގެ ގެއްލިފައިވާ ހައްގުތަކުގެ މައްޗަށް މަދަނީ ބަދަލު ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނިންމަފިއެވެ.

ގާނޫނީގޮތުން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެތި، ދައުލަތުގެ އިހުމާލުން ބަންދުގައި ބެހެއްޓުމުގެ ސަބަބުން ހައްގުތަކަށް އުނިކަން ލިބިފައިވާކަމަށް ނިންމައި، މަދަނީ ބަދަލު ހޯދައިދިނުމަށް އެޗްއާރުސީއެމްއިން ނިންމާފައިވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި 2018 ވަނަ އަހަރު ޝަރީއަތް ނިމެންދެން ބަންދުކުރި ރ.މަޑުއްވަރީ އުމުރުން 22 އަހަރުގެ މުހައްމަދު ޝަހީރުގެ މައްސަލާގައެވެ. 

އެމައްސަލަ އެޗްއާރުސީއެމްއިން ބެލުމަށްފަހު ނެރެފައިވާ ހުލާސާ ރިޕޯޓުގައި ވަނީ، 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު އޭނާ ދޫކޮށްލުމަށް، އެމައްސަލަ ހުށަހަޅާފައިވާ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވީނަމަވެސް ކަރެކްޝަންއިން އޭނާ ދޫކޮށްލާފައިވަނީ އޭގެ 34 ދުވަސް ފަހުން ކަމަށާއި، އެހެންކަމުން އޭނާ އެމުއްދަތުގައި ބަންދުގައި ބަހައްޓާފައި ހުރީ ދައުލަތުގެ އިހުމާލުން ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. 

އެގޮތުން މިމައްސަލައާއި ގުޅިގެން އެޗްއާއުސީއެމްއަށް ލިބިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، ކަރެކްޝަންގެ ބެލުމުގެ ދަށުން 2018 ވަނަ އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހު އޭނާ މިނިވަން ވެފައި ނުވަނީ، އުނގޫފާރު ކޯޓުން އޭނާ ދޫކޮށްލުމަށް ނެރުނު އަމުރު ކަރެކްޝަންސް އަށް ލިބިފައި ނުވާތީ ކަމަށާއި، އަދި އުނގޫފާރު ކޯޓުން އެ އަމުރު ކަރެކްޝަންސްއަށް ފޮނުވާފައިވަނީ ފެކްސް މެދުވެރިކޮސް ކަން އެނގިފައިވާ ކަމަށެވެ. 

ނަމަވެސް އެ އަމުރު ކަރެކްޝަންސް އަށް ލިބުނުތޯ ކަށަވަރު ކުރުމަށް ފޯނުން ގުޅުމުން ކަރެކްޝަންސްއިން ފޯނަށް ޖަވާބުދާރީވެފައި ނުވާތީ ފެކްސް ލިބުނުކަން ކަށަވަރު ކުރެވިފައި ނުވާކަމަށް އުނގޫފާރު ކޯޓުން ބުނެފައިވާކަމަށާއި، ނަމަވެސް ފަހުންވެސް، އެކަން ކަށަވަރުކުރުމަށް ނުވަތަ އީމެއިލް ފަދަ އެހެން ޒަރީއާއަކުން އަމުރު ފޮނުވުމަށް މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ. މިކަމަށް ރިއާއަތްކޮށް ބަޔާނުގައި ވަނީ އެ އަމުރު ކަރެކްޝަންސް އަށް ލިބުނު ކަން ކަށަވަރު ކުރުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އޭގެއިތުރުން މިމައްސަލާގައި ޕީޖީން ވެސް އިހުމާލު ވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ޕީޖީން އެދިގެން ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލުމުގެ ކޯޓު އަމުރެއް ލިބުމުން، އެ އަމުރު ތަންފީޒު ކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ)، (ބ)، (އ)، ގައި ބަޔާންކޮށްފައިވާ އެ އޮފީހުގެ ބާރުތަކާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މިމައްސަލާގައި ޕީޖީ އޮފީހުގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަމަށް ފާހަގަވާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ. 

މިކަންކަމަމަށް ރިއާއަތްކޮށް އެޗްއާރުސީއެމްއިން ނިންމާފައިވާނީ، ރ.މަޑުއްވަރީ، މާސް މުހައްމަދު ޝަހީރު 34 ދުވަސް ވަންދެން ބަންދުގައި ހުރީ ދައުލަތުގެ އިހުމާލުން ކަން ސާބިތުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް، ގާނޫނުއަސާސީގެ 58 ވަނަ މާއްދާއާއި، 46 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއިންނާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ މުއާހަދާގެ 9 ވަނަ މާއްދާގެ (1) އަދި (5) ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ގެއްލިފައިވާތީ، މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަން ކޮމިޝަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސްއޫލިއްޔަތާއި ބާރު މި ކޮމިޝަނަށް ލިބިފައިވާތީ، މިމައްސަލާގައި ޝަހީރުގެ ގެއްލިފައިވާ ހައްގުތަކުގެ މައްޗަށް ރިއާޔަތްކޮށް މަދަނީ ބަދަލު ނަގައިދިނުމަށް މި ކޮމިޝަނުން މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް