ads
ފޮޓޯ: ފެނަކަ
ވޭމަންޑޫއަށް ކަރަންޓުދޭން ގުރައިދޫން ޖަނަރޭޓަރެއް ގެންގޮސްފި
ތ. ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫން 360 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފި އެވެ.

ތ. ވޭމަންޑޫގެ އިންޖީނުގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާއެކު މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތްއިރު ފެނަކައިން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުރައިދޫން ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށެވެ. 

އެހެންނަމަވެސް އަދި ކަރަންޓު ފޯރުކޮށްދޭވޭނެ އިރެއް ސާފެއް ނުވެ އެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ރޭ "ސީއެންއެމް" އަށް ވިދާޅުވީ އެރަށަށް ޖަނަރޭޓަރު ފޮނުވުމަށް ލޯޑްކުރުމުގެ މަސައްކަތް ރޭ ކުރެވުނު ކަމަށާއި އެގޮތުން ވޭމަންޑޫއަށް ފޮނުވަނީ 600 ކިލޯވޮޓާއި 400 ކިލޯވޮޓުގެ މުޅިން އާ ދެ ޖެނަރޭޓަރު ކަމަށެވެ. 

ސައީދު ވިދާޅުވި ގޮތުގައި ވޭމަންޑޫއާ ހިސާބަށް ޖަނަރޭޓަރުތައް ގެންދިއުމަށް 12 ގަޑިއިރު ހޭދަވާނެ އެވެ. މިހެންކަމުން، ވޭމަންޑޫގެ ރައްޔިތުންނަށް ރޭ ކަނު އަނދިރީގައި ހޭދަކުރަން ޖެހުނަސް މިއަދު މެންދުރެއްހާއިރު ރަށަށް ޖަނަރޭޓަރު ގެންދެވޭނެ ކަމަށް ބެލެވެ އެވެ. 

ރަށުގެ ހާލަތު ބެއްލެވުމަށް ފެނަކައިގެ އެމްޑީ ވެސް އިއްޔެ ވަނީ ވޭމަންޑޫއަށް ވަޑައިގެންފަ އެވެ. 

މެންދުރު 2:30 ހާއިރު ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވީ، އިންޖީނުގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ރަށުގެ އެކި ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓު ކަނޑަމުންދަނިކޮށެވެ. 

އާބާދީގައި 1800 އެއްހާ މީހުން ދިރިއުޅެމުންދާ ވޭމަންޑޫއަކީ އަތޮޅު ވެރިކަން ކުރާ ރަށް ވެސްމެ އެވެ. މިހެންކަމުން، ކޮންމެ ދުވަހަކު އެރަށަށް އެކިއެކި ހިދުމަތް ހޯދުމަށް ގިނަ ބަޔަކު އެރަށަށް ދެއެވެ. 

މިހާރު ފެނަކައިން އަންނަނީ އެ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ރަށަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް