ads
ސައުދީގެ ޓެރަރިޒަމް ސެންޓަރައްދާ ސިފައިންނާ މިނިސްޓަރު މާރިޔާ ބައްދަލު ކުރެއްވުން
ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ މެދު ސަމާލުވާން އެދިއްޖެ
ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކާމެދު ސަމާލުވެ ރައްކާތެރިވުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެތިބެ، ގައުމީ ރޫހާއި ޖޯޝުގައި އެކުވެރިކަމާއެކު އުޅެމުންއަންނަ ސުލްހައަށް ލޯބިކުރާ، އެއްބައިވަންތަ، އޯގާތެރި އަދި ޒަމާންވީ ސަގާފަތެއް ދަމަހައްޓަމުން އަންނަ ބައެއް ކަމަށެވެ.

އަދި ރާއްޖެއަކީ އެފަދަ ސުލްހަވެރި އަމާން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މުޖުތަމައުގެ ޒަމާންވީ އެއްބައިވަންތަކަމާއި، އިސްލާމީ ރިވެތި އަހްލާގާއި، ގައުމީ ލޯތްބާއި ގައުމީ ރޫހާއި، އޯގާތެރިކަމާއެކު، އެކަކު އަނެކަކަށް އަޅާލުމުގެ މަތިވެރި ޖޯޝް ކަމަށެވެ.

ނަމަވެސް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި، ސަގާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ، ދިވެހި މުޖުތަމައު ބައިބައިކޮށް، ފަރުދުންގެ މެދުގައި ހަސަދަ އާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި، ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމައުން އެކަހެރިކޮށް، ވަކި ޖަމާއަތްތަކެއް އުފެއްދުމަށްޓަކައި މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ރައްޔިތުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާޒުކުރާ ކަމަށް އެ ސެންޓަރުން ބުނެފައި ވެއެވެ.

އަދި ނިރުބަވެރިކަމާއި، އެނޫނަސް ހަރުކަށި ފިކުރާއިގުޅޭ އެންމެހާ ނުރައްކާތަށް ހުއްޓުވުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވެއެވެ.

ނަމަވެސް ކުޑަކުދިންނާއި ޒުވާނުންގެ ފިކުރު ބަދަލުކުރުމަށްޓަކައި ހިންގަމުންދާ ނުރައްކާތެރި ހަރަކާތްތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، ރައްޔިތުންގެ އެއްބައިވަންތަކަށް އާލާކޮށް ދެމެހެއްޓުމަށާއި، އެފަދަ އަމަލުތަކަށް މަގުފަހިވާފަދަ ކަންތައްތައް މަދުކުރުމުގައި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން ނުހަނު މުހިއްމުކަން އެ ސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ތިމާއާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލެއް ނުވަތަ އެފަދަ އަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކޮށް އެކަމުގެ މައަލޫމާތު ފުލުހުންނާއި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުމަށް ވެސް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ހަރުކަށި ފިކުރުގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަށް ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް