ads
ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން--
ކެންޑިޑެސީ ބާތިލުކުރި ކެންޑިޑޭޓްގެ މައްސަލާގައި އީސީން އަލުން ކޯޓަށް
އިލެކްޝަސް ކޮމިޝަނުން ކެންޑިޑެންސީ ބާތިލް ކުރި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން އަލުން އެ މައްސަލަ ބަލައިދިނުމަށް އީސީން ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މިކަމުގެ މައުލޫމާތު ސީއެންއެމްއާއި ހިއްސާކުރައްވަމުން އީސީގެ ރައީސް އަހަމަދު ޝަރީފް ވިދާޅުވީ، އީސީން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ، މީގެ ކުރިން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާގެ ކެންޑިޑެސީ ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން ސްޕްރީމް ކޯޓުން ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމުމާއި ގުޅިގެން ކަމަށެވެ. 

ސްޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ، އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު ގާނޫނުގައި އޮންނަ ތާރީހު ފަހަނައަޅާ ދިޔުމަށްފަހު، އެ ކެންޑިޑޭޓްގެ ކެންޑިޑެސީ ބާތިލުކުރުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިގެން ނުވާތީ އެވެ. އޭނާގެ ކެންޑިޑެސީ ސައްހަތޯ ނުވަތަ ނޫންތޯ ގާނޫނު ބުނާގޮތުން ނިންމަންޖެހޭނީ ކޯޓު މެދުވެރިކޮށެވެ. 

އިލެކްޝަން ކޮމިޝަނުން ހަސަންގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ، އިންތިހާބަށް ކުރިމަތިލިއިރު ސާބިތު ދަރަންޏެއް އޮވެމެ ފޯމުގައި ދަރަނި ހަލާސްކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ހިމަނާފައިވާތީ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަނުވާކަން، ސާބިތުވާ ކަމަށް ބުނެ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.  

އެހެންނަމަވެސް ގާނޫނު ބުނާގޮތުން ކެންޑިޑޭޓެއްގެ އިންތިހާބީ ފޯމު ބަލައިގަތުމަށްފަހު ގާނޫނުގައި ބުނާ ތާރީހުގެ ފަހަުން ކެންޑިޑޭޓެއްގެ އެފަދަ މައްސަލައެއް ފެންމަތިވެގެން ވިޔަސް އޭނާގެ ކެންޑިޑެސީ ބާތިލުކުރެވޭނީ ސްޕްރީމް ކޯޓަށް އެކަންޏެވެ. އެހެންކަމުން ސްޕްރީމް ކޯޓުން މިމަހުގެ 23 ވަނަ ދުވަހުގެ ނެރުނު ހުކުމްގައި ވަނީ ހަސަން މޫސާއަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.  

ޝަރީފް ސީއެންއެމްއަށް ވިދާޅުވީ، އެހެންނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ އީސީން ގަބޫލްކުރިއިރު އޭނާގެ ސާބިތު ދަރަންޏެއް އޮތްކަން ލިޔެކިޔުމުން ފެންނަން އެބަހުރި ކަމަށާއި އެ މައްސަލަ އަނެއްކާވެެސް ސްޕްރީމް ކޯޓަށް އީސީގެ ފަރާތުން ހުށަހަޅާފައިވަނީ އެހެންވެ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ލިޔެކިޔުމުން ފެންނަން އެބަހުރި، ހަސަން މޫސާގެ ކެންޑިޑެސީ އީސީން ގަބޫލްކުރިއިރު އޭނާގެ ސާބިތު ދަރަންޏެއް އޮތްކަން. އެއީ ސާބިތު ދަރަންޏެއް ނެތްކަމަށް އަޅުގަނޑުމެން ނިންމާފައިވަނީ ޑީޖޭއިން ފޮނުވާހުރި ލިޔެކިޔުންތަކަށް ބަލާފަ. އެއަށްފަހުގަ މީހަކު ޝަކުވާ ހުށަހެޅީމަ އަޅުގަނޑުމެން އަލުން ބަލުން ޑީޖޭއޭ އާއި އެކީގައި މަޝްވަރާކުރި ކުރުމުން މި އެނގުނީ އޭނަ ފޯމުގަ ސައްހަ ނޫން މައުލޫމާތުކަން ލިޔެފަ އޮތީ. އޭނާ ފޯމުގަ އެބައޮތް ޖަހާފަ ތިމަންނައަކީ ޝަރުތު ފުރިހަމަވާ މީހެކޭ. އެކަމުގަ އޭރު އޭނައަށް ކޯޓުން ކޮށްފައިވާ ހުކުމަކާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން އަޅުގަނޑުމެންނަށް ލިޔުމުން ފެންނަން އެބައޮތް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އީސީން އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން އެންމެ ފުރަތަމަ ސްޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރު އެ މައްސަލާގައި ރަޖިސްޓްރާ ނިންމާފައިވަނީ އެއީ ސްޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަމަށެވެ. އެ މައްސަލާގައި އިލެކްޝަން ކޮމިޝަނުން ގޮތެއް ނިންމާ ކެންޑިޑެސީ ބާތިލުކުރީ އެހެންވެ ކަމަށް ޝަރީޕް ވިދާޅުވިއެވެ.  

"އެހެންނަމަވެސް މިހާރު އަލުން ސްޕްރީމް ކޯޓަށް ލާފަ މިވަނީ އެހެންނަމަވެސް މައްސަލަ ބަލައިގަން ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. ސްޕްރީމް ކޯޓުން ނިންމާފައި މިއޮތީ ކެންޑިޑެސީ ބަލައިގަތްތާ 48 ގަނޑިއިރު ފަހުން އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ އީސީއަށް ބާތިލުނުކުރެވޭނެއޭ. އެހެންނަމަވެސް އެއަކުން އެއްވެސް ވަރަކަށް ސާބިތެއް ނުކޮށްދޭ ހަސަން މޫސާގެ ކެންޑިޑެސީ އެއީ ގަބޫލް ކުރެވޭނެ އެއްޗެއްތޯ ނުވަތަ ނޫންތޯއެއް. އެހެންވީމަ އެޔަށް ބަލާ އަޅުގަނޑުމެން މި ފޮނުވާލީ" ޝަރީފް ވިދާޅުވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާ އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ. އެހެންނަމަވެސް އީސީން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް ރީހާންއަށް އެ ގޮނޑި ވަނީ ޔަގީންވެފަ އެވެ.

ޝަރުތު ހަމަނުވާކަމަށް ބުނެ ޕިޕީއެމް، ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް މެންބަރުން ނަން އަނބުރާ ގެންގޮސްފައިވާތީ ވޯޓަކާއި ނުލާ 120 މެންބަރަކަށް މިހާރުވަނީ ގޮނޑި ޔަގީންވެފަ އެވެ. މީގެ ތެރެގައި ގިނައީ ސަރުކާރު ތަމްސީލު ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބަށް 2264 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 1670 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އަދި މި އިންތިހާބުގައި ޖުމުލަ 3934 ކެނޑިޑޭޓުން އިންތިހާބު ކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް