ads
ފޮޓޯ: ވީނިއުސް
ރައީސް ޔާމީން އާއި ވަކީލުންނާއި ދެމެދު ދެކެވޭ ފޯންކޯލު ސަރުކާރުން އަޑުއަހާކަމުގެ ތުހުމަތު!
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނުކުފާނުގެ ވަކީލުންގެ ޓީމާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ އަމަލު ސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވެތީ، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން އިލްތިމާސްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކާއި ގުޅިގެން ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯނު ކޯލްތަކަކީ ޤާނޫނީ ގޮތުން ރައްކާތެރިކުރެވިގެންވާ މުޢާމަލާތްތަކެއް ކަމަށްވާއިރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި ރައީސް ޔާމީންއާއި ދެމެދު ކުރެވިފައިވާ، އެހެންނަމަވެސް އެހެން އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާ ބައެއް ވާހަކަތަކަކަށް އުނިއިތުރު ގެނެސްގެން، ސަރުކާރަށް ތާޢީދުކުރާ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެެވެ. 

"އެހެންކަމުން އެކަން ހިނގައިދިޔަގޮތަށް ބަލާއިރު، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު
ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ޢަމަލު ސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވެތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އިލްތިމާސްކުރަމެވެ. އަދި، ވަކީލުންނާއި މުވައްކިލާއި ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެގެންވާ މުޢާމަލާތްތަކެއްކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ." ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ނޫސްބަޔާނުގައި ވަނީ މިއަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު ރައީސް ޔާމީން ފުލުުހަށް
ހާޒިރުކުރެވުނު މައްސަލައާގުޅިގެން އެ މައްސަލައިގެ ތަހްގީގު ބަޔާނުގައި ސޮއިކުރުމުގެ ކަންތައްތައް މާފުށީ ޖަލުގައި
ކުރިއަށް ގެންދިއުމަށްކަމަށް ބުނެ މިއަދު 14:00 އަށް އެމަނިކުފާނުގެ ވަކީލުން ކ. މާފުށީ ޖަލަށް ހާޒިރުވުމަށް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ފުލުހުންގެ އިދާރާއިން އީމެއިލްގެ ޒަރީއާއިން ވަކީލުންގެ ޓީމަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، މި ދަނޑިވަޅަކީ ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރުވަމުންދާ ދަނޑިވަޅެއް ކަމަށްވާތީއާއި، އަދި، ޒަރޫރީ ބޭނުމަކަށް ނޫނީ ކޮންމެހެން ނިކުންނަންޖެހިއްޖެ ހިނދެއްގައި ނޫނީ ބޭރަށް ވެސް ނުނިކުތުމަށާއި އަދި ހާއްސަކޮށް ބަލި އެންމެ ބޮޑަށް ފެތުރޭ ތަން ކަމަށްވާ މާލެސިޓީން އެހެން ރަށްރަށަށް ނުދިއުމަށް ސިއްހީ
ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރަމުންދާ ދަނޑިވަޅެއްގައި، އަދި މާލެ ސަރަހައްދު އޮތީ ލޮކްޑައުން އަކަށް ދާންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ހުދު ހެލްތު މިނިސްޓަރު ވެސް ވިދާޅުވެފައިވާ ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، ރައީސް ޔާމީންގެ އެދިލެއްވުމަކާއި ނުލައި، އަދި، އެމަނިކުފާނަކީ ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުކުރެވިފައިވާ ފަރާތެއް ކަމަށްނުވާއިރު ތަހްގީގު އަވަސް ކުރަންޖެހޭ ފަދަ ޒަރޫރަތެއްވެސް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. 

އަދި އެމަނިކުފާނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ރައްކާތެރިކޮށްދިނުން ފަދަ ޒަރޫރީ ބޭނުމެއް ވެސް ނެތްގޮތުގައި، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ވެސް ހުރަސްއެޅޭ ގޮތަށް، މިދުވަސްވަރު ތަހުގީގުތައް ހިންގައި، އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް އެމަނިކުފާނުގެ އަރިހަށް އެހެން ފަރާތްތަކުން ދިއުމާއި އަދި އެމަނިކުފާނު އެކި ތަންތަނަށް ގެންގޮސް ހެދުމަކީ ވަކީލުންގެ ޓީމުން ވަރަށް ބޮޑަށް އިއުތިރާޒުކުރާ ކަމެއް ކަމުގައި ދަންނަވާފައިވާނެކަމަށް ބުނެފައިވެއެވެ. އަދި، އެސަބަބުތަކަށްޓަކައި ތަހްގީގު މަޑުޖައްސާލުމަށް ވަކީލުންގެ ޓީމުން އިއުތިރާޒުކޮށްފައި ވަނިކޮށް ތަހުގީގު މަޑުޖައްސައިނުލެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ފާހގަކޮށްފައެވެ.
އެެހެންކަމުން އެމަނިކުފާނަކީ އިދިކޮޅު ސިޔާސީ ލީޑަރުކަމަށްވާއިރު، މި ދަނޑިވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއް ކަމަށްވާއިރު، ކުއްލިއަކަށް އަވަސް އަރުވާލައިގެން މިދަނޑިވަޅުގައި ތަހްގީގު ހިންގުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތްކަމަކަށް ނުދެކޭ ކަމަށް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ. މި މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ދެ ދައުވާ އަށްވެސް އިންކާރު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް