ads
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި މިދިޔަ އަހަރު މާޒިއާއާ ބެންގަލުރު މެޗުގެ ކުރިން
އޭއެފްސީ ކަޕު ބާއްވާނެ ގައުމެއް އަންނަ ހަފުތާގައި ކަނޑައަޅަނީ
ސެންޓްރްލައިޒްޑް ފޯމެޓަށް ކުރިއަށް ގެންދަން ނިންމާފައިވާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމުތައް އަންނަ ހަފުތާ ތެރޭ އޭއެފްސީން ކަނޑައަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޭއެފްސީ ކަޕުގެ ސައުތު ޒޯންގެ މެޗުތައް ހޯސްޓް ކުރަން ރާއްޖޭންވެސްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އޭއެފްސީ ކަޕުގެ ސައުތު ޒޯންގެ މެޗުތަކަށް ރާއްޖޭގެ އިތުރުން ދެން ޝައުގުވެރިކަން ފާޅުކޮށް ބިޑުކޮށްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. ރާއްޖޭގެ ހުށަހެޅުމުގެ ތަފްސީލުތަކެއް ނުލިބުނު ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަވައްޓެރި އިންޑިއާގެ ހުށަހެޅުމަކީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެޗުތައް ކުޅުމެވެ. ސޯލްޓް ލޭކް ސްޓޭޑިއަމަކީ، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައިވާ އޭޓީކޭ މޯހަން ބަގާންގެ ހޯމް ސްޓޭޑިއަމްއެވެ.

އޭއެފްސީ ކަޕުގެ އިތުރުން އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިންޑިޔާގެ ގޯއާ އެފްސީ ހިމެނޭ ގްރޫޕުގެ މެޗުތައް ހޯސްޓް ކުރަންވެސް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ބާއްވާނެ ގައުމުތައްވެސް އަންނަ ހަފުތާތެރޭ ކަނޑައަޅާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ މެޗުތައް އެއް ސްޓޭޑިއަމެއްގައި ކުރިއަށް ގެންދިޔުމަށް އޭއެފްސީން ނިންމާފައިވާއިރު، އިންޑިޔާގެ ކަލްކަތާއަކީ ބުނެވޭ ގޮތުގައި އިންޑިޔާގެ ކުޅިވަރުގެ ހިތެވެ. ކުރިކެޓްގެ ފޯރި ގަދަ އިންޑިޔާގައި، ކަލްކަތާއަކީ ކުރިކެޓޭ އެއްވަރަށް ފުޓްބޯޅައިގެ ފޯރިވެސް ގަދަ ސަރަހައްދެކެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ރާއްޖޭން ޖާގަ ހޯދާފައިވާ މާޒިޔާއިންވަނީ މީގެ ކުރިން ކަލްކަތާގައި މޯހަން ބަގާން ބަލިކޮށްފައެވެ. މި އަހަރުގެ އޭއެފްސީ ކަޕުގައި އިންޑީޔާއިން ވާދަކުރާނީ އޭޓީކޭ މޯހަން ބަގާންއެވެ. މީގެ އިތުރުން ޕްލޭ އޮފްގައި ބެންގަލޫރު އެފްސީން ވާދަކުރާނެއެވެ. ރާއްޖޭން މި ގްރޫޕުގައި ހިމެނެނީ މާޒިޔާއެވެ. ޕްލޭ އޮފްގައި ރާއްޖޭން ވާދަކުރާނީ އީގަލްސްއެވެ. 

އަށްޑިހަ ފަސް ހާސް މީހުންގެ ޖާގައިގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އޭއެފްސީ ކަޕުގެ ސައުތު ގްރޫޕުގެ މެޗުތައް ހޯސްޓް ކުރަން އިންޑިޔާއިން ހުށަހަޅާފައިވާއިރު، ފަސް ޓްރެއިނިން ގްރައުންޑްވެސް ކަނޑައަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިންޑިޔާގެ ވިސްނުން ހުރީ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވަކި ޓްރެއިނިން ގްރައުންޑެއް ހާއްސަ ކުރާށެވެ.   

ސޯލްޓް ލޭކް ސްޓޭޑިއަމަކީ މި ސަރަހައްދުން އެންމެ ފެންވަރު ރަނގަޅު އެއް ސްޓޭޑިއަމެވެ. ފީފާ ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗު ކުޅެފައިވަނީ އެ ސްޓޭޑިއަމްގައެވެ. މީގެ އިތުރުން ވެނެޒިއުލާއާ އާޖެންޓީނާގެ އެގްޒިބިޝަން މެޗެއްވެސް އެ ސްޓޭޑިއަމްގައި ކުޅުނެވެ. އެ މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީވެސް ކުޅުނެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްޑް ވެނިއުއެއްގައި ކުރިއަށް ގެންދަން އޭއެފްސީން މިދިޔަ އަހަރުވެސް ނިންމިއެވެ. އެހެންނަމަ ވެސް ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ގޮސް އެންމެ ފަހުން މުބާރާތް ކެންސަލް ކުރީއެވެ.

މިދިޔަ އަހަރު ސެންޓްރަލައިޒްޑް ވެނިއުއެއްގައި މުބާރާތް ކުރިއަށް ގެންދަން އޭއެފްސީން ނިންމުމުން މުބާރާތް ހޯސްޓް ކުރަން ހުށަހެޅީ ރާއްޖޭން އެކަންޏެވެ. ރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމަކުން މުބާރާތް ހޯސްޓް ކުރަން ޝައުގުވެރިކަން ފާޅުނުކުރުމުން މިދިޔަ އަހަރު ރާއްޖެއަށް އެ ފުރުސަތު އޭއެފްސީން ދިނެވެ. މި އަހަރުގެ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރަން މަސައްކަތް ކުރުމުގެ ވިސްނުމެއް ހުރި ކަމަކަށް މިހާތަނަށް އެފްއޭއެމަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ފެށޭނީ އަންނަ މެއި މަހުއެވެ. ޕްރިމިލިނަރީ ބުރުގެ މެޗުތައް އަންނަ އޭޕްރީލް މަހު ފެށޭނެއެވެ. ޕްރިމިލިނަރީ ބުރުގައި ރާއްޖޭން ވާދަކުރާނީ ކްލަބު އީގަލްސްއެވެ. އިންޑިޔާއިން ވާދަކުރާނީ ބެންގަލޫރު އެފްސީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް