ads
ލަންކާ--
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަދީފި
ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން އަންދާލަން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވަމުންދަނިކޮށް އެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން އިއްޔެ ދީފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށް ކޮވިޑްގެ ދެވަނަ ރާޅު ލައްވާލާއި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81,933 އަށް އަރާފަ އެވެ. އަދި ބަލީގައި 459 މީހަކު މަރުވެފައިވެ އެވެ. 

މަރުވި އެންމެން ވެސް އެގައުމުގައި އަންދާލާފައިވާއިރު މިދިޔަ މާޗު މަހު ލަންކާ ސަރުކާރުން ކޮވިޑްގައި މަރުވާ މީހުން އަންދަން ނިންމީ ވަޅުލައިފިނަމަ، ބިމުގެ ފެންފަށަލަ ހަލާކުވެ، ވައިރަސް ފެތުރިދާނެކަމަށް އެގައުމުގެ ބުޑިސްޓުން ތުހުމަތުކުރުމުންނެވެ. 

ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް އެތައް މުސްލިމުންނެއް ތެދުވެ ފާޑުކިޔާފައި ވަނީ ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް ސައިންޓިފިކް ހެއްކެއް ލިބިފައިނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ނިންމުމެއް ކަމަށް ބުނެ އެވެ.

މުސްލިމުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސަރުކާރުން، ކޮވިޑްގައި މަރުވާ މީހުން އަންދަން ނިންމި މައްސަލާގައި ސިޔާސީ ލީޑަރުނާ މަޝްވަރާކޮށްދިނުމަށް ވެސް އެދިފަ އެވެ.

މުސްލިމުންގެ އާއިލާތަކުގެ ހުއްދައަކަށް ނޭދި ބަލީގައި މަރުވާ މީހުން އަންދަމުންދިޔައިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެކި ޖަމިއްޔާތަކުން ވަނީ އެކަމުގައި ނުރުހުން ފާޅުކޮށްފަ އެވެ. 

އެ މައްސަލަ ހޫނުވެ، މިދިޔަ އަހަރުގެ ތެރޭގައި ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ވެސް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް ދިވެހިންގެ މެދުގައި ވެސް ދެބަސްވުން ބޮޑުވި އެ މައްސަލާގައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މަޝްވަރާތައް ވެސް ކުރެވިގެންދިޔަ އެވެ.  

ލަންކާގެ އާބާދީގައި 21 މިލިއަން މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ދިހަ އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. 

އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ އެންމެ ފަހުން، ލަންކާ އިން ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަދޭން ނިންމާފައި މިވަނީ އެކަމާއި ގުޅޭ އުސޫލެއް ވެސް އާންމުކުރުމަށް ފަހެވެ. އެގޮތުން، އެމީހުން ވަޅުލުމުގެ ހުއްދަދީފައި ވަނީ ސިއްހީ ކަމާއި ބެހޭ ފަރާތްތަކުން ކަނޑައަޅާ ބިންތަކުގައި އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް