ads
ްއިދިކޮޅު މުޒާހަރާގެ ތެރެއިން
މުޒާހަރާއިން ހައްޔަރުކުރި 27 މީހަކު ޖޫރިމަނާކޮށް ދޫކޮށްލައިފި
އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަގުމައްޗަށް އެއްވެ ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު 30 މީހުންގެ ތެރެއިން 27 މީހަކު ޖޫރިމަނާކޮށް، އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަގުމައްޗަށް އެއްވެ ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު ކުރި 30 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ބާކީ މީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ.

އެގޮތުން ގައިޑްލައިންތަކާ ހިލާފުވި 27 މީހުން ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ފިޔަވަޅު ނާޅާ ދޫކޮށްލީ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރު ކުރި ތިން މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީއެންސީގެެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިދިކޮޅު މަޖިލިސް މެންބަރުން އަދި ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.

އިއްޔެ އިދިކޮޅުން މާލޭގެ މަގުމައްޗަށް އެއްވެފައިވަނީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްވުންތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް މާލޭގެ މަގުމައްޗަށާއި އާންމު ތަންތަނަށް އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ވަނީ މަަނާކޮށްފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް