ads
ކޮވިޑްގައި މަރުވި މީހަކު ވަޅުލުމުގެ ތެރެއިން- ފޮޓޯ: އަވަސް
ހަފްތާއަކުން 1012 މީހުންނަށް ކޮވިޑް ޖެހުން، ތިން މަރު!
ރާއްޖެއިން ހަފްތާއެއްގެ ތެރޭގައި 1012 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރާ މައުލޫމާތުތަކަށް ބަލާއިރު މިމަހުގެ 20 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ރާއްޖެއިން 100 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެގޮތުން ވިހި ވަނަ ދުވަހު 145 މީހަކަށް ބަލި ޖެހުނުއިރު ޖެހިގެން އައި ދުވަހު ވަނީ 157 މީހަކަށް ބަލިޖެހިފަ އެވެ. އަދި 22 ވަނަ ދުވަހު، 161 މީހަކަށް ބަލި ޖެހިފައިވާއިރު 23 ވަނަ ދުވަހު ވަނީ 108 މީހަކަށް ބަލި ޖެހިފަ އެވެ. 

އޭގެ އިތުރުން 24 ވަނަ ދުވަހު 124 މީހަކަށް ކޮވިޑް ޖެހުނުއިރު 25 ވަނަ ދުވަހު ވަނީ 184 މީހަކަށް ބަލި ޖެހިފަ އެވެ. އަދި 26 ވަނަ ދުވަހު ކޮވިޑް ޖެހިފައި ވަނީ 133 މީހަކަށެވެ. މިއާއެކު ހަފްތާއެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1012 އަށް އަރަ އެވެ. 

އޭގެ އިތުރުން ވިހި ވަނަ ދުވަހު، ދެ މީހަކު ކޮވިޑްގައި މަރުވެފައިވެ އެވެ. އެ ދެމަރުގެ ދެމެދުގައި 12 ގަޑިއިރުގެ ފަރަގެއް ވެސް ނެތެވެ. އެހާ ކައިރި ކައިރީގައި ދެ މީހުން މަރުވިއިރު ރޭގެ ވަގުތެއްގައި ވެސް އިތުރު މީހަކު މަރުވެފައިވެ އެވެ. މިއާއެކު ހަފްތާއެއްގެ ތެރޭގައި ކޮވިޑްގައި ތިން މަރު މިވަނީ ރިޕޯޓްކޮށްފަ އެވެ.

ފާއިތުވި ޑިސެމްބަރު މަހަށް ވުރެ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ މަރުތައް އިތުރުވެފައިވާކަން އެޗްޕީއޭ އިން ހަމަކުރެ އެވެ. އެގޮތުން މިއަދު މަރުވި މީހާއާއެކު މިމަހު އެކަނި ވެސް ނުވަ މީހަކު މިވަނީ މަރުވެފަ އެވެ. 

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ބަލި ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނެ އެވެ. އަދި އެންމެ އެދެވޭ ގޮތެއްގައި ފިޔަވަޅުތަކަށް ވެސް ބޯލަނބާ މަންޒަރު ނުފެންނައިރު ޑޮކްޓަރުން އަންނަނީ އާދޭހާއެކު އެ ފިޔަވަޅުތަކަށް އިހުތިރާމުކޮށް ބަލި ކޮންޓްރޯލްކުރުމުގައި އެހީވާން އެދެމުންނެވެ. 

މިހާތަނަށް ރާއްޖެއިން 19،479 މީހަކަށް ބަލި ޖެހިފައިވެ އެވެ. އަދި ބަލިން ރަނގަޅުވީ 17،002 މީހެކެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2410 އަށް އަރަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް