ads
ވީޑިއޯ ރިޕޯޓް-
62 މަރު: ހާސްކަނޑާލާފައި ނިކުންނަ ވަރެއް ނޫން!؟
ކޮވިޑް-19ގެ ސަޕްހާތަކުން ރާއްޖެއަށް މިއަދަކީ އަނެއްކާ ވެސް ހިތާމަވެރި ދުވަހެކެވެ. އާއިލާއެއްގެ މުހިންމު ޝަހުޝެއް ވަކިވެދިޔައީއެވެ. މިއަދުގެ އިރުއެރީ އަނެއްކާވެސް އަހަރެމެންގެ ތެރެއިން އާއިލާއެއް ކަރުނައިން ރޮއްވާލަމުންނެވެ. ހަމަ އަހަރެމެންގެ ތެރެއިން އާއިލާއެއްގެ މާމަ އެކެވެ. މަންމަ އެކެވެ ނޫނީ ދައްތަ އެކެވެ.

ބަލީގެ ގޮތުން އާއިލާގެ މީހަކާއި ބައްދަލުނުވެވި އެކަނި އޮތް ހާލުގައި މަރުވެދިޔައީއެެވެ. އަދި މަރުވުމަށްފަހުވެސް އެ ހަށިގަނޑުގައި ބައްދާލުމުގެ ފުރުސަތު މިލިބެނީ ބޮޑެތި ކޯޓުތަކެއް ގަޔަށް މަހާލައިގެންނެވެ. މިއީ އާއިލާއަކަށް ނުހަނު ވޭންދެނިވި ވަގުތުކޮޅަކަށް ވާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި އެތައް ދުވަހަކަށް އާއިލާއިން ވަކިވެގެންދިޔަ މި ލޯބިވާ މާމަ، މަންމަ، ނުވަތަ ދައްތަގެ މަތިން ހަނދާންކުރާނެކަން ގައިމެވެ. އިހުސާސް ވޭތޯއެވެ؟

ނޫނެކެވެ. އެއާއިލާގެ ވޭނީ އިހްސާސްތައް މިއަދު އަޅުގަނޑަކަށް ތިބޭފުޅާއަކަށް އިހްސާސެއް ނުކުރެވޭނެއެވެ. އެ ހިތްދަތި ޝުއޫރުތައް މިއަދު މިހިތްތަކަކަށް ނުވެސް ކުރެވޭނެއެވެ. އެހެންނަމަވެސް އިންސާނަކަށްވީތީ ހިތްދަތިވުމުގެ ޝުއޫރު އަންނަންޖެހޭނެއެވެ. އެހެން ނަމަވެސް ބަލީގައި 61 މީހުން މިއަދު މަރުވެގެންދިޔައިރު އަޅުގަނޑުމެންގެ ހިތަށް އެ ޝުއޫރުތައް އެބަ އަރާބާއެވެ؟ މަދު ބަޔަކު ނޫނީ މިބުނި ޝުއޫރުތަށް މިހާރު ހިތަށް ނާރާނެކަން ގައިމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ "ގަނަތެޅޭތާ" އަހަރެއް ވެގެންދިޔައީއެވެ.

އިންސާނާގެ ތޮބީއަތު ހުންނަގޮތުން އެއްކަމެއް މާދިގުލައިގެންދާ ނަމަ ފާއިތުވާ ދުވަސްތަކާ އެކު އެކަމަކަށް ހުންނަ ޝައުގުވެރިކަމާއި، އެކަމެއްގެ މުހިންމުކަން ނުވަތަ ބޮޑުކަން ހަނދާން ނެތި ނުވަތަ އެކަމަކަށް ދެވޭ ސަމާލުކަން ކުޑަވެ މަޑުމަޑުން ފޭދިގެންދެއެވެ. އެއަށް ކިޔަނީ “ހަމްދަރުދީ އާއި އަސަރުކުރުން ފޭދިގެންދިޔުން” މެވެ. 

މިއަދު އަޅުގަނޑުމެންނަަށް ވެފައިމިވަނީ މިހެންނެވެ. ކޮވިޑް-19 އަކީ މިވަގުތު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބަލިމަޑުކަން ނަމަވެސް މިބަލީގައި އަހަރެއްވެގެން ދިޔައިރު އެތައް ބަޔަކު ފުލުފުލުން މަރުވަމުންދާ ހަބަރާއި، ބައްޔަށް ހުށަހެޅޭ ހަބަރުތައް އިވިއިވި މިއަދު އަޅުނގަޑުމެން މިވަނީ މި ނުރައްކާތެރި ވަބާއަށް ހޭނިފައެވެ. ދެކެ، ފެނި ބާވެފައެވެ. 

ކިތަންމެ ނުރައްކާތެރިވިޔަސް "ފަރުވާލެއްނެތޭ" ބުނޭވޭ ހިސާބަށް ގޮސްފައެވެ. އެއްވެސް ހާލެއްގައި ބަލީގެ ނުރައްކާތެރިކަން ކުޑަވީކީ ނޫނެވެ. ބަލި ކޮންޓްރޯލް ކުރެވެނީކީވެސް ނޫނެވެ. މިބަލީގެ ނުރައްކާތެރިކަން ކުޑަކުރީ އަޅުގަނޑުމެންގެ އަމިއްލަ ހިތްތަކާއި ސިކުޑިތަކުންނެވެ. ބަލި ކޮންޓްރޯލްކުރީ ވެސް އަޅުގަނޑުމެންގެ އަމިއްލަ ހިތްތަކާއި ނާތަހުޒީބު ފަރުވާކުޑަ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ. 

ހަގީގަތަކީ ދުނިޔޭގައި މިބަލި އަދިވެސް ހަލުވިކަމާ އެކު ފެތުރި އެތައް ބަޔެއްގެ ފުރާނަ ކޮންމެ ދުވަހަކުވެސް ގެއްލިގެންދާކަމެވެ. ބަލީގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް އާއިލާއެއް ކޮންމެ ދުވަހަކުހެން އެތަށް ވޭންތަކެއް ތަހަންމަލު ކުރާކަން މިއީ އަހަރެމެން މިއަދު ހަނދާންނެތިފައިވާ ކަންކަމެވެ. ނަމަވެސް އެއީ ހަގީގަތެވެ. އަހަރެމެން ހަނދާނުން ފޮހެވިފައިވާ އަސްލު ހަގީގަތަކީއެއީއެވެ. 

ރާއްޖޭގައިވެސް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް މި ބައްޔަށް ހުށަހެޅެމުން މި ދުނިޔެއާއި ދަނީ ވަކިވަމުނެވެ. އެހެން ނަމަވެސް މިހާރު މި އަޑުއިވިއިވި ދިވެހިންނަށް ބާވީކަން ނޭނގެެއެވެ. މީހެއް މަރުވެ އެއަޑު އިވޭ ހިނދު ވެސް މި ބަލީގެ ނުރައްކާތެރިކަން ހިތަށް ނުގެނެވޭ ކަހަލަ އެވެ. އަމިއްލަށް ތަޖުރިބާ ނުކުރެވެނީސް ހަމަ އެކަކަށް ވެސް ވިސްނައިގަންނަން ވެސް އުނދަގުލީއެވެ. ނޫނީ ބަލީގައި އެތައް ދުވަހެއް ހޭދަވެގެންދިޔުމުން މިކަމުގެ ނުރައްކާތެރިކަމަށް ހޭނުނީއެވެ.

ހިތްދަތިވުމުގެ ޝުއޫރާއި ހަމްދަރްދއާ އި ކުލުނުވެސް މަޑުމަޑުން ފޮހެވިދަނީ އެވެ. އަދި ވަކިން ހާއްސަކޮށް މިބަލީގެ ނުރައްކާތެރިކަމަށް ދޭންޖެހޭ ސަމާލުކަން މިހާރު އެއްވެސް ވަރަކަށް ނެތީއެވެ.

ސުވާލަކީ މިއީ މިކަން ވާންޖެހޭ ގޮތް ބާވައެވެ؟ އަހަރެންގެ ނަޒަރުގައި މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. އިންސާނާއަށް ގުދުރަތީ ގޮތުން ދެއްވާފައިވާ އިހްސާސް ކުރުމާއި، ރަހުމާއި ކުލުނުގެ އަގުހުރި ހަޒާނާ މިގޮތަށް ފަނޑުވިޔަ ދީގެން ނުވާނެއެވެ. އެކަކު އަނެކަކާ މެދު އޮންނަން ޖެހޭ ރަހުމާއި ކުލުނު ގެއްލިގެން ނުވާނެއެވެ. ހާއްސަކޮށް ދިވެހިންގެ މެދުގައި މިކަން މިމަގުން ހިނގުމަކީ ހިތާމަހުރި ކަމެކެވެ. އެހެނީ އަހަރެމެންނީ ގައުމަށް ދިމާވާ މިކަހަލަ ކޮންމެ ބޮޑު ކާރިސާއެއްގައި ރަަހުމާއި ކުލުނު ދައްކުވައިދީ އެފަދަ ދެވަނައެއް ނުވާ ނަމޫނާ ދައްކަމުންދާ ބަޔަކަންވާތީވެ. އެހެންކަމުން މިއަދުވެސް މި ނަމޫނާ އަޅުގަނޑުމެން ތެރެއިން ފަނޑުވިޔަދީގެން ނުވާނެއެވެ. 

މިފަދަ ހާލަތެއްގައި އޮތް ހަަމަ އެކަނި ހައްލަކީ ލޮކްޑައުން ކުރުމޭ ހިތަށް ނުގެންނާށެވެ. ލޮކްޑައުން ކުރުމުން އަޅުގަނޑުމެން ދެކެން ޖެހުނު ހިތްދަތިކަން ދެވަނަ ފަހަރަށް ދެކެން ބޭނުންވާ ކަތަކު އަޅުގަނޑުމެންގެ ތެރޭގައި ހަމަ ޔަގީނުންވެސް ނެތެއެވެ. މި ހިޔާލު ހިތަށް ވެއްދެނީ ކޮންމެހެން ހުދު އަމިއްލައަށް އެތަން ދެކެން ބޭނުންވާތީއެއް ނޫނެވެ. މިނޫން ގޮތެއް ނެތޭ ހިތާ، މާޔޫސްވެވި ހިތްވަރު އެލުވާލެވޭ ދަނޑިވަޅުތަކުގައެވެ. 

މިކަމަށް ހައްލު އެބައޮތެވެ. އަދިވެސް ލަހެއް ނުވެއެވެ. މިކަމުން މިންޖުވުމަށް އަޅުގަނޑު ފަދައިން ތިބާވެސް އަތުކުރި އޮޅާލާ ނިކަން އަތް ދޮވެލަބަލާށެވެ. ދަތްދޮޅިއަށް ވެއްޓިފައި ތިވާ މާސްކުނަގާ އަގަޔާއި ނޭފަތް ނިވާކޮށްލާށެވެ. އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ގައިދުރުމިން ތިން ފޫޓަށް ދުރުކޮށްލާށެވެ. ބޭކާރު ގޮތުގައި ބޭރަށްދާން ތިއެޅި ފައި ގޭގޭ ހަތަރު ފާރު އެތެރެއަށް އަލުން އަޅާށެވެ. ވެކްސިނުގެ ރައްކާތެރިކަން ލިބިގަނެ އެޅިފައިވާ ފިޔަވަޅުތަކަށް ބޯލަބާށެވެ. ނިކަން މި ބަލީގެ ނުރައްކާތެރިކަން ހިތަށް ގެންނަވާށެވެ. މިއަދު މަރުވެގެން އެދިޔައީ ހަމަ ތިމާގެ އާއިލާގެ މީހެކޭ ހިތަށް އަރުވާލާށެވެ. ނޫނީ އެފަދަ ހާލަތެއްގައި ތިމާއަށް ކުރާނެ އަސަރު ހިތުތެރެއަށް ގެނެސް ރަހުމާއި ކުލުނު ހިތުތެރެއަށް ވައްދާލާށެވެ. އަހަރެންގެ ނަޒަރުގައި މިއީ މިހާ ފަސޭހަކަމެެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް