ads
ހަނިމާދޫ ޑިރޮކްސް ސެންޓަރު
ހަނިމާދޫޫ ޑިޓޮކްސް ސެންޓަރުން މީހަކު މަރުވެއްޖެ
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ދަށުން ހދ. ހަނިމާދޫޫގައި ހިންގަމުން އަންނަ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން އައި މީހަކު މަރުވެއްޖެ އެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވަނީ މިކަން ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން އެމީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ. 

މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ކަމަށާއި، މިއަދު މާލެއިން ފުލުހުންގެ ޓީމެއް މައްސަލަ ތަހުގީގު ކުރުމަށް ހަނިމާދޫއަށް އަންނާނެ ކަމަށް އަބްދުއްސަލާމް މައުލޫމާތު ދެއްވި އެވެ. އަދި އެންޑީއޭގެ ޓީމެއްވެސް ހަނިމާދޫއަށް އަންނާނެ ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހީމް އަލީވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ޑޮކްޓަރާއި ހަވާލާދީ އިބްރާހީމް ވިދާޅުވީ، އެ މީހާ މަރުވެފައިވަނީ ހެނދުނު އަށަކާއި 8:30 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން އެމީހާ އަކީ މިމަހު 23 ގައި ޑިޓޮކްސް ސެންޓަރަށް ގެނައި މީހެއް ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އަދި އެމީހާގެ ކޮވިޑް ސާމްޕަލް ނެގުމަށްފަހު ކޮވިޑަށް ޓެސްޓު ކުރުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ އެންމެ އަވަހަކަށް އެކޮޅަށްދާ ފްލައިޓަކުން އެންޑީއޭގެ ދެ ބޭފުޅުން، މައްސަލަ ތަހުގީގު ކުރަން އަންނާނެ ކަމަށެވެ. އަދި އެސަރަހައްދުގެ ފުލުހުންގެ ފޮރެންސިކް ޓީމުންވެސް ޑިޓޮކްސް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މާލެއިން ފުލުހުންގެ ފޮރެންސިކް ޓީމެއްވެސް ވީހާވެސް އަވަހަށް ހަނިމާދޫއަށް އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް