ads
ފޮޓޯ: ޓްވިޓާ
މަސްކިރޭނެ ގޮތެއް ހަދައިދޭން އެދުމުން ރައީސްގެ ޖަވާބު!
މިއަހަރުތެރޭ ރާއްޖޭގެ އެހެން ހިސާބުތަކުގައި މަޝްރޫއުތަކަށް ބަޖެޓް ކުރެވިފައި އެބަހުރިކަމަށާއި އެހެންކަމުން ބ. ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނުއެދުމަށް ޖަވާބެއް ދެވެން ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި ތުޅާދޫ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވަނީ ބައްދަލުކޮށްފައެވެ. 

އެ ބައްދަލުވުމުގައި ތުޅާދޫ ކައުންސިލުން ވަނީ މިވަގުތު ރަށަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ރައީސް އަށް ދަންނަވާ އެކަންކަން ހައްލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ތުޅާދޫގެ މަސްވެރިންނަށް އެންމެ ބޮޑަށް ބޭނުންވަނީ ބާނާ މަސްކޮޅު ރަށަށް ކިރޭނެ އިންތިޒާމެއް ހަމަޖެހިފަ އޮތުން ކަމަށާއި ތުޅާދޫގައި ގާއިމުކޮށްފައިވާ މަސް ޕްލާންޓާއި ގުޅިގެން މިފްކޯގެ މަސް ކާރުހާނާއެއް ކޮންމެހެން ބޭނުންވާކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާހިދު ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން ރައީސް ވަނީ މިއަހަރުތެރޭ ރާއްޖޭގެ އެހެން ހިސާބުތަކުގައި މަޝްރޫއުތަކަށް ބަޖެޓް ކުރެވިފައި އެބަހުރިކަމަށާއި އެހެންކަމުން ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނުއެދުމަށް ޖަވާބެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. 

"މަހާއި ބެހޭގޮތުން މަސްކިރޭނެ ގޮތެއް ހަދައިދޭން ތި ވިދާޅުވީ އައިސް ޕްލާންޓް ބަހައްޓާއިރު، ތި އަޅުގަނޑު ނޯޓު ކޮށްފިން އަދި ޖަވާބެއް ނުދެވޭނެ. އެއީ މިއަހަރުތެރޭގަ އެހެން ދިމަދިމާގަ އަޅުގަނޑުމެން އެބަހުރި ބަޖެޓް ކުރެވިފަ. އިތުރަށް ބަޖެޓުން ތިރަށަށް އެލޮކޭޓް ކުރެވިދާނެތޯ އަޅުގަނޑު ބަލާނީ. އެއީ އެޔަށް ސީދާ ޖަވާބެއް އަޅުގަނޑަކަށް ނެތް މިރޭ ދެވޭކަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ތުޅާދޫއަކީ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. މިރޭގެ ބައްދަލުވުމުގައި ކައުންސިލުން ރަށަށް ބޭނުންވާ އަދި ނުފުދިހުރި ގިނަ ކަންތަށްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތުޅާދޫއަށް މިވަގުތު ކޮންމެހެން ހައްލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރި ކަންތަށްތަކުގެ ތެރޭގައި ރަށުގެ ޒުވާނުން މިހާރު ކުޅެމުންދާ ދަނޑު އެއްކޮށް ހަލާކުވެފައިވާތީ އެކަމަށް އަވަސް ހައްލެއް ގެނެސް ދިމަށް އެދިފައިވެއެވެ. 

ކައުންސިލްގެ ރައީސް އަހްމަދު ޝާހިދު ވިދާޅުވީ ތުޅާދޫގައި ސަރުކާރުން ބޮޑު ދަނޑެއްގެ ސާވޭ އެއްކޮށް ނިމި މަސައްކަތް ފަށަން ތައްޔާރުވެފައިވާކަން އެނގޭކަމަށާއި، އެހެންނަަމަވެސް މިކަަމަކީ މިވަގުތުން ވަގުތަށް ހައްލުކޮށްދެންޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރާކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެކަމަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ފުޓްސަލް ދަނޑުގައި އިތުރަށް ޓާފުއަޅަން ނުފެންނަ ކަމަށެވެ. އެހެންކަމުން ޓާފު ނާޅާ މިހާރު ޕްލޭންކޮށްފައިވަނީ ބޮޑު ފުޓުބޯޅަ ދަނޑެެއް އެޅުމަށް ކަމަށާއި ކުއާޓާ އެކެއްގައި ޓެންޑާކުރުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ. 

މީގެ އިތުރުންވެސް ހައްލު ބޭނުންވާ ގިނަ މައްސަލަތަކެއް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. 

42%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް