ads
ވަހީދު
ރައީސްކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި: ޑރ. ވަހީދު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެއްވޭނަމަ، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުންނެވިކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން 2023ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އަށް ވާދަކުރެއްވިދާނެކަމަށް ގަބޫލުފުޅު ކުރައްވަނީ ކިހާވަރަކައްތޯ އެއްސެވެމުން ޑރ. ވަހީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންއިން ގަބޫލުކުރާގޮތުގައި އެ މަނިކުފާނަށް އެ ފުރުސަތު އެބައޮތް ކަމަށާއި، އަދި ކޯލިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަނީވެސް އެ ވިސްނުމުގައި ކަމަށެވެ. 

ނަމަވެސް ރައީސް ޔާމީންނަށް މިސަރުކާރުން ދަތިކުރުންތައް ކުރިމަތި ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، ރައީސް ޔާމީންނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ހާލަތެއް ދިމާވެއްޖެނަމަ، އަދި އެހާލަތުގައި އިދިކޮޅުގެ ކެނޑެޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ބަލައިގެންފިނަމަ، ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށެވެ. 

" ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް " ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ހާލަތެއް ދިމާވެއްޖެނަމަ، ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި، ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު އެއްޗެއް ބުނަން އަދި ވަރަށް އަވަސް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ވެވުނު ގޮތަކުން ގައުމަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރަކަށް ކަން ފާހަގަ ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ، ރައީސްކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަވެސް ރައީސްކަމުގައި އިތުރަށް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އިއްޒަތެއް އަދި ޝަރަފެއް ނެތް ކަމަށެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސެއްގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން 2 އަހަރެއްހާ ދުވަހުގެ މުއްދަތައް ރައީސް ވަހީދު ވަނީ ވެރިކަން ކޮށްފައެވެ. އަދި އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަވެސް ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގަތީ އެންމެ 5 އިންސައްތައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް