ads
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު---ފޮޓޯ:ރާއްޖެއެމްވީ
އެޗްޕިއޭ އަށް ގޮން ޖަހަނީ!؟
ކޮވިޑް-19 އާއެކު މިދިޔަ މާޗު މަހުގެ ބާރަ ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިސްވެ އޮވެ، ވަނީ މަސައްކަތް ފަށާފަ އެވެ. އެއާއެކު ހުރިހާ ބާރެއް ލިބިވަޑައިގެންނެވީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށެވެ. އެކަމަނާ އަންގަވާ ހުރިހާ އެންގުމަކަށް މިދަނޑިވަޅުގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހެ އެވެ.

ގާނޫނުގައި ކަން އެގޮތަށް އޮތަސް، ރާއްޖެއަށް ކޮވިޑް-19 ގެ ތިން ރާޅު އަރާއި ހަމަކޮށް، އެ ރާޅުގައި ގައުމު ގެނބެމުން އަންނައިރު ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، އަންގާއި އެންގުންތަކަށް މާބޮޑު ސަމާލުކަމެއް ނުލިބޭކަން މުޖުތަމައުގެ ތެރެއަށް ބަލާލުމުން އެނގި ހާމަވެގެންދެ އެވެ. 

ރާއްޖޭގެ ހާލަތު ފާއިތުވި މަސް ދުވަހުގެ ތެރޭގައި އިންތިހާއަށް ގޯސްވެ، ލުއި ދިން ފިޔަވަޅުތައް ވެސް އަނބުރާ ގެންގޮސް، އިތުރު ފިޔަވަޅުތައް އަޅަމުން އަންނައިރު މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މީހުން އެއްވާއި ހަރަކާތްތައް ހުއްޓުވުމުގެ މަގްސަދުގައި އަޅާފައިވާ ފިޔަވަޅުތަކެވެ. 

އެގޮތުން، ހަޔަކުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަމުން އެބަދެ އެވެ. ރެސްޓޯރަންޓްތަކަށް ގޮސްގެން ހިދުމަތް ހޯދާ ފަރާތްތަކަށް ރޭގަނޑު އަށެއްގެ ފަހުން އެ ހިދުމަތް މެދުކަނޑާލާފައިވާއިރު ޓޭކްއަވޭގެ ހިދުމަތް ވެސް 10:00 ގައި ހުއްޓާލަން ޖެހެ އެވެ.

އަނެއްކޮޅުން ކޭސްތައް ކިތަންމެ ގިނަޔަސް، ހުއްޓުމެއް ނެތި ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ސްކޫލުތަކުގައި އައީ ކިޔަވައިދެމުންނެވެ. އެންމެ ފަހުން ކެތްނުވެގެން ގްރޭޑް ހަޔަކުން ދަށުގެ ކުދިންގެ ކިޔެވުން އޮންލައިންކުރި ނަމަވެސް އެކްޓްރާ ގަޑިތަކުގެ ނަމުގައި ބައެއް ސްކޫލުތަކުން އައީ ދަރިވަރުން ސްކޫލަށް ގެންދަމުންނެވެ. 

ބެލެނިވެރިންގެ ވެސް ކަންބޮޑުވުންތަކެއް ހުއްޓާ، މިއަދުން ފެށިގެން މިވަނީ ގްރޭޑް ނުވަޔަކުން ދަށުގެ ކުދިންގެ ކިޔެވުން އޮންލައިންކޮށްފަ އެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ވަކި ގްރޭޑަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކުރިއިރު އެޗްޕީއޭގެ އެންގުމުގައި އޮތީ ވަކި ގްރޭޑަކުން ފެށިގެން ކިޔެވުން ހުއްޓާލުމަކަށެއް ނޫނެވެ. 

މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މިނިސްޓަރު ޑރ، އައިޝަތު އަލީއަށް ފޮނުއްވި ސިޓީގައި ވަނީ ބަލި ފެތުރޭ މިންވަރާއި ހާލަތަށް ބަލާއި ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލުތަކުގެ ހުރިހާ ޕިޒިކަލް ކްލާސްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ. އެކަމަކު އެޑިއުކޭޝަނުން ވެސް އެޗްޕީއޭގެ އެންގުމަށް ގޮންޖަހައި ނިންމީ، ނުވައަކުން ދަށަށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ.

އޭގެ އިތުރުން، އެޗްޕީއޭގެ އެންގުމާއި ހިލާފަށް، ފުރަތަމަ ޑިވިޝަންގެ ބައެއް ފުޓްބޯޅަ ކްލަބްތަކުން ވެސް ވަނީ ފަރިތަކުރުންތައް ފަށާފަ އެވެ. 

އަދި ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތަކުގެ މަަސައްކަތްތައް ވީހާވެސް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނުވަތަ ގޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައިވީ ނަމަވެސް އެގޮތަށް ސަރުކާރުގެ އޮފީސްތަކުން ވެސް އަމަލުކުރާތަނެއް ނުފެނެ އެވެ. މިހެންކަމުން، ދައުލަތުގެ ކަމާއި ބެހޭ ވުޒާރާތަކުން އެޗްޕީއޭ އިން އަންގަމުން އަންނަ އެންގުންތަކަށް ބޯނުލަނބާނަމަ، ނުވަތަ މި ބޭފުޅުންގެ ބަހާއި އަމަލު ދިމާނުވާނަމަ، އެކަމަށް ރައްޔިތުުން ބޯލަނބާނެ ކަމަށް ހީކުރުމަކީ ދެކޮޅު ޖެހޭ ވިސްނުމެއް ނޫނެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް