މިމަސައްކަތް ކުރަމުން އަންނަކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ. އެގޮތުން ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލީ އާޒިމް ވަނީ އެކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.
އާޒިމް ވިދާޅުވެފައިވަނީ، ގާނޫނީ ގޮތުން އިދިކޮޅު ލީޑަރަކު ރެކޮގްނައިޒް ކުރަން، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ލީޑަރަށް ގާނޫނުން ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ތަފްސީލުކޮށް ލިޔެފައި ވާނެކަމަށެވެ.
ސިޔާސީގޮތުން އިދިކޮޅުގައި މިވަގުތު އޮތް ދެ ޕާޓީއަކީ ޕީޕީއެމް އަދި ޕީއެންސީއެވެ. އެދެޕާޓީން ހަދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނެސްފައިވާ އިސްލާހު ބުނާގޮތުން ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެ އެވެ. ވީއިރު އެމަނިކުފާނު އަންނަނީ މަނީލޯންޑްރީންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެހެންކަމުން މިވަގުތު އިދިކޮޅު ކޯލިޝަންގެ އެކްޓިވް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ، ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.