ads
ވީޑިއޯ ރިޕޯޓް-
ޖޭޕީން ކޯލިޝަނުގައި އަމިއްލައަށް ނިކަމެތިވަނީ
މިއީ މިހާތަނަށް އުފެދުނު ކޯލިޝަން ސަރުކާރުތަކުގެ ތެރެއިން އެންމެ ދިގު މުއްދަތަށް ދެމިގެންދިޔަ ސަރުކާރެވެ. މި ކޯލިޝަން މިއަދާ ހަމައަށް ދެމި އޮތަސް ދޭތެރެއަކުން ކޯލިޝަން ރޫޅެން އުޅޭކަމުގެ އަޑުތައް ގަދަވެ އެވެ. މިފަހަރު މިއަޑުތައް އަރައިގެން މިއުޅެނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، މަގާމުން ވަކިކުރުމާއެކު އެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން، އިއްޔެ މަލީހު ވަޒީރުކަމުން ދުރުކުރިއިރު މިއާއެކު އަނެއްކާ ވެސް ތިލަވެގެން އެރީ ކޯލިޝަން ރޫޅެން އުޅޭކަމުގެ ވާހަކަތަކެވެ. މަލީހު ވަކިކުރުމާއެކު މަލީހްވެފައި މިވަނީ މިސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ހުންނަވަނިކޮށް ވަޒީރުކަމުން ދުރުކުރި ތިން ވަނަ ވަޒީރަށެވެ.

ކޮންމެއަކަސް، މަޖިލީހުގެ ޖަލްސާގެ ތެރެއިން އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ޖޭޕީއަށް ފާޑުކިޔުން އިންތިހާއަށް ކުރިމަތިވެގެންދިޔައިރު މަލީހްގެ އިތުބާރު ނެތް ކަމަށް ހުދު ޖޭޕީ ވެސް ގަބޫލުކުރާ ކަމަށް އެމްޑީޕީ މެމްބަރުން ބުނެ އެވެ.

އެކަމަކު މަލީހު ޖަވާބުދާރީކޮށް ސުވާލުކުރުމުގެ ކަންކަން މަޖިލީހުގައި ކުރިއަށްދަނިކޮށް ޖޭޕީން ވަނީ އެ ޕާޓީގެ އިތުބާރު މަލީހަށް ފުރިހަމައަށް އޮތްކަން ފާހަގަކޮށްފަ އެވެ. އަދި ކޯލިޝަން އެއްބަސްވުމާއި ހިލާވުވިކަން ވެސް ފާހަގަކުރީ މި ހިސާބުންނެވެ. އެގޮތުން ވީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން، އެ ޕާޓީއެެއްގެ ވަޒީރަކާ މެދު ހިތްހަމަނުޖެހުމެއް އޮތްނަމަ، އެކަން ފުރަތަމަ ޕާޓީއަށް ހިއްސާކޮށް ވާހަކަ ދައްކަން ޖެހުން ނަމަވެސް މަލީހުއާ ގުޅިގެން އެފަދަ ވާހަކަތަކެއް ވެސް ދައްކާފައި ނުވުމަކީ އޭނާއާ ގުޅޭ މައްސަލައެއް ނެތުން ކަމަށް ގަބޫލުކުރާ ކަމަށް ޖޭޕީން ބުނެ އެވެ. 

ކޮންމެއަކަސް، މަލީހު ވަކިކުރާނެކަން ފުރިހަމަ ޔަގީންވެފައިވަނިކޮށް، ޖޭޕީން މަލީހުގެ ދިފާއުގައި އެހާ ފާޅުކަން ބޮޑު ގޮތެއްގައި ނިކުތް ނަމަވެސް މި މައްސަލައަކީ އިއްޔެއަކު މިއަދަކު ދެއްކި ވާހަކައެއް ނޫނެވެ. މާލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެތައް ފަހަރަކު މަސައްކަތްކުރާކަމާއި އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެކަމަކު އޭރު އެއީ ކޯލިޝަން އެއްބަސްވުމާއި ހިލާފުކަމެއްކަމަށް ބުނެ މި ފަރާތްތަކުން މަލީހުގެ އިހުލާސްތެރިކަން ދެއްކުމާއި ފުރިހަމަ އިތުބާރު އޮތް ވާހަކައެއް ނުދައްކަ އެވެ. ނޫންނަމަ، އޭރު ރަށު ތެރޭގައި ދެކެވެމުންދިޔަ ވާހަކަތަކުގެ ހަގީގަތް ބެލުމަށް މަސައްކަތްކުރި ކަމެއް ވެސް ނުދެނަހުރީމެވެ. 

މިހެންކަމުން، މިއީ ކޯލިޝަން ސަރުކާރުގައި ޖޭޕީ އަމިއްލައަށް ނިކަމެތިވަނީ ކަމަށް ބެލެ އެވެ. ނޫން ނަމަ ބަޔަކު މީހުން ޖޭޕީ ނިކަމެތި ކުރާތީ، ކޯލިޝަނުން ނިކުތުމަށް ރަނގަޅު ބަހަނާއެއް ހޯދަނީ ކަމަށް ވެސް ވެދާނެ އެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ކޮންމެ ޕާޓީއަކުން ވެސް ރިޔާސީ އިންތިހާބުގައި އެ ޕާޓީއެއް ތަމްސީލުކުރާނެ ކެންޑިޑޭޓަކު ހޯދައި، އިންތިހާބު ކާމިޔާބުކުރާނެ ގޮތުގެ މަގު ކޮށަމުންދާނެ އެވެ. މިއީ އެ މަސައްކަތް ކުރުމަށް ކޯލިޝަނުން ވަކިވެގަތުމަށް ކުރަމުންދާ ކަމަށް ވެސް ވުން ގާތެވެ. 

ސަރުކާރު ކޯލިޝަން ގުޅުމަށް ރެކޯޑެއް ލިބުނަސް، މިބޭފުޅުން ވައުދުވި ގޮތަށް ކަންތައް ކުރިއަކަށް ނުދެ އެވެ. މަހަކު އެއް ފަހަރު ކޯލިޝަން ލީޑަރުން ބައްދަލުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަމެއް ކުރިއަކަށް ނުދެ އެވެ.

މާބޮޑަށް ބިޒީވެ ހަތަރު ލީޑަރުންނާއެކު މަޝްވަރާގެ މޭޒަށް އިށީންދެލާނެ ވަގުތު ނުވެ، އެ ބައްދަލުވުން ކުރިއަށް ނުދާތާ މިހާރު އެތައް މަހެއް ފާއިތުވެއްޖެ އެވެ. އެކަމަކު ހަތަރު ލީޑަރުންނާއެކު ރައީސް ސޯލިހު މަޝްވަރާއަށް ނީށީންނެވި ނަމަވެސް ވަކިވަކި ލީޑަރުންނާއި އަންނަނީ ބައްދަލުކުރައްވަމުންނެވެ. 

އެގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް ދޭތެރެއަކުން ބައްދަލުކުރައްވަ އެވެ. އަދި އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު ރައީސް ސޯލިހު ދޭތެރެ ދޭތެރެއިން މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ގެންދަވަ އެވެ. އެކަމަކު މިފަދަ ގޮތަކަށް ވެސް ބައްދަލުވުމަކުން ފެނިގެން ނުދަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

ގާސިމަށް ބަލާއިރު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ޖޭޕީ އޮތީ ކޯލިޝަން ސަރުކާރާއެކު ކަމަށެވެ. އެކަމަކު އެ ގުޅުން ދަމަހައްޓަން ގާސިމްގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެންދާ މަންޒަރު ހަގީގަތުގައި ވެސް ފެނޭތޯ މިއީ އުފެދޭ ސުވާލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް