ads
ބީއެމްއެލް ---
ނަގުދު ފައިސާ ނޫން ތަކެތި އޭޓީއެމްތަކަށް ނާޅަން ބީއެމްއެލްއިން އެދިއްޖެ
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމްތައް ބޭނުން ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށާއި، ނަގުދު ފައިސާ ނޫންތަކެތި އޭޓީއެމްތަކަށް ނޭޅުމަށް އެ ބޭނުންކުން އެދިއްޖެއެވެ.

ބީއެމްއެލް އިން ވަނީ ފަހަކަށް އައިސް ނަގުދު ފައިސާ ނޫން އެހެން ބައެއް ތަކެތި އޭޓީއެމް އަށް ލާކަން ފާހަގަ ވެފައިވާ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އޭޓީއެމްގެ ހިދުމަތް މެދުކެނޑޭކަން ބީއެމްއެލް އިން ފާހަގަ ކުރިއެވެ.

"އޭޓީއެމްއަށް ހަމައެކަނި ނަގުދު ފައިސާ ލުމުގެ އިތުރުން، ހިދުމަތް ބޭނުންކުރުމަށް އޭޓީއެމް ސެންޓަރުގައި ހުރި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް އެދެން،" - ބީއެމްއެލް -

އެ ކުންފުނިން ވަނީ އޭޓީއެމްގެ ހިދުމަތް ދިނުމަށް އެ ކުންފުނީގެ މުވައްޒަފުން ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ކުރިން ފާހަގަ ކުރިފަދަ ހާލަތްތަކުގައި، އޭޓީއެމްގެ ހިދުމަތް އަލުން ދޭން ފެށުމަށް ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށްރަށަށް ދަތުރު ކުރަން ޖެހޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑުލައިން ތަކާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވުމާއެކު، ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވޭ،" - ބީއެމްއެލް-

ހަމައެއާއެކު އެ ކުންފުނީގެ އޭޓީއެމްތަކަށް ލިބޭ ގެއްލުމަށް ބަލާ، ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް، އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރުވެސް ކުރިމަތިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މިކަމުގެ ސަބަބުން، މިހާރުގެ ހާލަތާއި ގުޅިގެން އެތަކެތި ރާއްޖެ ގެނައުމަށް ވަގުތު ހޭދަވުމާއެކު، ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވާކަމަށް ވެސް އެ ބޭންކުން ބުނެއެވެ. 

މިފަދައިން ހިދުމަތް މެދުކެނޑިގެން ދިއުމަކީ ބޭންކުގެ ކަސްޓަމަރުންނަށާއި އެ ރަށެއްގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާ ކަމެއްކަންވެސް ބީއެމްއެލްއިން ފާހަގަ ކުރެއެވެ.

މިއާއެކު އޭޓީއެމް މެދުވެރިކޮށް ސެލްފް ސާވިސް ބޭންކިންގްގެ ހިދުމަތް މެދުނުކެނޑި މުޖުތަމައު އަށް ލިބޭނެ ގޮތަށް، ކަސްޓަމަރުން އަމަލުކުރެއްވުމަށް ބީއެމްއެލްއިން އެދިފައި ވެއެވެ. 


50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް