ads
ހިރިޔާ ސްކޫލްގެ ދަރިވަރުން
ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ސްކޫލްތައް ބަންދު ކުރުން، ރަނގަޅު ނިންމުމެއްބާ؟
މާލޭ ސަރަހައްދުގައި ކޮވިޑް-19 އިންތިހާ އަށް އިތުރުވެގެން ދިއުމާ ގުޅިގެން އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ގްރޭޑްތަކަކަށް ސްކޫލް ބަންދު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު، މިއީ ރަނގަޅު ނިންމުމެއްތޯ ނުވަތަ މީގެ ނަތީޖާ އަކީ ކޮބައިތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މިވަގުތު މާލޭގެ ހާލަތަށް ބަލާއިރު ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަކީ އެންމެ އެދެވޭ ގޮތެވެ. އެނގިފައިވާ ގޮތުގައި އެޗްޕީއޭން ވެސް އެންމެ ފުރަތަމަ ބޭނުންވީ އެގޮތަށެވެ. ނަމަވެސް އެޑިއުކޭޝަނާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު ނިންމީ، ގްރޭޑް އަށަކުން ފެށިގެން ދަށުގެ ކްލާސްތައް ސްކޫލަށް ގޮސްގެން ކިޔެވުން ހުއްޓާލުމަށެވެ. 

ކޮވިޑާއި ގުޅިގެން އެހެން ކަންކަމެކޭ އެއްގޮތަށް ސްކޫލްތައް "ހުއްޓިފައި" ހުންނަތާ އެތައް ދުވަހަކަށް ފަހު އަލުން ކިޔަވައިދޭން ފަށައި، ރަނގަޅަށް ހަމަ ނޭވާ އެއް ނުލެވި އުޅެނިކޮށް މާލޭ އަށް ކޮވިޑްގެ އިތުރު ރާޅެއް ބިންދާލީ އެވެ. އެކަމަކު މި ހާލަތުގައި ވެސް ސްކޫލްތައް ބަންދު ނުކޮށް ކުރިއަށް ގެންދަން ބޭނުންވާ ބައެއް ވެސް އުޅެ އެވެ. އެ މީހުންގެ ނަޒަރުގައި ސްކޫލްތަކުގައި ކޮވިޑް ފެތުރުމުގެ ބިރު ވަރަށް ކުޑަ އެވެ.

"އެޗްޕިއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ސްކޫލްތަކުގައި ހުރީ. ދަރިވަރުންގެ ރައްކާތެރިކަމަށް އަތް ދޮވުމާއި، މާސްކް އެޅުމުގެ އިތުރުން ހުން ބެލުން ބަރާބަރަށް ކުރިއަށް ގެންދޭ. އަނެއްކާ ސްކޫލް ތެރޭގައި ސޯޝަލް ޑިސްޓެންސިން އަބަދުވެސް ގެންގުޅޭނެ،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ސްކޫލް ތެރެއިން ކޮވިށް-19 ފެތުރިފައިވާ އެއްވެސް ކޭސް އެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ކަމުން އެނގިގެން ދަނީ ސްކޫލް ތެރެއިން ކޮވިޑް ފެތުރުމުގެ ފުރުސަތު އިންތިހާ އަށް ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.

"އެބަހުރި ޓީޗަރުން ނުވަތަ ދަރިވަރުން ޕޮޒިޓިވް ވެފައި. ނަމަވެސް ސްކޫލް ތެރެއިން ޓްރާސްމިޓް ވެގެން ބަލި ފެތުރުނު ކަމުގެ އެއްވެސް ކޭހެއް މިހާތަނަށް ނެތް ފާހަގަ ވެފައެއް،" އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެޗް.އި.އޯ.ސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވީ ސްކޫލުތައް ހުޅުވުމުން ނޫން ކަމަށެވެ. އަދި މާލޭގައި ކޭސްތައް އިތުރުވުމުން ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް ހަޔަކާއި ހަމަޔަށް ސްކޫލްތައް ބަންދުކުރި ނަމަވެސް، ކޭސްތައް މަދުވެފައި ނުވާ ކަން، ސްކޫލްތައް ބަންދުކުރުމާ ދެކޮޅު މީހުން ފާހަގަ ކުރެ އެވެ.

"ކޭސްތައް އިތުރުވާއިރު ސްކޫލްތައް ބަންދުކުރުމުން އޭގެ ނޭދެވޭ ނަތީޖާ ދަރުވަރުންނަށް ކުރާނެ. ސްކޫލްތައް ބަންދު ކުރުމަށް ވުރެ ސައި ހޮޓާ ފަދަ ތަންތަން ބަންދު ކުރުމުން ބަލި ކޮންޓްރޯލް ކުރަން މާ ބޮޑަށް ވެސް ފަސޭހަ ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ސްކޫލްތައް ބަންދު ކުރަން ތާއީދު ކުރާ މީހުންގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. ބައެއް ސްކޫލްތަކުން ޕޮޒިޓިވް ކޭސްތަކުގައި، އެކަށީގެންވާ ގޮތަކަށް ހަރުކަށި ފިޔަވަޅު ނާޅާ ކަމަށް ބައެއް ބެލެނިވެރިން ގަބޫލު ކުރެ އެވެ. 

"އަޅުގަނޑަށް އެނގިފައި އެބައޮތް ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވާ ކުއްޖަކު ޕޮޒިޓިވް ވިކަން. އެކަމަކު އެ ކްލާހުގެ ދެން ތިބި ކުދިން ކަރަންޓީނެއް ވެސް ނޫން. ބަލި ފެތުރެން މިފަދަ ފުރުސަތެއް ދީގެން ނުވާނެ،" ސްކޫލް ބަންދުކުރުމަށް ތާއީދު ކުރާ ބެލެނިވެރިއަކު ކިޔައިދިނެވެ.

"އަނެއްކާ ހަމަ އެގޮތަށް ޓީޗަރުން ޕޮޒިޓިވް ވީމަ ވެސް އެ ޓީޗަރާ އެކު މަސައްކަތް ކުރާ އިތުރު އެއްވެސް މީހަކު ކަރަންޓީނަށް ނުގޮސް ނުވަތަ އޭނާ ކިޔަވައިދޭ ދަރިވަރުން ކަރަންޓީނަށް ނުގޮސް އެބައުޅޭ. މިއީ ކަންބޮޑުވާން ޖެހޭ ކަންކަން،"

ސްކޫލްތައް ބަންދު ކުރުމަކީ ކިޔަވައިދިނުން ހުއްޓާލުން ނޫން ކަން، ސްކޫލް ބަންދު ކުރަން ތާއީދު ކުރާ ބެލެނިވެރިން ފާހަގަ ކުރެ އެވެ. އެގޮތުން ކްލާސްތައް އޮންލައިންކޮށް ނަގައިދިނުމަކީ މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

"ސްކޫލްތައް ބަންދު ކުރަނީ ނުނީ މިސްކިއްތަން ބަންދުކުރުމުން ކޮވިޑް ނަންބަރުތަކުން އެކަން ނުފެނިދާނެ. އެކަމަކު އެކަން ކުރަން އެޗްޕީއޭން ވެސް ލަފާ ދެނީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުދިންގެ ސަލާމަތަށް ޓަކައި،" ބެލެނިވެރިޔާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް