ads
އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
މިސަރުކާރަށް ކުރީގެ ސަރުކާރުތަކުން ވާރުތަވި އެއްޗަކީ ކުނި: މިނިސްޓަރު ހުސެއިން ރަޝީދު
މި ސަރުކާރަށް ކުރީގެ ސަރުކާރުތަކުން ވާރުތަވި އެންމެ ބޮޑު އެކަށްޗަކީ ކުނި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާ ސުވާލުކުރުމަށް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. 

މިޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހޯރަފުށީ، އުލިގަމް އަދި ތުރާކުނުގެ ކުނީގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަން އަވަސް މުސްތަގުބަލެއްގައި ހައްލުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، ވެމްކޯއާއި ހަވާލުކޮށްގެން ސަރުކާރުންދަނީ ރާއްޖޭގެ ކުނި އެންމެ ގިނައިން ޖަމާވެފައިވާ ވިހި ރަށަކުން ކުނި ނަގައި ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

އެހެންނަަމަވެސް ކަންތައް ދިމާކުރިގޮތުން ހޯރަފުށީ، އުލިގަމް އަދި ތުރާކުނު، މި ވިހި ރަށުގެ ތެރޭގައި ނުހިމެނޭކަަން ފާހަގަކުރަމުން މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކުނީގެ މައްސަަލަ ހައްލުކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން މިސަރުކާރަށް ވާރުތަވި އެންމެ ބޮޑު އެކަށްޗަކީ ކުނިކަމަށެވެ. 

"ކުރީގެ ސަރުކާރުތަކުން މިސަރުކާރަށް ވާރުތަވި އެންމެ ބޮޑު އެކަށްޗަކީ ކުނި. ވާރުތަވި ކުނި އެބަހުރި ބައިވަރު ކުނި އެބަހުރި. މި ކުނިގޮނޑުތައް ނެގުމަކީ ވަރަށް ބޮޑު ކަމެއް. 2019 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މައުލޫމާތު ހޯދައިގެން ހިސާބު ހެދިން ކިހާ ލާރިއެއް ދާނެތޯ ބީލަންކޮށްގެން މިކަން ކުރުމަށް،" މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވި އެވެ.

އެއާއެކު ނައިފަރުގެ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މިނިސްޓަރު އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ސަރުކާރުން ކުނި ގޮނޑު ނެގީ މާލޭގައި ކުނިގޮނޑު ހުރި ސަރަހައްދުގެ އެއްވެސް ސްކޫލަކަށް ވަކި މޫސުމަކަށް ނުކިޔެވިފައި ތިބުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި މިސަރުކާރަކީ ކުނިގޮނޑެއް ހުސްނުކުރެވުނު ސަރުކާރެއް ކަމަށާއި ކުނިން އާމްދަނީ ލިބޭނެ ދުވަހެއްގެ އިންތިޒާރެއްގައި ހުންނެވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭގެ ފަހުން މިނިސްޓަރު ވިދާޅުވީ މިމައްސަލަ ހައްލުކުރަން ދިމާވެފައިވާ އެެންމެ ބޮޑު ގޮންޖެހުމަކީ ކަމަށް ބޭނުންވާ ފައިސާ މިވަގުތު ލިބެން ނެތުން ކަމަށާއި އެއީ އެކަން ނުކުރަން ދައްކާ ހުއްޖަތެއް ނޫންކަމަށެވެ. 2019 ގައި ވެސް އެކަންކޮށްފައިވާނެ ކަމަށާއި އެހެންނަަމަވެސް އޭރު ވެސް 300 އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެތީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަން ކެންސަލް ކުރަންޖެހުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށްފަހު 2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އަނެއްކާވެސް ސަރުކާރުން މިހާރުވަނީ މަސަކަތް ފަށާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް