ads
ޔުސާކޫ މައެޒާވާ-- ފޮޓޯ: ގެޓީ އިމޭޖަޒް
ޖަޕާނުގެ ބިލިއަނަރާ އެކު ހަނދަށް ދާން އަށް މީހަކަށް ފުރުސަތު!
އެލޮން މަސްކްގެ ސްޕޭސް އެކްސް ފްލައިޓުގައި ހަނދު ވަށާ ދަތުރު ކުރަން އާއްމުންގެ ތެރެއިން އަށް މީހަކު ހޮވާނެ ކަމަށް ޖަޕާނުގެ ބިލިއަނަރު ޔުސާކޫ މައެޒާވާ ބުނެފި އެވެ.

ޓްވިޓާގައި އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ބުނީ ތަފާތު ފަންތީގެ މީހުން އެ ދަތުރުގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ މީހުން ފުރަން ފޯމެއްގެ ތަފްސީލް ވެސް އޭނާ ދިނެވެ.

މައެޒާވާ ބުނީ ދަތުރަށް ހޮވާ އަށް މީހުންގެ ހުރިހާ ހަރަދެއް އޭނާ ހަމަޖައްސާނެ ކަމަށެވެ. "ޑިއާ މޫން" ގެ ނަން ދީފައިވާ އެ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ 2023 ގައެވެ. 

އާއްމު ކުރި ވީޑިއޯގައި މައެޒާވާ ބުނީ ފޯމު ހުށަހަޅާ މީހުންގެ ދެ ޝަރުތެއް ހުންނަން ޖެހޭނެ ކަމަށެވެ. އެއީ އެމީހަކު ކުރާ މަސައްކަތެއްގައި އެހެން މީހުންނަށް އެހީވެ، މުޖުތަމައުގެ ލާބައަށް އިސްކަންދިނުމާއި، އެފަދަ ވިސްނުމުގައި އުޅޭ އެހެން މީހުންނަށް އެއްބާރުލުން ދިނުމެވެ.

އޭގެ އިތުރުން އެ އަށް މީހުންގެ ސީޓު ވެސް އޭނާ ގަނެފައިވާ ކަމަށާއި އެހެންކަމުން މި ދަތުރު ވާނީ ޕްރައިވެޓް ދަތުރަކަށް ކަމަށް ވެސް މައެޒާވާ ބުނެފައި ވެއެވެ.

ފެޝަން އަދި އާޓްގެ ދާއިރާއިން މަހުޖަނަކަށް ވެފައިވާ މައެޒާވާ މީގެ ކުރިން ބުނެފައި ވަނީ އެ ދަތުރުގައި ބައިވެރިވާން ދައުވަތު ދޭނީ އާޓިސްޓުންނަށް ކަމަށެވެ. 

އެކަމަކު އެ ނިންމުން ބަދަލުކޮށް މިހާރު އޭނާ ވިސްނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު މީހުންނަށް އެ ފުރުސަތު ދިނުމަށެވެ.  

މިދިޔަ އަހަރު އޭނާ ވަނީ އެ ދަތުރުގައި އޭނާ އާއެކު ބައިވެރިވާނޭ ލޯބިވެރިޔަކު ހޯދަން ޑޮކިޔުމެންޓްރީއެއް ވެސް ނެރެފަ އެވެ. އެކަމަކު ފަހުން ވަނީ ލޯބިވެރިޔަކު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

އެލޮން މަސްކްގެ ކުންފުނިން ހަނދު ވަށާ ކުރަން ހަމަޖެހިފައިވާ ދަތުރުގެ އެންމެ ފުރަތަމަ ޕްރައިވެޓް ޕަސަންޖަރެއްގެ ގޮތުގައި 2018 ވަނަ އަހަރު އިއުލާނު ކުރީ މައެޒާވާ އެވެ.

އެ ޓިކެޓު ގަންނަން އޭނާ ކުރި ހޭދަ މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް މަސްކް ބުނެފައި ވަނީ ވަރަށް ބައިވަރު ފައިސާ ދިން ކަމަށެވެ.

2023 ގައި ކުރުމަށް ހަމަޖެހިފައިވާ މި ދަތުރު ވާނީ 1972 ވަނަ އަހަރަށް ފަހު އިންސާނުން ހަނދަށް ކުރާ ފުރަތަމަ ދަތުރަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް