ads
ކެޕިޓަލްގެ ބޭރުގައި ސެކުއިރުޓީ ބަލަހައްޓާ ފުލުހުން-- ފޮޓޯ: އީޕީއޭ
ހަމަލާއެއްގެ ބިރަށް ކެޕިޓަލްގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އެމެރިކާގެ ގާނޫނު ހަދާ ކޮންގްރެސްގެ ބައްދަލުވުންތައް އޮންނަ ކެޕިޓަލް އިމާރާތަށް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ކެޕިޓަލްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ބުނެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރީ އެ އިމާރާތަށް އަމާޒުވެދާނެ ހަމަލާއަކާ ގުޅިގެން ކަމަށެވެ. 

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އަސްކަރީ ގްރޫޕަކުން އެ އިމާރާތަށް ހަމަލާއެއް ދޭނެ ކަމަށް ބެލެވޭ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެހެންކަމުން އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮންގްރެސްގެ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ހަމަލާއެއްގެ އަތުވެދާނެ ކަމުގެ މައުލޫމާތު ލިބުމާއެކު ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.

އެހެން ނަމަވެސް ކޮންގްރެސްގެ މަތިގެ، ސެނެޓުން ނިންމާފައި ވަނީ މިއަދުގެ ޖަލްސާ ބާއްވާށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސް ޖޯ ބައިޑެންގެ 1.9 ޓްރިލިއަން ޑޮލަރުގެ ކޮވިޑް-19 ރިލީފް ބިލާ ގުޅޭ ބަހުސެވެ.

ކެޕިޓަލްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވާއިރު، މިދިޔަ ޖެނުއަރީ މަހު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވަނީ އެ ތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް