ads
އޭސީސީ---
އިންތިހާބީ ވައުދު މައްޗަށް ފެށޭ މަޝްރޫއުތައް މަޑުޖެހޭނެކަމުގެ ބިރު އޮވޭ: އޭސީސީ
އިންތިހާބީ ވައުދު ތަކުގެ މައްޗަށް ބަރޯސާވެގެން ފެށޭ ޕީއެސްއައިޕީ މަޝްރޫއުތަކަކީ، އާ ވެރިކަމަކާއެކު، ބަދަލުތަކެއް އައިސް ނުވަތަ އެއްކޮށް މަޑުޖެހިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ މަޝްރޫއުތަކެއް ކަަމަށް އެންޓި-ކޮރަޕްޝަން(އޭސީސީ)އިން ބުނެފި އެވެ.

އޭސީސީއިން މިކަން ހާމަކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ނުވަތަ ޕީއެސްއައިޕީގެ މަޝްރޫއުތައް ކަނޑައަޅާ ހިންގުމުގައި ކޮރަޕްޝަނަށް ހުށަހެޅިފައިވާ މިންވަރުގެ ރިސްކް އެސެސްމެންޓެއް ހެދުމަށްފަހު މިއަދު ނެރެފައިވާ ރިޕޯޓުގައެވެ.
އެރިސްކް އެސެސްމެންޓް ރިޕޯޓުގައި ބަލާފައިވަނީ 2017، 2018 އަދި 2019ވަނަ އަހަރު ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާއި، ބިން ހިއްކުމާއި މަގުހެދުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ (2017 އަދި 2018 ވަނަ އަހަރު) އަދި ޕްލޭނިން މިނިސްޓްރީ (2019 ވަނަ އަހަރު) ގެދަށުން އެއްމިލިއަން ރުފިޔާއަށް ވުރެ މަތިން ބަޖެޓް ކޮށްފައިވާ ފަސް މަޝްރޫއަކަށެވެ.
އޭސީސީން ބުނީ މި ދިރާސާގެ މައިގަނޑު މަގުސަދަކީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅުމުގައްޔާއި، ބިޑިން ޕްރޮސެސްގެ އިތުރުން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަނެ، އެފަދަ ހިރާސްތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ލަފާދިނުން ކަމަށެވެ. އަދި މަޝްރޫއުތައް ކުރިޔަށް ނުދިއުމާއި، ހުއްޓުމާއި، ފެންވަރުދަށްވުމާއި، މަސައްކަތް ހަވާލުކުރެވޭ ގޮތާ ހުންނަ ގުޅުން ދެނެގަނެ، މަޝްރޫއުތައް ޕްލޭންކުރުމާއި، މަޝްރޫއު އަމާޒުކުރެވޭ ފަރާތްތައް ކަނޑައެޅުމާއި (އެލޮކޭޝަން)، ބަޖެޓު އެލޮކޭޓްކުރުމާއި، އަދި ހިނގާ އިތުރު ކަންކަމުގައި ކޮރަޕްޝަން ރިސްކަށް މަގުފަހިވާކަން ދެނެގަތުމާއެކު، އެކަންކަން ހައްލުކުރުމަށް ލަފާދިނުންވެސް މި ދިރާސާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
 

އޭސީސީން ބުނީ މި ދިރާސާގެ ނަތީޖާއިން ފާހަގަކޮށްލެވޭ އެންމެ މުހިންމުކަމަކީ، މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު މަޝްރޫއުގެ ސްކޯޕަށް އުނި އިތުރު ގެންނަން ޖެހުމުގެ ސަބަބުން، މަޝްރޫއުގެ އަގަށް ބޮޑެތި ބަދަލުތައް ގެންނަންޖެހިފައިވާކަން ކަމަށެވެ. އެކަން އެގޮތަށް ވަނީ، މަޝްރޫއު ފެށުމުގެ ކުރިން މަޝްރޫއުއާ ގުޅޭ ނީޑް އެސެސްމެންޓެއް ނުވަތަ ޕޮލިސީ ލީޑެއް ނުހެދޭތީ ކަން އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.


ޕޮލިސީ ލީޑެއް ނެތި ހަމަ އެކަނި އިންތިހާބީ ވައުދު ތަކުގެ މައްޗަށް ބަރޯސާވެގެން ފެށޭ މަޝްރޫއުތަކަކީ، ވެރިކަން ބަދަލުވުމާއިއެކީ، ބަދަލުތަކެއް އައިސް ނުވަތަ އެއްކޮށް މަޑުޖެހިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ މަޝްރޫއުތަކެއް ކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ. 

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަގޮތަށް، މިނިސްޓްރީތަކުން މަޝްރޫއު ހުށަހެޅުމުގައި ފާހަގަ ކުރެވޭ މައްސަލައަކީ، މިބީދައިން ހުށަހަޅާ މަޝްރޫއުތައް ހުށަހެޅުމުގައި އެއްވެސް މިންގަޑެއް ނުވަތަ އުސޫލެއް ޤާއިމުކުރެވިފައިނެތުން ކަމަށާއި މި ދިރާސާއިން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގައި ކުރިމަގުގައި ހައްލުކުރަންޖެހޭކަމަށް ގަބޫލުކުރާ ކަންކަން ބަޔާންކޮށް ކަމާބެހޭ އިދާރާތަކަށް ލަފާ ދީފައިވާނެ ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، މަޝްރޫއުތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް
އޮތް ރިސްކު ކުޑަކުރުމަށްޓަކައި އަމަލުކުރެވިދާނެ ގައިޑްލައިނެއް އެކުލަވާލުމަށް ލަފާ ދީފައިވާއިރު، އެ ގައިޑްލައިން އެކުލަވާލުމަށްޓަކައި މައިގަނޑު ހަތް ލަފައެއް އޭސީސީން ވަނީ ހުށަހަޅާފައެވެ. އަދި، މަޝްރޫއުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ އަށް ކަމެއްވެސް ވަނީ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް