އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު 30 ދުވަހަށް ދަންމާލާފައިވާއިރު ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ދަނީ ގޯސްވަމުންނެވެ.
24 ޖެނުއަރީން ފެށިގެން ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. އަދި މިގޮތަށް ކޭސްތައް ފެންނަތާ މިހާރު ގާތްގަނޑަކަށް އެއް މަސްވަނީ ވެފައެވެ.
މިހާލަތު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު 8:30 ފެށިގެން ދުއްވާއެއްޗެހި ދުއްވުން މަނާކުރުމާއި ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ފަށާފައިއެވެ. އެޔަށްފަހު 12 ފެބްރުއަރީން ފެށިގެން އަނެއްކާވެސް އިރުއޮއްސި 06:00 ގެ ފަހުން ދުއްވާއެއްޗެހި ދުއްވުން މަނާކުރިއެވެ. އާއްމުކޮށް ފިޔަވަޅުތައް އެޅުމަށްފަހު ބަދަލެއް އަންނަން 14 ދުވަސްވަރު ނަގާފާނެ ކަމަށާއި އެހެންނަަމަވެސް މިހާރު އޭގެފަހުން ހަތަރު ހަފްތާ ވެގެން ދިޔުމަށްފަހުވެސް ހާލަތައް މާބޮޑު ބަދަލެއް އަންނަމުންދާ ތަން ނުފެންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން އެޗްޕީއޭއިން ވަނީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދޫކޮށްނުލުމަށާއި ބައްޔަށް ހުށަހެޅޭ މީހުން މީހުން އެއްވާ ތަންތަނަށް ނުދިޔުމަށްވެސް އިލްތިމާސްކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްނުވެ ފެތުރެމުންދާއިރު ރާއްޖެއިން މިހާރު ފެންނަމުންދާ ގިނަ ކޭސްތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޔޫކޭއިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓްގެ ސަބަބުންކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. އަދި ވޭރިއަންޓްގެ ސަބަބުން މިފަހަކުން އައިސް ބައްޔަށް ހުށަހެޅޭ މީހުންނާއި ހޮސްޕިޓްލަތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ އަދަުތައްވެސް އަންނަނީ ގިނަ ވަމުންނެވެ.
އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވާއިރު ރާއްޖޭގެ ހޮސްޕިޓަލް ބެޑް ކެޕޭސިޓީ ދަނީ ފުރެމުންނެވެ. އަދި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވަމުން ނުދާކަމަށާއި ހާލަތު ކޮންޓްރޯލް ވަމުން ނުދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަހަރު ފެށުނީންސުރެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިޔަސް މާގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިއްޖެނަމަ އެކަށީގެންވާ ފަރުވާއެއް ނުދެވި ހިގައިދާނެ ކަމަށެވެ.
އެގޮތުން މީހުންނަށް ފަރުވާ ދިނުމަށް ނަރުހުންގެ ދަތިކަން މިހާރު ވެސް އޮތްއިރު، ބަލި ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާނަމަ އެ ދަތިކަން މާބޮޑަށް އިތުރުވާނެ ކަމުގެ އިންޒާރު އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.