ads
ވީޑިއޯ ރިޕޯޓް-
އަހަރެއްތެރޭ ކުރެވުނީ ކޮންކަމެއް؟
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ކަމުގެ ވާހަކަ އަޑުއިވިގެންދިޔައީ މީގެ އެއް އަހަރު ކުރިއެވެ. އޭގެ ފަހުން ދިރިއުޅުމުގެ ހާލަތު މުޅިން މިވަނީ ބަދަލުވެފައެވެ. ކަންކަން ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެންނަން ނެތް ފަދަ އެވެ.

ކޮވިޑް-19 އަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަސްއެކެވެ. ދުނިޔެއިން އަލަށް ފެނުނު މިވައިރަހާ ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން އަހަރެމެންނަށް މާ ގިނަ މައުލޫމާތެއް ނޭނގެއެވެ.

ނަމަވެސް ހުރި މަދު މައުލޫމާތު ކޮޅާ އެކުވެސް ސަރުކާރުން އައީ މި ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އަމިއްލަ ރައްކާތެރިކަމާއި ވަށައިގެންވާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން އަހުލު ވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ފަށައިގަތެވެ.

މީގެ އަހަރެއް ކުރިން ރާއްޖެއިން ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެއާއެކު މިބައްޔާ ދެކޮޅަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން އައި ފްރަންޓްލައިން މަސައްކަތްތެރިންގެ މަސައްކަތް ބުރަ ވެގެން ދިޔައެވެ. 

އޭގެ ފަހުން ގިނަ ދުވަހެއް ނުވެ މާލެ ސަރަހައްދުންމި ބަލި ފެނިފައިވެއެވެ. މާލެއިން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނުނީ އޭޕްރީލް 15 ގައެވެ. އެއާއެކު މާލޭގައި ލޮކްޑައުން އިއުލާނު ކުރެވުނެވެ. 

މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ހިސާބުން ފެނިގެން ދިޔައީ މަޑުމަޑުން ކޭސްތައް ގިނަވާން ފެށި މަންޒަރެވެ. ފަރުވާ ހޯދުމަށް އެނދުމަތި ކުރެވެމުން އަންނަ މީހުންގެ އަދަދު އިތުރު ވަމުން އައި މަންޒަރެވެ. މިއީ ދިވެހިން ތަހައްމަލް ކުރަން ޖެހުނު ކޮވިޑްގެ ފުރަތަމަ ރާޅެވެ.

އޭގެ ފަހުން މިހާރު އަހަރެއް ފާއިތުވި އިރު، އޭރަށްވުރެ ލުއިތަކެއް ހުރި ނަމަވެސް، އަހަރެމެންގެ ދިރިއުޅުން މިވަނީ ކާފިއު އާއި، ރައްކާތެރިކަމުގެ އެކި ފިޔަވަޅުތަކުގެ މައްޗަށް ބިނާވެފައެވެ.

ފެނިގެންދަނީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މަސައްކަތްތެރީން ކެނޑިނޭޅި، މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

ރާއްޖޭގައި ކޮވިޑަށް އަހަރެއް ވެގެން ދިޔައިރު، މިކަމުން ސަލާމަތް ވުމަށް އެންމެނަށް ލިބުނު އުއްމީދުގެ ހުޅުކޮޅަކަށްވީ ކޮވިޑް ވެކްސިނެވެ. މީގެ މަހެއް ކުރިން ރާއްޖޭގައި ވެކްސިންގެ ހާއްސަ ޕްރޮގްރާމް ފަށާފައިވާއިރު، މިހާތަނަށް ރާއްޖޭގައި 157،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ބަލި ޖެހޭ މިންވަރު ކުޑަކުރުމަށް ވީހާވެސް ގިނަމީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އަންނަނީ ލަފާ ދެމުންނެވެ.

މިކަމުގައި އުޅޭތާ އަހަރެއް ވެފައިވާއިރު، ގައިމުވެސް ކޮވިޑްގެ މިހާލަތުގައި ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުން، ހާއްސަކޮށް ސިއްހީ މަސައްކަތްތެރިންނަށް ޝުކުރު ހައްގެވެ. ފްރަންޓްލައިނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއި، ފުލުހުން، ސިފައިން، އަދި އެކި ވޮލެންޓިއަރުން ކެނޑިނޭޅި އައީ އާންމުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުންނެވެ. އަދިވެސް ފްރަންޓްލައިން މަސައްކަތްތެރިން އަންނަނީ ހަމަ އެ މަސައްކަތް ކުރަމުންނެވެ.

މިކަމުގައި އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ފްރަންޓްލައިން މަސައްކަތްތެރިންގެ މަސައްކަތުގައި އެހީތެރިވުމެވެ. ގައިޑްލައިނުތަކާއި އެއްގޮތަށް އަމަލުކުރުމެވެ. މި ބަލިމަޑުކަމުން ސަލާމަތްވާން ގުޅިގެން، އެކީ މަސައްކަތް ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް