ads
ފޮޓޯ މަޖިލިސް
ނުުކުޅެދުންތެރިކަން ހުންނަ 5000 އަށް ވުރެ ގިނަ މީހުންނަށް އެހީވިން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް ދެނެގަނެ 5000 އަށް ވުރެ ގިނަ ފަރާތަކަށް ގުޅައި ހާލުބަލައި އޭގެ ތެރެއިން ހާއްސަ ބޭހެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެފައިވާނެކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ، މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް އައި އިގްތިސާދީ ލޮޅުމުގައި ނޭދެވޭ އަސަރެއް ކުރި އެއްބަޔަކީ "އިންފޯމަލް ސެކްޓަރު" ގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތައް ކަމަށެވެ.

އިންފޯމަލް ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގިނައީ އަންހެނުން ކަމަށްވާތީ، ބޮޑު އަސަރެއް ކޮށްފައިވަނީ އަންހެނުންނަށްކަން ވެސް މިނިސްޓަރު ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، ކޮވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އަންހެނުން އިނޮވޭޓިވް ގޮތްތައް ހޯދައިގެން ފުރަބަންދުގެ ހާލަތުގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކުދި ވިޔަފާރިތައް ހުއްޓުނަ ނުދީ މަސައްކަތް ކުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ގޮތުން ނާޒުކު ހާލަތަކަށް އަންހެނުން ވެއްޓުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އެގޮތުން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެ ލޮކްޑައުންގެ ހާލަތުގައި ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސޭނެ ގޮތެއްނެތް 600 އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ޔުނިސެފްއާއި ގުޅިގެން ފޯރުކޮށްދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް ދެނެގަނެ 5000 އަށް ވުރެ ގިނަ ފަރާތަކަށް ގުޅައި ހާލުބަލައި އޭގެ ތެރެއިން ހާއްސަ ބޭހެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިން ކަމަށާއި މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުފަތުރު ކުރުމުގައާއި ރާއްޖެއިން ބޭރަށް ތަފާތު ކަންކަމުގައި ގޮސްފައިވާ 52 ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާ އެނބުރި ރާއްޖެ އައުމަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަން ވެސް ޖެންޑާ މިނިސްޓަރު ހާމަކުރެއްވި އެވެ.

މީގެ ނަތީޖާއަކީ އެފަރާތްތަކަށް އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ބާކީކޮށްނުލައި ވަކިން ހާއްސަ ސަލާމުކަމެއް ދެވުނުކަންކަމަށާއި އަދި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަށް ދިޔުމާއި ގުޅިގެން މި ހާލަތުގައި ހުރި ހުރިހާ ރަށެއްގައި ދާންމަތި ވެފައި ތިބި އަދި ދޮށީ އުމުރުގެ 4026 ފަރާތަކަށް ގުޅައި ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، މިހާލަތުގައި އެފަރާތްތައް ހަވާސާނުކޮށް އިތުރަށް ނާޒުކު ހާލަތަށް ގެނބިގެންދިޔަ ނުދިނުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރެވުނު ކަމަށާއި މިއަދު މިވާހަކަ ދައްކާ ސަބަބަކީ ކޮވިޑްގެ ހާލަތްތަކުގައި އެންމެ ބޮޑަށް އަސަރެއްކޮށް މިދަނޑިވަޅުގައި ބޮޑު ޒިންމާއެއް ނަގަމުންދިޔަ ބަޔަކީ އަންހެނުންނަށްވެފައި އެ އަންހެނުން މިކަމުގެ ތެރޭގައި ފިކުރު ބޮޑުވެގެން ދިޔަވަގުތު ސަރުކާރުން އެމީހުންގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވުމުންދާކަން ފާހަގަކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް