ads
ރައީސް ސޯލިހް
ކައުންސިލް އިންތިހާބުން އަންހެނުން ބާރުވެރިކުރަން ކުރާ މަސައްކަތް ފެންނާނެ: ރައީސް
ކައުންސިލްތަކުގެ އިންތިހާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ އިއްޔެ ފާހަގަކުރެވުނު ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

އަދިމުޖުތަމައުގެ މުހިންމު ދާއިރާތަކާއި އިސް މަގާމުތަކުގައި އަންހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަމުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުސަތުތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްފާ އެވެ.

ރައީސް ވިދާޅުވީ، އެ އިސްލާހުތަކާއެކު، ކަންކަން ނިންމުމުގެ އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ހާއްސަކުރެވިފައިވާ މަގާމުތަކެއް ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމާއެކު، އިގްތިސާދީ ދާއިރާއިން އަންހެނުންނަށް ކުރިއަރައި ދިއުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. 

އެ ގޮތުން، މިންތީގެ ގޯނާތައް ފަދަ، ނުއެކަށޭނަ އަމަލުތަކުން އަންހެނުން ސަލާމަތްކޮށް، އެ ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމާލައްވަމުން ވިދާޅުވީ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި، ސަރުކާރުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް