ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
ސީލައިފްގެ އެމްޑީ އައްމަޓީ ގެނައުންލަސްވަނީ ލަންކާ ފުލުހުން އޭނާގެ މައްސަލައެއް ބަލާތީ
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ރާއްޖެ ގެނައުން ލަސްވަނީ ލަންކާގެ ފުލުހުން އޭނާގެ މައްސަލައެއް ބަލަމުންގެންދާތީ ކަމަށް ފުލުހުން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްމަޓީ މިވަގުތު ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. 

މީގެ އިތުރުން އޭނާ ލަންކާ ފުލުހުންގެ ބެލުމުގެދަށުގައި ހުރީ ލަންކާ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިހާތަނަށް އައްމަޓީ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައްއަދި ކުރިއަށް ނުގެންދެވޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް އެއް ނެރެފައިވެއެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ، ރެޑް ހައުސް، އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށް އިންޓަޕޯލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ މަހު 22 ގައެވެ. 

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އެކަމަކު އެޕާޓްމަންޓްތައް ނުލިބި އެމީހުންނަށް އިންސާފު ނުލިބި ލަސްވާތީ އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އައްމަޓީ ހައްޔަރުކުރަން ގޮވާލާއި މީގެ ކުރިން ތަފާތު ހަރަކާތްތައް ވެސް ބާއްވާފަ އެވެ. 

ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާ ކަމަށް ވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އިއުލާންކުރި އެ މަޝްރޫއުގައި ސީލައިފުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުކޮށް ފައިސާ ނެގުމުގެ ސަބަބުން ގެއްލުންވި މީޙުންގެ ތެރެއިން 203 މީހަކު ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސަރުކާރުން ކޯޓުން ބޭރުގައި ނިންމީ ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތުދޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް